އިސްލާމް ދީން ނޫން އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތުދޭން ބާރު އަޅަނީ ނަޝީދު: ޕީޕީއެމް

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމް ދީން ނޫން ދީންތަކަށް ރާއްޖޭގައި ފުރުސަތު ދިނުމަށް އީޔޫއާ ގުޅިގެން ބާރު އަޅަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ދިވެއްސަކު އިސްލާމުދީން ދޫކޮށްލިޔަސް ދިވެހި ރައްޔިތުކަން ނުގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން އީޔޫއިން މިއަދު ނެރުނު ރިޕޯޓެއްގައި ރާއްޖެއަށް ވަނީ ލަފާދީފަ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ބާތިލު ދީންތައް މިގައުމަށް ގެންނަން މަސައްކަތް ކުރާ ކޮންމެ މީހަކާ ދެކޮޅަށް ނުކުންނަން ޕީޕީއެމް އާއި އެޕާޓީގެ ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ގަބޫލު ކުރެވެން އެބަޖެހޭ އެމީހުން އެއުޅެނީކީ ދިވެހި ރައްޔިތުންނަށް ހެޔޮއެދިގެން ނޫންކަން. އެއުޅެނީ ކޮންމެ ގޮތެއް ހަދައިގެންވެސް މިތާނގައި އޮތް ސައްތައިން ސައްތަ މުސްލިމު ގައުމުގެ ނަން ދުއްވާލާފައި ބާތިލު ދީންތައް ގެންސްގެން ވެރިކަން ބޭނުންވެގެން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އީޔޫއިން އެގޮތަށް ލަފާ ދިނީ އިދިކޮޅު ފަރާތްތަކުން ގުޅިގެން އީޔޫއަށް ހުށަހެޅި ރިޕޯޓުތަކަކާ ގުޅިގެން ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ބަލައި ގަންނާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުދޭން ނުކުންނަ އިރު އެކަންކަމަށް ވިސްނާލަން ޖެހޭ ކަމަށެވެ. މިއަދު ވޯޓު ދޭން ޖެހެނީ އެއްކޮޅުން އިސްލާން ދީނަށް ކަމަށާއި އަދި އަނެއްކޮޅުން ބާތިލު ދީންތަކަށް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދޭ ވޯޓަކީ އިސްލާމްދީނަށް ދޭ ވޯޓުގެ ގޮތުގައި އަދުރޭ ވަނީ ސިފަ ކުރައްވާފަ އެވެ.

"މިހާ ހިސާބަށް މިމީހުންގެ ކަންތައް ދިޔައިމަ ދިވެހި ރައްޔިތުން އެކީ އެކައްޗެއް ކިޔާފަ އެބަޖެހޭ މިމީހުންނާ [އިދިކޮޅު ފަރާތްތަކާ] ދެކޮޅަށް ނުކުންނަން. އެއީކީ ކޮންމެހެން ސިޔާސީ ފިކުރެއްގައެއް ނޫން. އެއީ އިސްލާމް ދީނުގެ ދިފާއުގައި." އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މިއަދު މިއީ ހިތާމަވެރި ދުވަހެއް ކަމަށެވެ. ބޭރުގެ ޖަމްއިއްޔާތަކުން ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ގެންދިޔައީ މިފަދަ ލަފައެއްގެ ބޭނުމުގައި ކަމަށް ނިހާން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"މި މަސައްކަތް އީޔޫއިން މިކުރީ އީޔޫއަކުނެއް ދިވެހިރާއްޖެއާ ހުރެ ސަލާމަތް ނުވެގެން ހައްގުތަކެއް ގެއްލިގެނެއް ނޫން." ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ރާއްޖޭގައި ހިންގާ ހުރިހާ ސިޔާސީ ޕާޓީތަކުން އެ ނުކުތާ ކުއްވެރި ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ނުކޮށް ލަސްކޮށްފި ނަމަ އެކަންވެސް ބަލަމުން ގެންދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ދުނިޔެމަތީގެ ތިން އަހަރު ކެނެރީގޭ އަނދިރިންނާ ހެދި މިހާރުވެސް ގެއްލިގެން ހިނގައްޖެ. ދެން އާޚިރަތްވެސް އަޅުގަނޑުމެން މީނަގެ ބަހަށް ހެއްލިގެން ގެއްލެންވީތޯ،" ނިހާން ވިދާޅުވި އެވެ.

އީޔޫއިން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާ މުރާޖާކޮށް، އިސްލާހުކުރަން ފެންނަ ކަމަށާއި އެގޮތުން ރާއްޖޭގެ ރައްޔިތަކަށްވެ، އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ޝަރުތެއްގެ ގޮތުގައި މުސްލިމަކަށްވުން ނުހިމަނަން ލަފާ ދޭ ކަމަށާއި އިންތިޚާބުގައި ވާދަކުރުމަށް ސުންނީ މުސްލިމަކަށްވުން ލާޒިމުނުކުރާ ގޮތަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އިސްލާހުކުރަން ލަފާދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ނުވަވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށެވެ.

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އީޔޫއިން ގޮވާލާފައި މިވަނީ މިދިޔަ މަހުގެ ތެރޭގައި އީޔޫގެ ކައުންސިލުން ރާއްޖެއާ ދެކޮޅަށް ފާސްކުރި ގަރާރެއްގައިވެސް ރާއްޖޭގައި ދީނީ މިނިވަންކަން ނޯންނާތީ ރާއްޖެއަށް ފާޑުކިޔުމުން، އެކަމާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

comment ކޮމެންޓް