މަޑަވެލީގައި ނަރުދަމާ ގާއިމްކުރަން 15 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި

ގދ. މަޑަވެލީގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރުމަށް މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ހަވާލުކުރި ކަމުގެ ލިޔުން ބަދަލުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގދ. މަޑަވެލީގައި ގާއިމުކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ކުރުމަށް އަމިއްލަ ކުންފުންޏަކާ 15 މިލިއަން ރުފިޔާ އަށް މިއަދު ހަވާލުކޮށްފި އެވެ.

ލޭބާ ކޮންޓްރެކްޓް މޮޑެލްގެ ދަށުން އެ މަސައްކަތް ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ މިއަދުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިގް އިބްރާހީމެވެ. ކޮންޓުރެކްޓް ހަވާލުކުރި ކުންފުނީގެ ފަރާތުން ހަވާލުކުރީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.

ގާތްގަނޑަކަށް 2000 އެއްހާ ރައްޔިތުންގެ އާބާދީއެއް އޮންނަ މަޑަވެލި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި އިރު، އެ މަސައްކަތުގެ ޑިޒައިން މަސައްކަތް ކުރީ ފެނަކަ ކޯޕަރޭޝަނުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ، 2013 ވަނަ އަހަރުގެ ނިޔަލަށް ނަރުދަމާ ނިޒާމުގެ ހިިދުމަތް ލިބެމުން ދިޔައީ މާލެ ސިޓީ ހިމަނައިގެން 31 ރަށެއްގައި ކަމަށާއި ނަމަވެސް، މިދިޔަ އަހަރުގެ ނިޔަލަށް އިތުރު 21 ރަށެއްގައި ނަރުދަމާ ގާއިމްކޮށް ހިދުމަތް ދެމުންދާ ކަމަށެވެ.

އަދި އިތުރު 44 ރަށެއްގައި ނަރުދަމާގެ އަަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް