ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ

ކަނޑުގަދަ ދުވަހެއްގައި ކަނޑުމަތި -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިއަށް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމުން ކުރާ ވިއްސާރައެއް ކަމަށެވެ. މިއަދު އަދި ބޮޑަށް ވިއްސާރަކޮށްފައި ވަނީ މެދު ރާއްޖެތެރެއަށް ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ދެކުނުގެ ސަރަހައްދުތަކަަށް އަލިކޮށް އޮތް ނަމަވެސް އެހިސާބަށް ވެސް ވިއްސާރައިގެ އަސަރު މިއަދު ފޯރާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.

މެޓް އޮފީހުން ބުނީ ހުކުރު ދުވަހާ ހަމައަށް ވިއްސާރަ ދެމިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ށަވިޔަނި އަތޮޅުން ފެށިގެން އއ. އަތޮޅާ ހަމައަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ވެސް ނެރިފަ އެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރު އެންމެ ގިނަައިން ވާރޭ ވެހިފައި ވަނީ މާލެއަށް ކަމަށް މެޓް އޮފީހުން ބުންޏެވެ. އެއީ 17 މިލިމިޓަރުގެ ވާރޭ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކާޑެއްދޫ އަށެވެ. އެއީ 11.7 މިލިމިޓަރުގެ ވާރޭ އެވެ.

މިއަދަށް ލަފާ ކުރާ މޫސުން

  • ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ
  • ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވޭ
  • ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • މެދުތެރެއާއި އުތުރުއަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 13 މޭލު ދެމެދުގެބާރުމިނުގައި ވައިޖެހޭނެ
  • ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ
  • ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ
comment ކޮމެންޓް