ގައުމުގެ މިނިވަންކަމުގެ އަގަކީ މަދު ފައިސާ ކޮޅެއްތޯ ސުވާލު ކުރަންޖެހޭ: ރައީސް ޔާމީން

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ އަގަކީ މަދު ފައިސާ ކޮޅެއްތޯ ސުވާލު އުފައްދަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމު ހިންގަން ތިބޭ މީހުން ގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ އަގު ކުރަނީ މަދު ފައިސާ ކޮޅަކަށްތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ.

"ދުސްތޫރު ދެމެހެއްޓުމުގައި އެންމެ ބާރުގަދަ މަސްއޫލިއްޔަތު ހަވާލުވެފައި އޮތް ބައެއްގެ ތެރެއަށް ފައިސާގެ ނުފޫޒް ވަނީމަ އަޅުގަނޑުމެން ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމުގެ އަގަކީ ދެމިލިއަން ޑޮލަރުތޯ، ތިންމިލިއަން ޑޮލަރުތޯ މިއީ މިއަދު ކޮށްލަން ޖެހޭ ސުވާލެއް،" ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ ބޮޑަށް އެ ސުވާލު ކުރަންޖެހެނީ އަމަން ބަލަހައްޓަން ތިބޭ މީހުންނާއި ގާނުނު ތަންފީޒު ކުރަން ތިބޭ މީހުން ކަމަށެވެ.

"ފެބްރުއަރީ އެކެއްގެ އަމުރު ތަންކޮޅެއް ކްރިޓިކަލްކޮށް މިއާ ދެތެރޭ ވިސްނާލީމަ ކުރެވެނީ ކޮން ސުވާލެއްތޯ. ކިހާވަރެއްތޯ 38 މިލިއަން ރުފިޔާތޯ. ދެމިލިއަން ޑޮލަރުތޯ. ތިން މިލިއަން ޑޮލަރު ތޯ. އަޅުގަނޑުމެންގެ ސިޔާދަތުގެ އަގަކީ. އަޅުގަނޑުމެންގެ މިނިވަންކަމުގެ ކާބަފައިންގެ ޖިހާދުގެ އަގަކީ ދެ މިލިއަން ޑޮލަރުތޯ. މިއަދު އަޅުގަނޑުމެން އެ ސުވާލު ކުރަންވީ ނޫންތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެފަދަ ކަންކަމަށް އެއްގޮތަކަށްވެސް ޖާގަ ދީގެން ނުވާނެ ކަމަށާއި އެހެން ނޫންނަމަ ދިވެހީން ވާނީ މި ގައުމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ކަމަށެވެ.

ރައީސް ވިދާޅުވީ އެކެއް ފެބްރުއަރީގައި ހިނގި ކަންކަމުގެ ސަބަބުން ދިވެހި ރާއްޖެ ދުވަހަކުވެސް ފަލީހަތް ނުވާ މިންވަރަށް ބައިނަލްއަގުވާމީ ދުނިޔޭގައި ފަލީހަތް ވެފައިވާ ކަމަށެވެ.

comment ކޮމެންޓް