އިންސާނިއްޔަތަށް ޓަކައި ރިފާއު ކުރި މަސައްކަތުގެ އަގުވަޒަންކޮށްފި

ޑީސީޕީ އަބްދުﷲ ނަވާޒް(ކ) ލާންސް ކޯޕްރަލް މުހައްމަދު ރިފާއު(ވ) ގައި ހިދުމަތުގެ އަގުވަޒަން ކޮށް ސެޓްފިކެޓް ދެނީ--ފޮޓޯ/ޕޮލިސް

ހާލު ބޮޑު ކުޑަ ކުއްޖަކު ހޮސްޕިޓަލަށް ގެންގޮސް ފުރާނަ ސަލާމަތް ކޮށްދިނުމުގައި އެހީތެރިވި ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު ރިފާއުގެ އަގުވަޒަން ކޮށްފި އެވެ.

ފާތުމަތު ޝިފްނާ މުހަންމަދުގެ ހަތަރު އަހަރުގެ ދަރިފުޅު ފިޓް ޖެހިގެން އޭޑީކޭ ހޮސްޕިޓަލަށް މިދިޔަ ހޯމަ ދުވަހު ގެންދަނިކޮށް އޭނާ އިން ކާރު މާޖީދީމަގުގައި ޓްރެފިކްގައި ޖެހިގެން ކުރިއަށް ނުދެވިގެން އެހީތެރިކަމަށް އެދުމުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ރިފާއު އެވެ.

ރިފާއު އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ކޮނޑުމަތީގައި ދުވެފަ އެވެ.

ރިފާއު ކުރި މަސައްކަތުގެ އަގުވަޒަން ކުރުމަށް އޭނާއާ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް ޑީސީޕީ އަބްދުﷲ ނަވާޒް ވަނީ ބައްދަލުކުރައްވައި އޭނާ އަށް ހިތްވަރުދެއްވައިފަ އެވެ.

މިއަދު މެންދުރު ފަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އޭނާއަށް ވަނީ ހަނދާނީ ލިޔުމެއް ދީފަ އެވެ.

ރިފާއުގެ މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. އަދި ޝިފްނާގެ ދަރިފުޅުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ވަނީ "ސަން"އަށް ކިޔައިދީފަ އެވެ.

comment ކޮމެންޓް