ވިއްސާރަވުމާ ގުޅިގެން ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލް މާދަމާރެއަށް ފަސްކޮށްފި

ކްލަބު މޯލްޑިވްސް ކަޕް ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕް 2018ގެ ފައިނަލް މިރޭ ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރެއަށް އެ މެޗު ފަސްކޮށްފިއެވެ.

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގައި ވާދަކުރުމަށް ހަމަޖެހިފައި އޮތީ ތިލަފުށި ކޯޕަރޭޝަނާއި މޯލްޑިވިއަންއެވެ.

މި އަހަރަކީ ކްލަބު މޯލްޑިވްސް ކަޕް މެދު ނުކެނޑި ބާއްވާތާ 13 ވަނަ އަހަރެވެ. އަދި އެ މުބާރާތުގެ އަންހެން ބައި، 18/30 ވުމަންސް ފުޓްސަލް ފިއެސްޓާ މެދުކެނޑުމެއް ނެތި ބާއްވާތާ އަށް ވަނަ އަހަރެވެ.

ރޭ ކުޅުނު 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދައިފައިވަނީ އެމްޕީއެލްއެވެ.

ކްލަބު މޯލްޑިވްސް ކަޕަކީ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތައް ބައިވެރިވާ މުބާރާތެއް ނަމަވެސް، އެ މުބާރާތް ފާހަގަކުރެވެނީ ރާއްޖޭގެ ފުޓްސަލްއަށް ބޮޑެތި އިންގިލާބުތަކެއް ގެނުވާ މުބާރާތެއްގެ ގޮތުގައެވެ.

މިއަހަރުގެ މުބާރާތުގައިވެސް ފިރިހެން 32 ޓީމު، އަންހެން ނުވަ ޓީމު ވާދަކުރިއެވެ. ވާދަވެރި އެތައް ކުޅުންތެރިންނެއް، ގައުމީ ފެންވަރުގެ އެތަކެއް ކުޅުންތެރިންތަކެއް ފެނިގެން ދިޔަ ކްލަބު މޯލްޑިވްސް ކަޕްގެ އެންމެފަހުގެ ޗެމްޕިއަން ޓީމަކީ އެމްއާރްޑީސީއެވެ.

ވޭތުވެދިޔަ އަހަރާއި މި އަހަރުވެސް ކްލަބު މޯލްޑިވްސް ކަޕާއި 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް