ތަފާތުކުރުމެއް ނެތި ކެމްޕޭން ކުރުމުގެ މާހައުލެއް ފަހިވާންޖެހޭ: އީޔޫ

އީޔޫގެ ވަފުދާ އެކު ރައީސް ޔާމީން، ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފައިލް ފޮޓޯ/ ރައީސް އޮފީސް

ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކުރިއަށް ގެންދިއުމަށް ރާއްޖޭގައި މިހާރު އޮތް ހާލަތު ބަދަލުވެ، ސިޔާސީ ފަރާތްތަކަށް މިނިވަންކަމާ އެކު ތަފާތުކުރުމެއް ނެތި ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނަ މާހައުލެއް ފަހިވާންޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.

އީޔޫގެ އިލެކްޝަން ފޮލޯއަޕް މިޝަން (އީއެފްއެމް) އިން މިދިޔަ ޖަނަވަރީ މަހުގެ އަށަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު މިއަދު ނެރުނު ބަޔާނުގައި ބުނީ، ރާއްޖެ މިހާރު އޮތް ހާލަތުގައި ސިޔާސީ މިނިވަންކަން އޮތީ ވަރަށް ބޮޑަށް ހަނިވެފައި ކަމަށާއި އެ ހާލަތު ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"ރާއްޖެ އިން އެއްބަސްވެފައިވާ ބައިނަލްއަގްވާމީ އުސޫލުތަކާ އެގޮތަށް ކުރިއަށް އޮތް އިންތިހާބު ބޭއްވުމަށް ރާއްޖޭގެ މިހާރު އޮތް ހާލަތު ބަދަލުވާން ޖެހޭ. އިންތިހާބުގައި ވާދަކުރާ ހުރިހާ ސިޔާސީ ކެންޑިޑޭޓުންނަށް މިނިވަންކަމާއި ތަފާތު ކުރުމެއް ނެތި ކެމްޕޭން ކުރުމުގެ ފުރުސަތު ފަހިކޮށްދީ މަދަނީ ޖަމިއްޔާތަކާއި މީޑިއާތަކަށް މިނިވަންކަމާ އެކު އެމީހުންގެ މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް ހޯދައިދޭން ޖެހޭ،" މިޝަންގައި އިސްކޮށް ހުންނެވި ކުކާން ވިދާޅުވެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، 2014 ވަނަ އަހަރުން ފެށިގެން، ރާއްޖޭގެ އިންތިހާބާ ގުޅޭ ކަންކަން އިސްލާހުކޮށް ހަރުދަނާ ނިޒާމެއް ގާއިމް ކުރުމަށް އިސްކަމެއް ދެވިފައި ނުވާ ކަމަށެވެ.

އެގޮތުން، ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަން ވެސް މިހާތަނަށް ދީފައިވަނީ ރާއްޖޭގައި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ކަށަވަރު ކުރުމާ ގުޅޭ ކަންބޮޑުވުން ތަކަށް ކަމަށާއި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވެސް އިންތިހާބާ ގުޅޭ ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާ ކަމަށް ބުނެފައިވެ އެވެ.

އީޔޫގެ މިޝަން އިން ބުނީ، އީޔޫގެ އިލެކްޝަން އޮބްޒަވޭޝަން މިޝަން އިން ދީފައިވާ ބައެއް ލަފާތައް ވެސް ހިމަނައިގެން، ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާ އެކު އެޓާނީ ޖެނެރަލްގެ އޮފީހުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ބައެއް ބަދަލުތަކެއް ގެންނަން ނިންމައި މަޖިލީހަށް ހުށަހަޅަން ނިންމަން އުޅޭ ކަމުގެ މައުލޫމާތެއް އެ މިޝަން އަށް ލިބިފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރީން، އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވި މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށް ވެސް އީޔޫ މިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އީޔޫގެ މިޝަން އިން ޖަނަވަރީ މަހު ރާއްޖެއަށް ކުރި ދަތުރުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ބައެއް މީޑިއާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ބޭރުގެ ފަރާތްތަކާ ބައްދަލުކުރި އެވެ.

ނަމަވެސް އެ މިޝަން އިން ބުނީ، ރައިސުލްޖުމްހޫރިއްޔާ އާއި ސުޕްރީމް ކޯޓް ފަދަ އެ ޓީމުން ބައްދަލު ކުރަން ބޭނުންވި މުހިންމު ފަރާތްތަކާ އެކު ބައްދަލު ކުރެވޭ ގޮތް ނުވި ކަމަށެވެ.

comment ކޮމެންޓް