ކްލަބް މޯލްޑިވްސް ކަޕް: ފައިނަލް ޕްރިވިއު

ކްލަބު މޯލްޑިވްސް ކަޕް ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބް މޯލްޑިވްސް ކަޕަކީ މެދު ކެނޑުމެއްނެތި ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ޒަމާންވީ އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތެވެ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ކޮންމެ އަހަރަކު ވެސް ކްލަބު މޯލްޑިވްސް ކަޕަށް ބޮޑު އިންތިޒާރުތަކެއް ކުރަމުން އަންނަ އިރު، މުބާރާތުގެ ފައިނަލާ ހަމައަށް ދެވުމަކީ ވެސް ލިބެނޭ ޝަރަފެކެވެ. ހާއްސަކޮށް ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލެއްގައި ކުޅެލުމަކީ ރާއްޖޭގެ ފުޓްސަލް ތާރީހުގައި އެ ކްލަބެއްގެ ނަން ފަވާލެވޭނެ ކަމެކެވެ.

ކްލަބު މޯލްޑިވްސް ކަޕް 2018ގެ ފައިނަލް މިރޭ އޮންނަ އިރު، ވާދަކުރާ ދެ ޓީމުގެ ތެރެއިން ފެވަރިޓުން ނެގެން ނެތެވެ. މިހާތަނަށް މުބާރާތުގައި މޯލްޑިވިއަން އާއި ތިލަފުށީ ކޯޕަރޭޝަން ވެސް ދައްކައިފައިވާ ކުޅުމަށް ބަލާ އިރު، ފައިނަލްގެ ފޯރި އިންތިހާއެވެ.

ތިލަފުށި ކޯޕަރޭޝަން

ކްލަބު މޯލްޑިވްސް ކަޕް ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ތިލަފުށީ ކޯޕަރޭޝަން ޓީމަކީ ފުޓްސަލްގެ ތަރިން ގިނަ ޓީމެކެވެ. މުބާރާތަށް ނެރުނު ސްކޮޑަށް ބަލާ އިރު، ފެވަރިޓުންގެ ޓީމެވެ. މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕް އެންމެ މޮޅު ކުޅުންތެރިޔާ މުހައްމަދު ލިޔާހުގެ އިތުރުން ރާއްޖޭގެ ފުޓްސަލްގައި ވިދުން ގަދަ ނަންތައް ކަމަށްވާ ހުސައިން ޝަރީފު (އޮންލީ)ގެ އިތުރުން މުހައްމަދު ރިއްފަތު (ރިއްޕެ) އަދި އަބްރާހީމް ފުރުގާން (ފުގޭ) ޓީމުގައި ހިމެނުމަކީ ތިލަފުށީ ކޯޕަރޭޝަންގެ ވަރުގަދަކަން ދައްކައިދޭ ހެއްކެކެވެ. ތަޖުރިބާކާރު ކީޕަރު އިސްމާއީލް ފާތިހު (ތާޑޭ) ގޯލް ބަލަހައްޓަމުންދާ ތިލަފުށީ ޓީމު ކޮޅަށް މިހާތަނަށް މުބާރާތުގައި ވަދެފައި ވަނީ އެންމެ ދެ ގޯލެކެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ތަފާތު ބޮޑުކޮށް މޮޅުވެފައިވާ އިރު، އެމްޕީއެލްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާއަކުންނެވެ.

ގަދަ 16ގައި ފަސޭހަ ކަމާ އެކު ޕަބްލިކް ވޯކްސް ބަލިކުރި ތިލަފުށި ކޯޕަރޭޝަން ސެމީއާ ހަމައަށް ދިޔައީ ކުއާޓާގައި ފަސޭހަކަމާ އެކު ދިރާގު ވެސް ބަލިކޮށްގެންނެވެ. ސެމީގައި ތިލަފުށި ޖެހުނީ ވަރުގަދަ އެޗްޑީސީއާ ނަމަވެސް، އެޓީމު ބަލިކުރަން ވެސް ތިލަފުށީ ކޯޕަރޭޝަނަށް އުނދަގުލެއް ނުވި އެވެ.

ކޯޗު: އަހުމަދު އިރުފާން

މޯލްޑިވިއަން

ކްލަބު މޯލްޑިވްސް ކަޕް ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހުސައިން އަފްޒަލް (އޮޒިލް) އަދި އަހުމަދު އަބްދުލް އަޒީޒް (އާރޮން) ފަދަ ކުޅުންތެރިން ޓީމުގައި ތިބި ނަމަވެސް، ހަމަ ގައިމު ވެސް މޯލްޑިވިއަންގެ ތަރިއަކީ އަބްދުﷲ ޝައްފާން (ޝަކާ) އެވެ. މި އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގައި އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ޝަކާއަކީ މޯލްޑިވިއަން ސެމީއަށް ގެންދިއުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިޔާއެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، މޯލްޑިވިއަން ގަދަ 16އަށް ދިޔައީ އުންމީދާ އެކުގަ އެވެ. ގަދަ 16ގައި ޕޮލިސް ކްލަބު ބަލިކޮށް ކުއާޓާގައި މޯލްޑިވިއަަން ކުޅުނީ އުރީދޫއާ ދެކޮޅަށެވެ. އެ މެޗު މޯލްޑިވިއަންއިން ކާމިޔާބުކުރީ ޕެނެލްޓީ ޖަހައިގެންނެވެ.

ފޯރި ގަދަ ސެމީ ފައިނަލް މެޗުގައި މޯލްޑިވިއަންއިން އެމްޕީއެލް ބަލިކުރި އިރު، އެ މެޗުގައިވެސް މުހިއްމު ކުޅުމެއް ދެއްކީ ޝަކާއެވެ. ގިނަ ވަގުތު ދަނޑުމަތިން ނުފެނުނު ނަމަވެސް މުހިއްމު ޕެނެލްޓީއެއް ކާމިޔާބުކޮށް މޮޅުވި ގޯލަށް ފުރުސަތު ފަހިކޮށްދިނީ އޭނަ އެވެ.

މީގެ އިތުރުން ވެސް މޯލްޑިވިއަންގެ ކީޕަރު އާދަމް އިމްއާން (އިންމި)ގެ ކުޅުން ވެސް ސެމީ ފައިނަލްގައި ފާހަގަ ކޮށްލެވުނެވެ. އެހެން ކަމުން ފައިނަލްގައި ވެސް އޭނާ ރޯލު މޯލްޑިވިއަންއަށް މުހިއްމު ވާނެ އެވެ.

ކޯޗު: އިސްމާއީލް އަނިލް (އަންނި)

މެޗު އޮންނަ ގަޑި: މިރޭ 8:30

މެޗު އޮންނަ ތަން: މާފަންނު މިނީ ގްރައުންޑް (ގްރައުންޑް 2)

comment ކޮމެންޓް