ބޯންމައުތު ބަލިކޮށް، ޔުނައިޓެޑުން އެފްއޭ ކަޕްގެ ސެމީއަށް ތައްޔާރުވެއްޖެ

މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތު ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތާ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފި އެވެ.

ރަށުން ބޭރުގައި ޔުނައިޓެޑުން ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑަށް ގޯލްތައް ޖަހައިދިނީ ކްރިސް ސްމޯލިން އަދި ރޮމެލޫ ލުކާކޫ އެވެ.

މި ހަފްތާ ހޮނިހިރު ދުވަހު ޔުނައިޓެޑުން އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ނުކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ. އެ މެޗަކީ މި ސީޒަންގައި ޓްރޮފީއެއް ހޯދުމަށް ޔުނައިޓެޑަށް މުހިއްމު މެޗެކެވެ.

ލީގުގެ ދެވަނައިގައި ޔުނައިޓެޑް އޮތް އިރު، ލީގުގެ އެއްވަނާގައި 13 ޕޮއިންޓާ އެކު އޮތް ވާދަވެރި މެންޗެސްޓާ ސިޓީން ވަނީ ލީގު ޗެމްޕިއަންކަން ޔަގީން ކޮށްފަ އެވެ.

ރޭގެ މެޗަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ނެރުނު ފުރަތަމަ 11 އިން ގިނަ ބަދަލުތަކެއް ފެނިފައިވެ އެވެ. އެގޮތުން އާއްމުކޮށް ޔުނައިޓެޑްގެ ކުރިއަށް ކުޅޭ ލުކާކޫ ފަހު ހާފްގައި ފެނިފައިވާ އިރު، އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ގޯލް ޖަހައިފަ އެވެ.

ލުކާކޫގެ އިތުރުން އެލެކްސިސް ސަންޗޭޒް، އެޝްލީ ޔަންގްގެ އިތުރުން އެރިކް ބެއިލީއާއި ނެމެންޖާ މަޓިޗް ވެސް ރޭގެ މެޗުގެ ފުރަތަމަ 11 އިން ފެނިފައެއް ނުވެ އެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތު ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ހުރިހާ ކުޅުންތެރިން ވެސް ޓޮޓެންހަމް މެޗަށް ތައްޔާރަށް ތިބި ކަމަށާއި ރޭގެ މެޗުގައި ޓީމުން ވަރަށް ރަނގަޅު އެޓިޓިއުޑެއް ފެނިގެން ދިޔަ ކަމަށެވެ.

މޮރީނިއޯ ބުނީ އެފްއޭ ކަޕްގެ ސެމީ ފައިންލްގައި ބޭނުން ކުރާނީ ރޭގެ މެޗުގައި ބޭނުންކުރި 11 ނޫން ކަމަށާއި އެ މެޗަށް ނުކުންނާނީ ވަރުގަދަކޮށް ކަމަށެވެ.

ރޭގެ މެޗުން މޮޅުވެ ކުޅުނު 34 މެޗުން 74 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ލީގު ތާވަލުގެ ދެވަނައިގަ އެވެ. މެޗުން ބަލިވި ބޯންމައުތަށް 35 މެޗުން 38 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ލީގު ތާވަލުގެ 11 ވަނައިގަ އެވެ. ލީގު ތާވަލުގެ 18 ވަނައިގައި އޮތް ސައުތުހެމްޓަންއަށް 33 މެޗުން 28 ޕޮއިންޓް ލިބިފައިވާ އިރު، ބޯންމައުތަށް އަދިވެސް ރެލިގޭޝަންގެ ޕްރެޝަރު އެބައޮތެވެ.

އެފްއޭ ކަޕްގެ ދެވަނަ ސެމީގައި ޗެލްސީ ނުކުންނާނީ ސައުތުހެމްޓަންއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގަ އެވެ.

comment ކޮމެންޓް