މިއަހަރު ތުރުކީއަށް ފޮނުވާ ޒުވާން ޓެނިސް ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

ތުރުކީގައި އޮންނަ ޓްރެއިނިން ކޭމްޕަށް ދާ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓެނިސް އެސޯސިއޭޝަނާއި އަލިބޭ މޯލްޑިވްސްއާ މިދިޔަ އަހަރު ވެވުނު އެއްބަސްވުމުގެ ދަށުން މިއަހަރު ތުރުކީގައި އޮންނަ ދެވަނަ ޓެނިސް ކޭމްޕަށް ފޮނުވާ ކުޅުންތެރިންނަށް މިއަދު ޖާޒީ ހަވާލުކޮށްފިއެވެ.

އަލިބޭ މޯލްޑިވްސްއާއި ޓެނިސް އެސޯސިއޭޝަނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރުވެސް ޒުވާން ކުދިންތަކެއް ތުރުކީއަށް ފޮނުވާފައިވާ އިރު، މިއަހަރު ފޮނުވާނީ 14 އަހަރުން ދަށުގެ 12 ކުޅުންތެރިންނެވެ. އެއީ އަންހެން ހަ ކުޅުންތެރިންނާއި ފިރިހެން ހަ ކުޅުންތެރިންނެވެ. ބާރަ ކުޅުންތެރިންގެ އިތުރުން މިއަހަރުގެ ކޭމްޕްގައިވެސް ތިން އޮފިޝަލަކު ބައިވެރިވާނެއެވެ.

ގައުމީ ޓެނިސް ސެންޓަރުގައި މިއަދު ބޭއްވި ހަފްލާގައި ކުޅުންތެރިންނާއި އޮފިޝަލުންނާ ޖާޒީ ހަވާލުކޮށްދެއްވީ ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހްމަދު ނަޒީރު (ކްރައުން ނަޒީރު) އަދި އަލިބޭ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަރުމާން ގުނޭޑިންއެވެ.

ތުރުކީގައި އޮންނަ ޓްރެއިނިން ކޭމްޕަށް ދާ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން ޔޫސުފް ރިޒާ ވިދާޅުވީ އަލިބޭ މޯލްޑިވްސްއާ ޓެނިސް އެސޯސިއޭޝަންއާ ދެމެދު ހެދިފައިވާ އެމްއޯޔޫގެ ދަށުން މިދިޔަ އަހަރު ފޮނުވީ 16 އަހަރުން ދަށުގެ އެންމެ މޮޅު 12 ކުޅުންތެރިން ކަމަށާއި، މިއަހަރު ފޮނުވަނީ 14 އަހަރުން ދަށުގެ އެންމެ މޮޅު 12 ކުޅުންތެރިން ކަމަށެވެ.

އަދި އަލިބޭ މޯލްޑިވްސްގެ ފަރާތުން ހުރިހާ ހަރަދެއް ބަލަހައްޓާ ގޮތަށް ޓެނިސް އެސޯސިއޭޝަންގެ ކުޅުންތެރިންނަށް ފަހި ކޮށްދިނުމަކީ ކުޅުންތެރިންގެ ހުނަރު ކުރިއަރުވަން ލިބޭ ވަރަށް މުހިންމު ތަޖުރިބާއެއް ކަމަށެވެ.

އަލިބޭ މޯލްޑިވްސްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަރުމާން ވިދާޅުވީ ޓެނިސް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ޓެނިސް ކޭމްޕްގައި ދިއުމަށް ތައްޔާރުވެފައިވާ ހުރިހާ ކުދިންވެސް ބުނީ ތުރުކީއަށް ދިއުމަކީ ޓެނިހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ފުރުސަތު ކަމަށާއި، އެންމެ އެކަށީގެންވާ ގޮތެއްގައި ފުރުސަތުގެ ބޭނުންކުރަން ތައްޔާރަށް ތިބި ކަމަށެވެ.

ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ތުރުކީއަށް ދަތުރުކުރާ 12 ކުޅުންތެރިން އެ ގައުމަށް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުގައެވެ.

ތުރުކީގައި އޮންނަ ޓްރެއިނިން ކޭމްޕަށް ދާ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ތުރުކީއަށްދާ 12 ކުޅުންތެރިން:

މުހައްމަދު ނާމިގް ޝާހިދު

ރައުދަކު މައުމޫން

އައްޔޫބް ޝަހީބު

އިސްމާއީލް ނުހައިކު އިރުޝާން

މުހައްމަދު މުއައްލިމް އަހުމަދު

މުހައްމަދު ކައިސާން އިއްޒަތު ރަޝީދު

ސާރާ އަހުމަދު އަކުރަމް

އައިޝަތު ތާރާ ނައީމް

ލަޔާން މުހައްމަދު ޝާމިން

ޒޯޔާ ޒޫބިން ސަލީމް

އައިޝަތު ޔާރާ ޝަމާލް

މަރިޔަމް އަލީޝާ ޚަތީރު

ޓީމާއެކު ދާ ތިން އޮފިޝަލުން:

އަހުމަދު އިފްޝާދު

މުހައްމަދު ޝާމިން

ފާތިމަތު ސުއިޒާ

comment ކޮމެންޓް