ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

ދަތުރުވެރިންގެ މާރުކޭޓް ގޮޅިއެއްގައި މީހަކު ވިޔަފާރި ކުރަނީ: އެންމެ އަގުހެޔޮކޮށް މުދާ ވިއްކާ ފިހާރަ އާންމުންނަށް އަންގައިދޭ ޕްރޮގްރާމްގައި ބައިވެރިވާން ވަނީ ހުޅުވާލާފައި---

ރޯދަ މަހު، މުދަލުގެ އަގުތަކާ ބެހޭ ގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށްޓަކައި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ "ބާޒާރުގެ އެންމެ ހެޔޮ އަގު" ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ މަގުސަދަކީ އެއްބާވަތެއްގެ މުދާ ތަފާތު އަގުތަކުގައި ލިބެން ހުންނަ އިރު އެންމެ އަގު ހެޔޮކޮށް މުދާ ލިބެން ހުންނަ ފިހާރަތަކާ ބެހޭ މައުލޫމާތުތައް އާންމުންނާ ހިއްސާކޮށް އެކަމުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދަނީ ރާއްޖޭގައި ކާބޯތަކެތި ހޯލްސޭލް އަދި ރީޓެއިލްކުރާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާ ބައިވެރިވުމާ އެކުގައެވެ.

"ބާޒާރުގެ އެންމެ ހެޔޮ އަގު" ޕްރޮގްރާމް ކުރިއަށް ގެންދާނޭ އުޞޫލް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

އެ އުސޫލު ބުނާގޮތުން އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތައް އެކަމަށް އެދި ރަޖިސްޓްރީކުރަން ޖެހޭނެއެވެ. ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ވިއްކާ މުދަލުގެ އަގުތައް މީޑިއާ އާއި މިނިސްޓްރީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރާނެ ކަމަށާއި މީޑިއާ މެދުވެރިކޮށް އަގުތައް އިއުލާނު ކުރެވޭނީ ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ ފިހާރަތަކުން، މިނިސްޓްރީން ކަނޑައަޅާފައިވާ މުދަލުގެ ލިސްޓުގައި ހިމެނޭ މުދަލުގެ އަގުތައް، އަގުތައް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ފޯމެޓަށް، ކޮންމެ ދުވަހަކު މިނިސްޓްރީއަށް ފޮނުވުމުން ކަމަށް އެ އުސޫލު ބުނެއެވެ.

މީގެ އިތުރުން ކޮންމެ ދުވަހެއްގެ 10:30 ގެ ކުރިން ލިބޭ މައުލޫމާތުތައް ދިރާސާކުރުމަށްފަހު، ލިސްޓުގައި ހިމެނޭ ތަކެތި (ބްރޭންޑްތައް ނުހިމަނާ) އެންމެ ހެޔޮ އަގުގައި ލިބެންހުންނަ ފިހާރައެއް ނުވަތަ ފިހާރަތަކުގެ ނަމާއި، ލިބޭ އަގުތައް މީޑިއާއަށް ފޮނުވޭނެ ކަމަށާއި އަދި މިނިސްޓްރީގެ ވެބްސައިޓްގަ އާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިއުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެއެވެ.

ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ މައުލޫމާތަކީ އެ ޕްރޮގްރާމަށް ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުގެ ތެރެއިން އެ ދުވަހެއްގައި މުދާ އެންމެ ހެޔޮ އަގެއްގައި ލިބެންހުރި ތަންތަނާއި އަގުތައް ކަމަށާއި އަދި އެ މައުލޫމާތުތަކަކީ ސީދާ ފިހާރަތަކުން މިނިސްޓްރީއަށް ދީފައިވާ އަގުތަކެއްކަން ވެސް ބަޔާންކުރެވޭނެ ކަމަށް އެ އުސޫލު ބުނެއެވެ.

އެ ޕްރޮގްރާމްގައި ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުން ހުށަހަޅާ އަގުތަކަކީ ސައްހަ އަގުތަކެއްތޯ ބެލުމަށް މިނިސްޓްރީން ރެންޑަމްކޮށް ޗެކް ކުރާނެ ކަމަށް އުސޫލުގައި ބުނެއެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން އަދި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މެއި މަހުގެ 15 ވަނަ ދުވަހެވެ.

comment ކޮމެންޓް