ޓްރަމްޕް ކަޑައްތުކުރަމުން ގެންދަނީ ރިޔާސަތުގެ އެންމެ ފަހުގެ ދުވަސްތައް: ނިއުޔޯކާ

ވައިޓް ހައުސް (އެޕްރީލް 18): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަޑައްތު ކުރައްވަމުން ގެންދަވަނީ އޭނާގެ ރިޔާސަތުގެ އެންމެ ފަހުގެ ދުވަސްތައް ކަމަށް އެމެރިކާގެ މަޝްހޫރު ސިޔާސީ މަޖައްލާއެއް ކަމަށްވާ "ނިޔުޔޯކާ" ބުނެފިއެވެ.

ނަން ހާމަކުރަން ނޭދޭ އެމެރިކާގެ ވަރަށް އިސް ފަރާތްތަކަކާ ހަވާލާދީ "ނިޔުޔޯކާ"ގެ އެންމެ ފަހުގެ އަދަދު ބުނާ ގޮތުން ޓްރަމްޕްގެ މައްޗަށް އިތުބާރު ނެތްކަމަށް ބަލައި އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތްކުރަން ކޮންގްރެސްއަށް މަޖްބޫރުވާ މިންވަރަށް ޓްރަމްޕް ދަނީ ބޭޒާރުވަމުންނެވެ. އަދި ކައިރި މުސްތަގްބަލެއްގައި ޓްރަމްޕް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަކީ ވެސް ވަރަށް ގާތް ކަމެކެވެ.

އެގޮތުން އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ މުހައްގިގުން ޓްރަމްޕްގެ ގާނޫނީ ވަކީލުގެ އޮފީސް ބަލައި ފާސްކުރުމުން ލިބުނު މައުލޫމާތުތަކާއި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާއިން ނުފޫޒު ފޯރުވި މައްސަލައިގައި ޓްރަމްޕްގެ ދައުރެއް ވާކަން ސާބިތުވާ ވަރުގެ ހެކިތައް ޓްރަމްޕްގެ ގާނޫނީ ވަކީލު މައިކަލް ކޮހެންގެ އޮފީހުން ހޯދި ލިޔެކިޔުންތަކުން އެތައް ކަމެއްގައި ޓްރަމްޕް ބެދޭވަރުގެ ހެކިތަށް އެފްބީއައިއަށް ވަނީ ލިބިފައި ކަމަށް ނަން ހާމަކުރަން ނޭދޭ އެމެރިކާގެ ވަރަށް އިސް ފަރާތްތަކަކާ ހަވާލާދީ "ނިޔުޔޯކާ" ބުނެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާއިން ނުފޫޒު ފޯރުވި މައްސަލައިގެ އިތުރުން ޓްރަމްޕާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ މައްޗަށް ވަނީ ވައިޓް ހައުސްގައި ތިއްބަވައިގެން މަގާމުގެ ބޭނުންކޮށްގެން އާއިލީ ވިޔަފާރި ކުރިއެރުވުމަށް މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ވެސް ކުރެވިފައެވެ. މިއާއެކު ޓްރަމްޕްގެ ވިޔަފާރިތައް ވެސް ވަރަށް ބޮޑަށް ބަނގުރޫޓުވަމުން ދާކަމަށް އެމެރިކާގައި ޝާއިއުކޮށްފައިވާ ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕާއި އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ކުރީގެ ވެރިޔާ ޖޭމްސް ކޯމީއާ ދެމެދުވެސް ވަނީ ބޮޑު ކޯޅުންތަކެއް އުފެދިފައެވެ. ކޯމީ ވަނީ ޓްރަމްޕަކީ އެމެރިކާގެ ރައީސްކަމުގައި ހުންނަވަން އަޚްލާގީ ގޮތުން ކުފޫހަމަވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. އަދި ޓްރަމްޕްގެ ހަގީގަތް ހާމަކޮށް އޭނާ ވަނީ ފޮތެއް ވެސް ނެރުއްވާފައެވެ. އެފޮތުގައި ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ރައްދުދިނުމުގައި ޓްރަމްޕް ވަނީ ނާކާމިޔާބުވެ ވަޑައިގެންފައެވެ. އެމައްސަލައިގައި ކޯމީއަށް ރައްދު ދެއްވުމުގެ ގޮތުން ޓްރަމްޕް ވިދާޅުވީ ހަމައެކަނި ކޯމީ އިތުރުފުޅު ހައްދަވާ ވާހަކައެވެ.

