ވީއައިއޭގެ އާ ފިއުލް ފާމްގެ މަސައްކަތް ފަށައިފި

ވީއައިއޭގެ ފިއުލް ފާމްގެ މަސައްކަތް ފެށުން --- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތެޔޮ ރައްކާކުރާ އާ ފިއުލް ފާމް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެއާޕޯޓުގައި އާ ފިއުލް ފާމެއް އެޅުމަކީ، އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތެކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މީގެ ކުރިން ބުނެފައިވާ ގޮތުން، އެ މަސައްކަތް ކުރާނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ބީޔޫސީޖީ) އިންނެވެ. ބީޔޫސީޖީއަކީ އެއާޕޯޓުގެ އާ ރަންވޭ، އާ ސީޕްލޭން ޓާމިނަލް އަދި އާ ކާގޯ ކޮމްޕްލެކްސް ވެސް އަޅާ ކުންފުންޏެވެ.

އެމްއޭސީއެލް އިން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އާ ފިއުލް ފާމުގައި، 37 މީޓަރުގެ ޑައިމީޓަރު ހުންނަ ތިން ޓޭންކު ގާއިމުކުރާނެ އެވެ. މި ޓޭންކުތަކުގައި 45 މިލިޔަން ލީޓަރުގެ ޖެޓްފިއުލް، 1.1 މިލިއަން ލީޓަރުގެ ޑީސަލް އަދި 0.1 މިލިޔަން ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ ކަމަށެވެ. މައި ތިން ޓޭންކުގެ އިތުރުން، އިތުރު ދެ ޓޭންކު ވެސް ގާއިމުކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މިއީ މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރައްކާކުރެވޭ މިންވަރަށް ވުރެ ތިން ގުނަ އިތުރު އަދަދެކެވެ.

ވީއައިއޭގެ ތަރައްގީގެ މަޝްރޫއަކީ 800 މިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ. އާ ރަންވޭގެ މަސައްކަތް ވަރަށް ހަލުއި ސްޕީޑުގައި މިހާރު ކުރިއަށް ދާ އިރު، ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން އެއާޕޯޓުގައި އަޅާ އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

comment ކޮމެންޓް