ލީބިޔާއަށް ފަހު، ޔަމަނުގައި ވެސް އެފްރިކާގެ މީހުންނަށް އަނިޔާކުރާކަމުގެ ތުހުމަތުތަކެއް!

އެފްރިކާގެ ރެފިއުޖީންތަކެއް ޔަމަނުގައި--- ފޮޓޯ: ރޮއިޓާސް

ސަނާ (18 އޭޕްރީލް): ލީބިޔާގައި އެފްރިކާގެ ކަޅުނަސްލުގެ މީހުންނަށް އިންސާނިއްޔާތާ ހިލާފުއެތައް ހަމަލާތަކެއް ދޭކަން ހާމަވެގެން ދިޔަފަހުން، ޔަމަނުގައި ވެސް އެފްރިކާގެ އެތަކެއް ބަޔަކަށް ލާ އިންސާނީ އަނިޔާތަކެއް ދެމުންދާކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އަދި ޔޫއެން ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރު)ން ބުނެފި އެވެ.

އެޗްއާރުޑަބްލިއު އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ޔަމަނުގައި ހުންނަ ޑިޓެންޝަން ފެސިލިޓީސްއަށް ރެފިއުޖީން ގެންދަނީ ސައުދީ ކޯލިޝަނަށް ވާގިވެރިވާ ހަނގުރާމަވެރި ގްރޫޕްތަކުން ކަމަށެވެ.

ޔަމަނުގެ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުންނަ އެ ޑިޓެންޝަން ސެންޓަރުތަކުގައި އެޕްރިކާގެ ކަޅުނަސްލުގެ މީހުން މެރުމާއި ރޭޕްކުރުމާއި އަދި އިންސާނިއްޔާތާ ހިލާފު އެތަކެއް އަނިޔާއެއް ދެމުންގެންދާ ކަމަށް އެ ގްރޫޕުން ބުންޏެވެ. އަދި ބުނީ އެފްރިކާގެ މީހުން އެއްވެސް ރަހުމެއް ނެތި ކުދިކުދި ބޯޓުތަކުގައި ގިނަ ބަޔަކު އަނބުރާ ފޮނުވާލަމުން ވެސް ދާ ކަަމަށެވެ.

އެފްރިކާގެ ގިނަ ބަޔަކު ސައުދީ އަރަބިއްޔާއަށާއި ގަލްފުގެ ގިނަ ގައުމުތަކުން ވަޒީފާ ހޯދުމަށް ވަގަށް އެތެރެވުމަށް އެންމެ ގިނައިން ގޮސްއުޅެނީ ޔަމަނުގެ ތެރެއިން ލައިފަ އެވެ. ގިނަ ރެފިއުޖީން ދަނީ ކުދިކުދި ބޯޓުތަކުގައި ވަރަށް ނުރައްކާތެރި ދަތުރުތަކެއް ކުރަމުންނެވެ.

ލީބިޔާގައި އެފްރިކާގެ ކަޅު ނަސްލުގެ މީހުން އަޅުންގެ ގޮތުގައި ވިއްކާ މަންޒަރު ދައްކާ ވީޑިއޯއެއް މިދިޔަ އަހަރު އާންމުވުމާ އެކު އެމީހުންނަށް ކުރަމުންދާ ލާއިންސާނީ އަމަލުތައް ދުނިޔޭގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. ޔޫރަޕްގެ ގައުމުތަކަށް އެތެރެވުމަށް ޓަކައި އެފްރިކާގެ ގިނަ ރެފިއުޖީން އެންމެ އާންމުކޮށް ބޭނުންކުރަނީ ލީބިޔާގެ މަގެވެ.

މަސްދަރު : މިޑްލްއީސްޓް މޮނިޓާ

comment ކޮމެންޓް