ދިމިޝްގުން ފޭބުުމަށް އައިއެސްގެ ހަނގުރާމަވެރިންނަށް 48 ގަޑިއިރުގެ މުހުލަތެއް ދީފި

ސީރިއާގެ ބައެއް ސަރަހައްދުތައް އަދިވެސް އޮތީ އައިއެސްގެ ކޮންޓްރޯލުގެ ދަށުގައި -- ފޮޓޯ: ރޮއިޓާސް

ދިމިޝްގު (އޭޕްރިލް 19): ސީރިއާގެ ވެރިރަށް ދިމިޝްގުގެ ދެކުނުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކޮންޓްރޯލު ކުރާ ސަރަހައްދެއް ދޫކޮށް ދިޔުމަށް އެޖަމާއަތުގެ ހަނގުރާމަވެރިންނަށް 48 ގަޑިއިރުގެ މުހުލަތެއް ދީފި އެވެ.

ސީރިއާ ސަރުކާރަށް ތާއިދު ކުރާ އަލް ވަތަން ނޫހުގައިވާ ގޮތުން ދިމިޝްގުގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަކީ ފަލަސްތީން ރައްޔިތުންނަށް ހާއްސަ ޔާމޫކް ރެފިއުޖީ ކޭމްޕު ހުރި ސަރަހައްދެވެ. އަދި އެސަރަހައްދު ހިފުމަށްޓަކައި ސީރިއާގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތައް ދޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

"(އައިއެސްއަށް) ދެ ދުވަހުގެ މުހުލަތެއް ދެނީ އަސްކަރީ ހަމަލާއެއް ނުދިނުމަށްޓަކައި. އެޖަމާއަތުން (ދިމިޝްގު ދޫކޮށް) ދާން ދެކޮޅު ހަދައިފި ނަމަ އަސްކަރިއްޔާއިން އޮތީ އެމީހުން ފޮނުވާލަން ތައްޔާރަށް،" އަލް ވަތަނުގައިވެ އެވެ.

ޔާމޫކް ރެފިއުޖީ ކޭމްޕަކީ މީގެ ކުރިން ސީރިއާގައި އެންމެ ގިނަ އަދަދެއްގެ ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅެމުން އައި ސަރަހައްދެވެ. އަދި މީގެ ހަތް އަހަރު ކުރިން ސީރިއާ ހަނގުރާމަ ފެށުނު ފަހުން އެކޭމްޕުގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ކޭމްޕު ދޫކޮށް ދިޔަ ނަމަވެސް، އެކޭމްޕު ދޫކޮށް ނުދެވިފައި އެތައް ހާސް މީހުން ތިބި ކަމަށް އދ.އިން ބުނެ އެވެ.

ސީރިއާގެ ބައެއް ސަރަހައްދުތައް އައިއެސް އިން އަދިވެސް ކޮންޓުރޯލު ކުރަމުން ދިޔަ ނަމަވެސް އެޖަމާއަތުން ވެރިރަށުގެ ގޮތުގައި ބެލި ރައްގާ ވަނީ މިދިޔަ އޮކްޓޯބަރު މަހު ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައި އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް