އެހީއަށް ގޮވިއިރު ބަޔަކު ބަލަން ތިބި، ފުލުސް ކުއްޖާ އަށް ޝުކުރިއްޔާ!

ޝިފްނާ އަދި އޭނާގެ ދަރިފުޅު: ފޮޓޯ ފޭސްބުކް

ދަރިފުޅުގެ ހާލު ބޮޑުވެ، ކަންބޮޑުވެފައި ހުރި މަންމަ އިނީ ޓެކްސީއެއްގެ ފަހަތުގައި ދަރިފުޅު އުނގަށް ލައިގެންނެވެ. ހަތަރު އަހަރުގެ އެ ތުއްތު ފިރިހެން ކުއްޖާގެ ހުން ގަދަވެ ފިޓް ޖެހިފައިވާ އިރު އެ މަންމަ އިން ކާރު އޮތީ ކުރިއަށް ނުދެވި މާލޭގެ ތޮއްޖެހުން ބޮޑު މަޖީދީމަގުގައި ހުއްޓިފަ އެވެ. އޭރު އެއީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު ހަތަރު ގަޑި ތީރީސް ހާއިރެވެ.

"ކުއްޖާގެ ހުން ހުރި ގާތްގަނޑަކަށް 40 ޑިގްރީއަށް. ވަރަށް ބޮޑަށް ފިޓް ޖެހިފައި އޮތީ. އޭރު އަޅުގަނޑަކަށް ނޭނގޭ ފިޓް ޖެހުނީމާ ހަދާނެ ގޮތެއް ވެސް. އެންމެ ފުރަތަމަ ބެލީ ކުއްޖާއަށް އެހީ އެއް ލިބޭތޯ." ފާތުމަތު ޝިފްނާ މުހަންމަދު "ސަން" އާ ވާހަކަ ދައްކަމުން ބުނީ މިހެންނެވެ.

ޝިފްނާ ބުނީ ގަލޮޅު ދަނޑާއި ހިސާބުން ކާރު މަޑުކޮށްގެން އޮތް އިރު އެ ސަރަހައްދުން ދިޔަ ބައެއް މީހުންގެ ގާތުން އެހީ އަށް އެދުނު ކަމަށެވެ. އަދި އެއްބަޔަކު އެ މަންޒަރު ބަލަން ތިބި އިރު އޭނާ ތަކުރާރުކޮށް އެދެމުން ދިޔައީ ފިޓް ޖެހުނީމަ ކަން ކުރަންވީ ގޮތް ނަމަވެސް އޮޅުންފިލުވާ ދިނުމަށެވެ.

ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު ރިފާއު---

"ވަރަށް ގޮވިން އެކަމަކު ވާގޮތަކީ އެއްވެސް މީހަކަށް އެހީއެއް ނުވެވުނު އެ ވަގުތަކު. ޓްރެފިކް ބޮޑުކަމުން އެއްގޮތަކަށް ވެސް ކުރިއަށް ދެވޭ ގޮތެއް ނުވި. ދެން އިރުކޮޅަކުން ފެނުނީ އެ ފުލުސް ކުއްޖާ ޓޯކީން ގޮވަމުން ކާރާއި ދިމާއަށް އަންނަތަން،" ޝިފްނާ ކިޔައިދިނެވެ.

ޝިފްނާ ބުނީ އެ ފުލުސް ކުއްޖާއަށް ވެގެން އުޅޭ ގޮތް ކިޔާދިނުމުން އޭނާގެ ކޮނޑު މައްޗަށް ދަރިފުޅު ލައިގެން ހޮސްޕިޓަލާ ދިމާއަށް ދުއްވާގަތީ ކަމަށެވެ.

"އަޅުގަނޑަށް [އޭޑީކޭ ހޮސްޕިޓަލަށް] ދެވުނީ ތަންކޮޅެއް ފަހުން. ދިޔައިރު ފުލުސް ކުއްޖާ ހިނގައްޖެ. ބޭނުން ބައްދަލުކޮށްލާ ޝުކުރު އަދާ ކޮށްލަން،" ޝިފްނާ ކިޔައިދިނެވެ.

ޝިފްނާ ބުނީ ދަރިފުޅުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ހޯމަ ދުވަހުގެ ރޭ ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

ޝިފްނާގެ ހުރިހާ ވެސް ޝުކުރެއް ހެއްދެވި ފަރާތަށެވެ. އަދި އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ވުމުގައި މެދުވެރިއްގެ ގޮތުގައި އެވަގުތު ދިމާވި ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު ރިފާއު ކޮށްދިން މަސައްކަތް ދުވަހަކު ވެސް ހަނދާނުން ނުފިލާނެ ކަމަށެވެ.

"ދަރިފުޅު ގޮވައިގެން ދާނީ ފުލުސް ކުއްޖާއާ ބައްދަލުކޮށްލަން. އަޅުގަނޑު ސްޓޭޓަސް ޖެހީ އެ ކުއްޖާ ހޯދަން. މިހާރު އެނގިއްޖެ. ޝުކުރިއްޔާ ފުލުހުން." ޝިފްނާ ބުންޏެވެ.

ޝިފްނާ އެންމެ ފަހު ވާހަކައަކަށް ބުނީ އޭނާގެ އެ ސްޓޭޓަސް ސިޔާސީ ނުކުރުމަށް އެދޭ ކަަމަށެވެ. އަދި އެ ފުލުސް ކުއްޖާއަކީ އިންސާނިއްޔަތު ކަމުގައި ނަމޫނާއެއް ކަމަށާއި އޭނާގެ އެ މަސައްކަތުގެ އަގުވަޒަން ކޮށްދިނުމަށް އެދޭ ކަމަށެވެ.

ލާންސް ކޯޕްރަލް ރިފާއު ދަންނަ ހުރިހާ އެކުވެރިން ވެސް ބުނީ އޭނާއަކީ ހިތްތިރި މަޑުމައިތިރި ފުލުހެއް ކަމަށެވެ. އަދި އަބަދުވެސް ޑިއުޓީއަށް ފަރުވާތެރި ނަމޫނާ ފުލުހެއް ކަމަށް އޭނާގެ އެކުވެރިން ބުނެ އެވެ. ރިފާއު އަދި މީޑީއާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ.

މިމުޖްތަމައުގައި މިފަދަ ހާދިޘާތައް ބައިވަރެވެ. އަދި އެއިން ކޮންމެ ކަމެއްގައި ވެސް އެހީތެރިންނާއި މަދަދުގާރުން ވެސް އެތައް ބައިވަރެވެ. އަގުވަޒަން ކުރާނަމަ އަދިވެސް އެފަދަ "ހީރޯ"އިން އުފެދޭނެ އެވެ. ބޭނުންވަނީ ހޭލުންތެރިވާށެވެ. ރިފާއު އަށް ސާބަހެވެ.

comment ކޮމެންޓް