އުތުރު ކޮރެއާގެ ނިއުކްލިޔާ ޕްރޮގްރާމް މަދަނީ ޕްރޮގްރާމަކަށް ބަދަލުކުރުމަކީ ސަމިޓްގެ ލަނޑުދަނޑި: ޓްރަމްޕް

ވޮޝިންޓަން (އެޕްރީލް 19): އުތުރު ކޮރެއާއިން ނިއުކްލިޔާ ހަތިޔާރު ނައްތާލައި އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމް މަދަނީ ޕްރޮގްރާމަކަށް ބަދަލުކޮށްލުމަކީ އުތުރު ކޮރެއާގެ ޒައީމު ކިމް ޖޮންގް އުންއާ އެކު ބާއްވާ ބައްދަލުވުމުގެ މައި ލަނޑުދަނޑިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާއަށް ވަޑައިގެން އުޅުއްވާ ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ އެކު ވައިޓް ހައުސްގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ޓްރަމްޕް ވިދާޅުވީ ސީއައިއޭގެ ވެރިޔާ އަދި އެމެރިކާގެ ޚާރިޖީ ވަޒީރުކަމަށް އިޚްތިޔާރު ކުރައްވާފައިވާ މައިކް ޕޮމްޕިއޯ އުތުރު ކޮރެއާގެ ޒައީމު ކިމް ޖޮންގް އުންއާ ބައްދަލުކުރެއްވުމަށްޓަކައި ޕްޔޮންގްޔަންގަށް ފޮނުއްވީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ނައްތާލައި އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް މަދަނީ ޕްރޮގްރާމަކަށް ބަދަލުކުރުމުގެ މުހިންމުކަން ކިމް ޖޮންގް އުންއަށް ވިސްނައިދެއްވުމަށެވެ.

ޓްރަމްޕް ވަނީ ޕޮމްޕިއޯ ސިއްރިޔާތުގައި ދާދި ފަހުން އުތުރު ކޮރެއާއަށް ވަޑައިގެން އެގައުމުގެ ޒައީމު ކިމް ޖޮންގް އުންއާ ބައްދަލުކުރެއްވިކަން ކަށަވަރު ކޮށްދެއްވާފައެވެ. ޕޮމްޕިއޯ އުތުރު ކޮރެއާއަށް ފޮނުއްވީ ކިމް ޖޮންގް އުންއާ އެކު ބާއްވާ ސަމިޓް ކާމިޔާބު ސަމިޓަކަށް ހެދުމުގެ ބޭނުމުގައި ކަމަށް ޓްރަމަޕް ވިދާޅުވިއެވެ.

ޕޮމްޕިއޯއަކީ ފާއިތުވި 17 ވަރަކަށް އަހަރު ތެރޭގައި އުތުރު ކޮރެއާއަށް ވަޑައިގެންނެވި އެމެރިކާގެ ހަމައެކަނި އިސް މަސްއޫލުވެރިޔާއެވެ. ޕޮމްޕިއޯގެ ކުރިން އެމެރިކާގެ އިސް ބޭފުޅަކު އުތުރު ކޮރެއާއަށް ވަޑައިގެންފައި ވަނީ ބިލް ކްލިންޓަންގެ ވެރިކަމުގައި ޚާރިޖީ ވަޒީރަކަށް ހުންނެވި މެޑެލިން އޯލްބްރައިޓްއެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ވެސް ނިއުކްލިއާ ޕްރޮގްރާމް މަދަނީ ޕްރޮގްރާމަކަށް ބަދަލުކުރުމުގެ މަޝްވަރާތަކެއް އެމެރިކާއާ އުތުރު ކޮރެއާއާ ދެމެދު ދެކެވި، އެކަމާބެހޭ ބައެއްކަންކަން ވެސް ތަންފީޒު ކުރެވުނެވެ. ނަމަވެސް އުތުރު ކޮރެއާއިން އެދުނު ބައެއް ކަންކަމަށް އެމެރިކާ އިޖާބަ ނުދިނުމުގެ ސަބަބުން އުތުރުކޮރެއާއިން ވަނީ އަލުން އެގައުމުގެ އަސްކަރީ ޕްރޮގްރާމު ދިރުވައި، ނިއުކްލިޔާ ހަތިޔާރުވެސް ތަޖުރިބާކޮށްފައެވެ. މިހާރު އުތުރު ކޮރެއާގައި 15 ވަރަކަށް ނިއުކްލިއާ ބޮން އޮންނާނެ ކަމަށް އެމެރިކާއިން ލަފާކުރެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް