ހަތަރު ގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން ފަތްކޮޅު އަރުވައިފި

މޮރޮކޯގެ ސަފީރު ރައީސް ޔާމީންއަށް ފަތްކޮޅު އަރުއްވަނީ-- ފޮޓޯ--ރައީސް އޮފީސް

ހަތަރު ގައުމަކުން ރާއްޖެއަށް ކަނޑައެޅި ނޮން ރެސިޑެންޓު ސަފީރުން، އެބޭފުޅުންގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެ ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު އަރުއްވާފައި ވަނީ ހަތަރު ގައުމަކުންނެެވެ. އެއީ މޮރޮކޯ، ވިއެޓްނާމް، ސާބިއާ އަދި ޖޯޖިއާގެ ފަރާތުންނެވެ.

ވިއެޓްނާމް ސަފީރު ރައީސް ޔާމީންއަށް ފަތްކޮޅު އަރުއްވަނީ-- ފޮޓޯ--ރައީސް އޮފީސް

މިއީ ޖޯޖިއާގެ ފަރާތުން ރާއްޖެއަށް ސަފީރަކު ކަނޑައެޅި ފުރަތަމަ ފަހަރެވެ.

ރާއްޖެއަށް ކަނޑައެޅި ސަފީރުން

  • މުޙައްމަދު މާލިކީ (މޮރޮކޯ)
  • ވްލަޑިމިއަރ މާރިކް (ސާބިއާ)
  • އާޗިލް ޑިއުލިއާޝްވިލި (ޖޯޖިއާ)
  • ފާމް ތި ބިކް ނޮގް (ވިއެޓްނާމް)

ސާބިއާގެ ސަފީރު ރައީސް ޔާމީންއަށް ފަތްކޮޅު އަރުއްވަނީ-- ފޮޓޯ--ރައީސް އޮފީސް

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި ހަތަރު ގައުމުގެ ސަފީރުންވަނީ ރާއްޖެއާ ދޭދޭ ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މަށްޗަށާއި، އިތުރު ރޮނގުތަކުން އެކިގައުމުތަކާ ގުޅުން ވަރުގަދަކުރެވޭނެ ގޮތްތަކާމެދު ވާހަކަފުޅު ދައްކަވާފައެވެ.

ޖޯޖިއާގެ ސަފީރު ރައީސް ޔާމީންއަށް ފަތްކޮޅު އަރުއްވަނީ-- ފޮޓޯ--ރައީސް އޮފީސް

އޭގެ އިތުރުން އެ ގައުމުތަކާއި ރާއްޖެއާއި ހުރި އެއްގޮތް މައްސަލަތަކާއި އަދި ހާއްސަ ގޮތެއްގައި ބައިނަލްއަގުވާމީ ރޮނގުން ފާހަގަކޮށްލެވޭ މިފަދަ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.

comment ކޮމެންޓް