އެމެރިކާގައި ބަދުއަޚުލާގީ އަމަލު ހިންގާ ކަސްބީ އަންހެނުންނާއި ޓްރަމްޕާ ދެމެދު ނަހަމަ ގުޅުންތައް އޮންނަކަން ބޭޒާރުވުމާއި ޓްރަމްޕް އަންހެނުންނަށް އިޙްތިރާމް ނުކުރުމާއި އަދި ރަޝިއާގެ ދަށުވެފައި ޓްރަމްޕް ހުންނެވުމަކީ އެމެރިކާގެ ރައީސްކަމުގައި ހުންނަވަން ޓްރަމްޕަކީ އަޚްލާގީ ގޮތުން ކުފޫހަމަވާ ބޭފުޅެއް ނޫންކަން ހާމަވެގެންދާ ކަންތައްތަކެއް ކަމަށް "ނިޔުޔޯކާ" މަޖައްލާ ބުނެއެވެ. އަދި ޓްރަމްޕް ބްލެކްމެއިލްކުރެވޭ ފަދަ މައުލޫމާތާއި ވީޑިއޯތަކާއި ހެކިތައް ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންގެ އަތްޕުޅުގައި ހުރިކަމަށް ވެސް "ނިޔުޔޯކާ" މަޖައްލާ ބުނެއެވެ.

އެފްބީއައިގެ ވެރިޔާގެ މަގާމުގައި ކޯމީ ހުންނަވަނިކޮށް ޓްރަމްޕް އޭނާ މަގާމުން ދުރުކުރައްވާފައި ވަނީ މިދިޔަ އަހަރުއެވެ. ޓްރަމްޕް، ކޯމީ މަގާމުން ދުރުކުރެއްވީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ބުނެވޭ މައްސަލަ ކޯމީ ތަހްގީގުކުރަމުން ގެންދެވިރު އެތަހުގީގުތަކަށް ނުފޫޒު ފޯރުވުމަށް ޓްރަމްޕް މަސައްކަތްކުރެއްވުމުން އެކަމާ ކޯމީ ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.

އެމެރިކާގެ ސިޔާސީ ތަޖްރިބާކާރުން ދެކޭ ގޮތުގައި ޓްރަމްޕް މަގާމުން އަޒުލުކުރާނީ އެމެރިކާގެ ކޮންގްރެސްގެ މުއްދަތުގެ މެދުތެރޭން ބާއްވާ އިންތިޚާބަށް ފަހުގައެވެ. މިއަހަރުގެ ފަހުކޮޅު ބާއްވާ އެ އިންތިޚާބުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކޮންގްރެސްގެ އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ވަނީ ބެލެވިފައެވެ. ކޮންގްރެސްއިން ޓްރަމްޕް އަޒުލުނުކުރި ނަމަވެސް ޓްރަމްޕް ޝާމިލްވާގޮތަށް ރޮބަޓް މޯލަރ މިހާރު ހިންގަމުން ގެންދާ ތަހްގީގްތަކުން 2016 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާއިން ނުފޫޒު ފޯރުވި މައްސަލައިގައި ޓްރަމްޕްގެ ދައުރެއް ވާކަން ސާބިތުވާނެ ކަމަށާއި އެކަމުގެ ހެކިތައް ވަރަށް ގިނައިން ލިބިފައިވާކަމަށް "ނިޔުޔޯކާ" މަޖައްލާ ބުނެއެވެ.

އެހިސާބުން މަގާމުން އިސްތިއުފާ ދެއްވަން ޓްރަމްޕަށް މަޖްބޫރުވާނެ ކަމަށާއި ކޮންގްރެސްއިން ޓްރަމްޕް އަޒުލުކުރަން ޖެހޭ ހިސާބަށް ކަންތައް ދިޔުމުގެ ކުރިން މައްސަލަތަށް ޓްރަމްޕް ވަށާލައި އެއިން ސަލާމަތް ނުވެވޭ ހިސާބަށް ގޮސް މަގާމުން އިސްތިއުފާ ދެއްވަން ޓްރަމްޕަށް އަމިއްލައަށް މަޖްބޫރުވާނެ ކަމަށް "ނިޔުޔޯކާ" މަޖައްލާ ބުނެއެވެ. (ނިޔުޔޯކަރ)

comment ކޮމެންޓް