ކިމްއާއެކު ބާއްވާ މަޝްވަރާތައް ކާމިޔާބު ނޫން ނަމަ އެކަން ހުއްޓަލާނަން: ޓްރަމްޕް

ޑަރު ކިމްއާ އެކު ބާއްވާ ބައްދަލުވުން ކާމިޔާބު ނޫން ނަމަ، އެބައްދަލުވުން ނިންމާލާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި --

ވޮޝިންޓަން (އޭޕްރިލް 19): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ އެކު ބާއްވަން ހަމަޖެހިފައިވާ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނުފެންނަ ނަމަ އެބައްދަލުވުމުން "ނުކުމެވަޑައިގެން"، ބައްދަލުވުން ނިންމާލައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕް އެފަދައިން ވިދާޅުވީ އެމެރިކާއަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރެއްވި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއެކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެދެބޭފުޅުން ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމު ހުއްޓާލަންދެން އެގައުމަށް ޕްރެޝަރު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

"އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ނައްތާލަންދެން އެގައުމަށް ޕްރެޝަރު ކުރުމުގެ ކެމްޕެއިން ކުރިއަށް ދާނެ. އަޅުގަނޑު ކުރިން ބުނި ފަދައިން، އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު އެއްކޮށް ނައްތާލައިފި ނަމަ އެވާނީ އެގައުމަށް ވަރަށް ރަނގަޅު ދުވަހަކަށް،" ޓްރަމްޕް ވިދާޅުވިއެވެ.

އަދި އަންނަ މަހު ބާއްވާނެ ކަމަށް ބެލެވޭ ޓްރަމްޕާއި ކިމްގެ ބައްދަލުވުން ކާމިޔާބުނުވާނެ ކަމަށް ގަބޫލުކުރެވޭނަމަ އެބައްދަލުވުން ނުބާއްވާނެ ކަމަށާއި، އެބައްދަލުވުން ކުރިއަށްދާ ވަގުތު ރަނގަޅު ނަތީޖާއެއް ނުފެންނަ ނަމަ ބައްދަލުވުން ހުއްޓާލައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އިއްޔެ ބޮޑުވަޒީރު އަބޭއާއި ޓްރަމްޕް ވަނީ "މިނިވަން، އިންސާފުވެރި އަދި ދެގައުމަށްވެސް ފައިދާ ހުރި ވިޔަފާރީގެ އެއްބަސްވުންތަކާ" ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް ރައީސް ޓްރަމްޕް ވަނީ އެމެރިކާއިން އަދިވެސް އޮތީ ޓްރާންސް ޕެސިފިކް ޕާޓްނާޝިޕް (ޓީޕީޕީ)އާ އަލުން ގުޅުމާ ދެކޮޅަށް ކަމަށް ވިދާޅުވެފައިއެވެ.

ޓީޕީޕީގެ މަގުސަދަކީ އެމެރިކާ އާއި އޭޝިއާގެ ގައުމުތަކާ ދެމެދު އޮތް އިގުތިސާދީ ގުޅުންތައް ވަރުގަދަކުރުން ކަމަށް ވީ ނަމަވެސް، އެއެއްބަސްވުމާ ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެއީ ބޮޑު ކުންފުނިތަކަށް ފައިދާވާ ގޮތަށް، ސިއްރު ޝަރުތުތައް ހިމަނައިގެން ހަދާފައިވާ އެއްބަސްވުމެކެވެ. އަދި ރައީސް ޓްރަމްޕް ވަނީ ވެރިކަމުގެ ހުވާ ކުރެއްވިތާ ހަފްތާއެއް ވެސް ނުވަނީސް އެމެރިކާ އެއެއްބަސްވުމުން ވަކި ކުރައްވާފައެވެ.

(ބީބީސީ)

comment ކޮމެންޓް