ބައެއް ގައުމުތަކަށް ދަތުރު ކުރުމުގެ ހުއްދަ ސަލްމާނަށް ދީފި

ކަފާލާތުގެ ދަށުން ދޫކޮށްލައިފައި ހުރި ބޮލީވުޑް އެކްޓަރު ސަލްމާން ޚާނަށް އެމެރިކާ، ކެނެޑާ އަދި ނޭޕާލަށް ދަތުރު ކުރުމުގެ ހުއްދަ ކޯޓުން އިއްޔެ ދީފި އެވެ.

މީގެ 20 އަހަރު ކުރިން ހިމާޔަތްކޮށްފައިވާ ފުއްލާގެ ވައްތަރެއް ޝިކާރަކުރުމުގެ ކުށް ސާބިތުވެ، އޭނާ އަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ ކުރީކޮޅު އެވެ.

ދެ ދުވަސް ވަންދެން ޖަލުގައި އޮތުމަށް ފަހު ކަފާލާތުގެ ދަށުން ސަލްމާން މިނިވަން ކުރުމާއެކު އޭނާ ވަނީ މަސައްކަތް ފަށައިފައި ހުރި ފިލްމުތަކުގެ ޝޫޓިން އާއި ގުޅިފަ އެވެ.

ނަމަވެސް ކޯޓު އަމުރެއް ނެތި އިންޑިއާ އިން ބޭރަށް ދިއުމުގެ ހުއްދަ ނެތުމުން، ބައެއް ފިލްމުތަށް ތާވަލުކޮށްފައި އޮތް ގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ހުރަސް އެޅިފަ އެވެ.

އިއްޔެ ކޯޓުން ސަލްމާނަށް ހުއްދަ ދީފައި ވަނީ އެމެރިކާ، ކެނެޑާ އަދި ނޭޕާލަށް ދަތުރު ކުރުމަށެވެ. ނަމަވެސް ސަލްމާންގެ ކުރިއަށް ހުރި ގިނަ ފިލްމުތައް ޝޫޓު ކުރުމަށް ހަމަޖައްސައިފައި ވަނީ ދުބާއީ ފަދަ ގައުމުތަކުގަ އެވެ.

ސަލްމާން ޖަލަށްލާން ހުކުމްކުރި ހާދިސާ ހިނގާފައިވަނީ މީގެ 20 އަހަރު ކުރިން، 1998 ވަނަ އަހަރު "ހަމް ސާތު ސާތު ހޭ"ގެ މަސައްކަތް ކުރިއަށް ދިޔައިރުއެވެ. އެ ހާދިސާގައި ސަލްމާނުގެ އިތުރުން ފިލްމުގެ އިތުރު ކާސްޓުން ކަމަށްވާ ސައިފް އަލީ ޚާން އާއި ނީލަމް، ތާބޫ، ސޮނާލީ ބެންޑްރީ އަދި ދުޝްޔަންތު ސިންހްގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ.

ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.

ސަލްމާނުގެ މައްޗަށް ދައުވާކުރީ ވައިލްޑް ލައިފް ޕްރޮޓެކްޝަން އެކްޓުގެ 51 ވަނަ މާއްދާގެ ދަށުންނެވެ. އެ މައްސަލާގައި އެންމެ ބޮޑު އަދަބަކީ ހަ އަހަރުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް