ވިއްސާރަވެ ގަމުގައި ފެންބޮޑުވާތީ އެމްއެންޑީއެފް އިން އެހީވަނީ

ލ.ގަން--- ފޮޓޯ: ޓްވިޓާ

ވިއްސާރަވެ، ލ. ގަމުގައި ފެންބޮޑުވާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިހާރު ކުރާ ވިއްސާރަ އާ ގުޅިގެން ގަމު ތުނޑީ އަވަށު ގައި އަލަށް މީހުން އާބާދުވި ސަރަހައްދުގައި ފެންބޮޑުވެފައިވާ ކަމަށާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެކަމުގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހަވީރު 17:55 ގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ގަމު ކައުންސިލްގެ ރައީސް މުހައްމަދު ސިޔާމް "ސަން" އަށް ވިދާޅުވީ މިއަދު 2:30 އިން ފެށިގެން ގަމަށް މެދު ނުކެނޑި ވާރޭ ވެހެމުންދާ ކަމަށެވެ. ގޭގެއަށް ފެން ވަނަ ނުދިނުމަށް ވެލިބަސްތާ ޖަހާފައިވާ ކަމަށާއި ބައެއް ގޭގެއަށް ފެންވަދެފައިވާ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ. ނަމަވެސް ފެންވަނުމުގެ ސަބަބުން އެއްވެސް ގެއަކަށް ގެއްލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިއްސާރައިގެ ސަބަބުން ލ ގަމުގައި ފެންބޮޑުވެފައި --- ފޮޓޯ: އެމްއެންޑީއެފް

ސިޔާމް ވިދާޅުވީ ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކުރިއަށް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް