އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއިން ސުލްހައިގެ އެއްބަސްވުމެއް ހެދުމާ ބެހޭ ގޮތުން މަޝްވަރާ ކުރަނީ

ދެ ކޮރެއާ ގުޅޭ ބޯޑަރު ކައިރީ ދެކުނު ކޮރެއާގެ ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އީޕީއޭ

ސޯލް (އޭޕްރިލް 18): އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ހަނގުރާމަ ނިމުމަކަށް އައިސްފިކަން ރަސްމީކޮށް އިއުލާންކޮށް ދެ ގައުމުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ހަބަރު ފެތުރިއްޖެ އެވެ.

ދެކުނު ކޮރެއާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ މަންހުވާ އިލްބޯގައިވާ ގޮތުން އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ މަޖިލިސް މެމްބަރުން ގެންދަވަނީ ދެގައުމުގެ މެދުގައި އޮތް ދުވަސްވީ ހަމަނުޖެހުން ނިމުމަކަށް އައިސްފައިވާ ކަން އިއުލާން ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.

އެމަޝްވަރާތައް ބާއްވަނީ އަންނަ ހަފްތާގައި ބާއްވާ، ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ބައިވެރިވެވަޑައިގަންނަވާ ސަމިޓާ ދިމާކޮށެވެ.

ދެ ކޮރެއާގެ މެދުގައި 1950 އިން 1953 އަށް ކުރިއަށް ދިޔަ ހަނގުރާމަ ނިންމާލީ ސުލްހައިގެ އެއްބަސްވުމެއް ހެދުމުގެ ބަދަލުގައި ދެގައުމުން ހަމަލާ ބަދަލު ކުރުން ހުއްޓާލަން ހެދި އެއްބަސްވުމަކާ އެއްކޮށެވެ. އެހެންކަމުން ދެގައުމުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރުމުން ދެ ކޮރެއާގެ ހަނގުރާމަ އެއްކޮށް ނިމުނުކަން ޔަގީން ކުރެވޭނެ އެވެ.

އެރިޕޯޓުތަކާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކޮރެއާގެ ހަނގުރާމަ ނިމުމަކަށް ގެނައުމާ ބެހޭ ގޮތުން ދެކުނު ކޮރެއާއިން އުތުރު ކޮރެއާއާ ވާހަކަ ދައްކަން ނިންމާފައިވާ ކަމަށް ވިދާޅުވެފައި އެވެ. އަދި އަދި އެދެ ގައުމުން އެއްބަސްވުމެއް ހެދުމަކީ ޓްރަމްޕް ތާއިދު ކުރައްވާ ކަމެއް ކަމަށް ވިދާޅުވެފައި އެވެ.

ދެކުނު ކޮރެއާގައި މިދިޔަ ފެބްރުއަރީ މަހު އޮތް ވިންޓާ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރިވި ފަހުން، ދެކުނުގެ ވަފުދެއް ވަނީ ލީޑަރު ކިމްއާ ބައްދަލުކޮށްފައި އެވެ. އަދި އެވަފުދުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ފަހުން ބައްދަލުކޮށް، ކިމްގެ ދައުވަތެއް ޓްރަމްޕަށް އަރުވައިފަ އެވެ. ރައީސް ޓްރަމްޕް ވަނީ އެދައުވަތު ގަބޫލު ކުރައްވައި، އަންނަ މަހު ކިމްއާ ބައްދަލު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް