މާލެހިޔާ އަށް ފެން ލީކުވުން ހައްލުކުރަން ބޭނުންވާ ފައިސާ ހޯދަން ފިނޭންސްގައި އެދިއްޖެ

މާލެ ސިޓީ ކައުންސިލުގެ ފުލެޓް ކޮމެޓީގެ ޗެއާ އަދި މެދު ހެންވޭރު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ނިޔާޒު، މާލެއަށް މިފަހުން ކުރި ވިއްސާރައިގައި މާލެހިޔާ އެކަކަށް ލިބުނު ގެއްލުންތައް ބައްލަވާލައްވަނީ --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭހިޔާގެ ފުރާޅުން ފެން ލީކުވެ އެޕާޓްމަންޓުތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަމުންދާ މައްސަލަ ހައްލުކުރަން ބޭނުންވާ ފައިސާ ހޯދަން މާލެ ސިޓީ ކައުންސިލުން، ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.

ވިއްސާރަ ދުވަސްވަރާ ދިމާކޮށް މާލެ ހިޔާގެ ފުލެޓްތަކުގެ ތެރެއަށް ފުރާޅުން ފެން ލީކުވާ މައްސަލައާއި އެ ފުލެޓްތައް ގިނަ ދުވަސްވެ މަރާމާތު ނުކުރާ މައްސަލައަކީ އެ ފުލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން އަހަރުތަކެއް ވަންދެން ކުރަމުންދާ ޝަކުވާ އެކެވެ.

އެގޮތުން މިދިޔަ އަންގާރަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ވެސް މާލެހިޔާ 1ގެ އެޕާޓްމަންޓުތަކަށް ފެން ލީކުވެ ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، މިދިޔަ ޖަނަވަރީ މަހު ކުރި ވިއްސާރައިގައި މާލެހިޔާ އެކެއް އަދި ދޭއްގެ ބައެއް އެޕާޓްމަންޓުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

ސިނަމާލެ އެކެއް، ސިނަމާލެ ދޭއް، ސިނަމާލެ ތިނެއް އަދި މާލެހިޔާ އެކެއް އަދި މާލެހިޔާ ދޭއް ފުލެޓްތައް ބަލަހައްޓަމުންދާ މާލޭ ސިޓީ ކައުންސިލަށް ވެސް އެ މައްސަލަތައް ހުށަހެޅޭ އިރު، އެ އިދާރާއިން ވެސް ބުނަމުންދަނީ އެއީ ދިރިއުޅެން ހެޔޮނުވާނެ ތަންތަން ކަމަށެވެ.

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެހިޔާ ފުލެޓްތަކަށް ލިބުނު ގެއްލުންތައް ބެލުމަށް ފަހު މާލެ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މާލެއަށް މިފަހުން ކުރި ވިއްސާރާގައި ގެއްލުން ލިބުނު މާލެހިޔާ ފުލެޓްތަކުގެ ހާލަތު އެ ކައުންސިލްގެ ފުލެޓް ކޮމިޓީން ބަލާފައިވާ ކަމަށެވެ.

އެގޮތުން މާލެހިޔާ 1ގެ ފުރާޅަކީ ވަރަށް ބާވެފައިވާ ތަނެއް ކަަމަށާއި އިތުރު ގެއްލުންތަކެއް ލިބުމުގެ ކުރީން ރަގަނޅު އަދި އަވަސް މަރާމާތުތަކެއް ކުރަން ޖެހޭ ކަމަށް ޓްވީޓުގައި ބުނެފައިވެ އެވެ.

އަދި އެކަންތައްތައް ކުރުމަށް ފިނޭންސް މިނިސްޓްރީގައި ފަންޑު ދިނުމަށް އެދިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.

comment ކޮމެންޓް