އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ބާބަރާ ބުޝް އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗްޑަބްލިއު ބުޝް ވެރިކަމުގެ ހުވާ ކުރެއްވި އިރު އަނބިކަނބަލުން ބާބަރާ ބުޝް ކައިރީގައި -- ފޮޓޯ: އޭޕީ

ވޮޝިންޓަން (އޭޕްރިލް 18): އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ބާބަރާ ބުޝް އުމުރުން 92 އަހަރުގައި އަވަހާރަވެއްޖެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗްޑަބްލިއު ބުޝްގެ އަނބިކަނބަލުން އަދި ޖޯޖް ޑަބްލިއު ބުޝްގެ މަންމާފުޅު، ބާބަރާ ބުޝް އިއްޔެ އަވަހާރަވީ ސިއްހީ ހާލަތު ގޯސްވެފައި ވަނިކޮށް ކަމަށް އެއާއިލާ އިން ނެރުނު ބަޔާނެއްގައިވެ އެވެ.

"ބާބަރާ ބުޝްއަކީ އެތައް މިލިއަން މީހުންނަށް އުފާވެރިކަމާއި ލޯތްބާއި އުނގެނުމުގެ ފުރުސަތު ހޯއްދަވައި ދެއްވި ވަރަށް ފާހަގަކޮށްލެވޭ ފަސްޓް ލޭޑީއެއް އަދި އެފަދަ ދެވަނަ އެއް ނެތް އަންހެނެއް،" ބުޝް އާއިލާ އިން ނެރުނު ބަޔާނުގައިވެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗްޑަބްލިއު ބުޝްގެ އަނބިކަނބަލުން އަދި ޖޯޖް ޑަބްލިއު ބުޝްގެ މަންމާފުޅު، ބާބަރާ ބުޝް އިއްޔެ ވަނީ އަވަހާރަވެފައި -- ފޮޓޯ: ރޮއިޓާސް

ބާބަރާ ބުޝް ފަސްޓް ލޭޑީގެ ގޮތުގައި ހުންނެވި އިރު އޭނާ ވަނީ ފަގީރު އާއިލާތަކަށް އުނގަންނައި ދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ބާބަރާ ބުޝް ފައުންޑޭޝަން ފޯ ފެމިލީ ލިޓެރަސީ އުފައްދަވައިފަ އެވެ.

އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް އެޗްޑަބްލިއު ބުޝް ވަނީ އެގައުމުގެ ވެރިކަން 1989 އިން 1993 އަށް ކުރައްވައިފަ އެވެ. އަދި ޖޯޖް ޑަބްލިއު ބުޝް ވަނީ އެ ގައުމުގެ ވެރިކަން 2001 އިން 2009 އަށް ކުރައްވައިފަ އެވެ.

ޖޯޖް އެޗްޑަބްލިއު ބުޝް އާއި ބާބަރާ ވަނީ އެ ދެ ބޭފުޅުންގެ ކައިވެންޏަށް 73 އަހަރު ފުރުން މި އަހަރުގެ ޖެނުއަރީ މަހު ފާހަގަ ކުރައްވާފައި އެވެ. އެ ދެ ބޭފުޅުންނަށް ލިބިވަޑައިގެންފައި ވަނީ ހަ ބޭފުޅުންނެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް