"ދާސް ދޭވް" ރިލީޒް ކުރުން ފަސްކޮށްފި

ސުދީރް މިޝްރާގެ ފިލްމު "ދާސް ދޭވް" ރިލީޒް ކުރުން އަނެއްކާ ވެސް ފަސްކޮށްފި އެވެ.

މީގެ ކުރިން ތަފާތު އެކި ސަބަބުތަކާ ހެދި، އެތައް ފަހަރެއްގެ މަތިން ފިލްމު ރިލީޒް ކުރާ ތާރީޚަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އެންމެ ފުރަތަމަ ފިލްމު ރިލީޒް ކުރަން ހަމަޖެއްސީ މި އަހަރުގެ ފެބުރުއަރީގަ އެވެ. އެއަށް ފަހު މާޗު 23 އަދި މި މަހުގެ 20ގައި ފިލްމު ރިލީޒް ކުރުމަށް ވެސް ނިންމި އެވެ.

އެކަމަކު މިހާރު މިވަނީ ފިލްމު ރިލީޒް ކުރުން މި މަހުގެ 27 އަށް ފަސްކޮށްފަ އެވެ. ފިލްމު ރިލީޒް ކުރުން ހަފްތާއެއް ފަސްކުރީ، އޭޕްރީލް 20ގައި އިތުރު ދެ ފިލްމެއް ރިލީޒް ކުރާތީ އެވެ.

އޭޕްރީލް 20 ވަނަ ދުވަހު، ކުޅަދާނަ އެކްޓަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްޓަރުގެ ފިލްމު "ބިޔޯންޑް ދަ ކްލައުޑްސް" އަދި އަބޭ ޑިއޯލް ލީޑު ރޯލުން ފެނިގެންދާ "ނާނޫ ކީ ޖާނޫ" ވެސް ރިލީޒް ކުރާނެ އެވެ.

ފިލްމު ރިލީޒް ކުރުން ހަފްތާއެއް ފަސްކުރި ކަން ހާމަކޮށް ފިލްމުގެ ޕްރޮޑިއުސަރު ސަންޖީވް ކުމާރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮންމެ ޕްރޮޑިއުސަރަކު ވެސް ބޭނުން ވާނީ ވާދަވެރިކަމެއް ނެތި ފިލްމު ރިލީޒް ކުރަން ކަމަށެވެ.

"ދާސް ދޭވް" އަކީ ލޯބީގެ ވާހަކަތަކެއްގެ މައްޗަށް އުފައްދައިފައިވާ ޕޮލިޓިކަލް ތުރިލާ އެކެވެ. ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ ރިޗާ ޗައްޑާ، ރާހުލް ބަޓް އަދި އަދިތީ ރާއޯ ހައިދަރީ އެވެ.

comment ކޮމެންޓް