އެމްބީބީއެސްއާއި ޕީއެޗްޑީ ހެދުމަށް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ގައުމީ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރި ފުރަތަމަ ދެ ދަރިވަރަން: ސުނީނާ އަދި އައިޝަތު އަލީ-- ސަން ފޮޓޯ: މުހައްމަދު އަފުރާހު

އެމްބީބީއެސް އާއި ޕީއެޗްޑީ ރާއްޖޭގައި ހެދުމަށް ލޯނަށް އެދުމުގެ މުއްދަތު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން އިތުރުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭޭގައި އެމްބީބީއެސް ހެދުމަށް އެ ޑިޕާޓްމަންޓުން 50 ދަރިވަރުންނަށް ހުޅުވާލި ލޯނަށް އެދުމުގެ ފުރުސަތު އަންނަ ބުރާސްފައްޗާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ރާއްޖޭގައި ޕީއެޗްޑީ ހެދުމަށް ކުރިން އޮތީ ފަސް ދަރިވަރަކަށް ލޯނު ދޭގޮތަށެވެ. ނަމަވެސް ފަހުން ވަނީ އެ އަދަދު ދިހައަކަށް އިތުރުކޮށްފައެވެ. ޕީއެޗްޑީ ހެދުމަށް ލޯނަށް އެދުމުގެ ފުރުސަތުވެސް ވަނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

ލޯނަށް އެދުމަށް ހުށަހަޅަން ޖެހޭ ފޯމު ޑިޕާޓްމަންޓު އޮފް ހަޔާ އެޑިއުކޭޝަންގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ގައުމީ ޔުނިވާސިޓީން ރާއްޖޭގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ ޑޮކްޓަރުކަން ނުވަތަ އެމްބީބީއެސް ކޯހަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަންތައް އަންނަ އާދިއްތަ ދުވަހުން ބަލައިގަންނާނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ.

އެމްބީބީއެސް ކޯހަށް ވަނުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަންތައް އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހާ ހަމައަށް ބަލައިގަންނާނެ ކަމަށް ވެސް ގައުމީ ޔުނިވާސިޓީން ބުންޏެވެ.

comment ކޮމެންޓް