ޕީޓާ ސެގަޓަށް ޕްރެޝަރާ ކުރިމަތިލާން އެނގޭނީ މިހެންވެ!

ބޫޓާންއާ ދެކޮޅަށް ނުކުތް މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ސެގަޓް ވާހަކަދައްކަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަކީ ދިވެހީންގެ ލެއެވެ. ގައުމީ ރަތް ޖާޒީ ރަމްޒުކޮށްދެނީ އެންމެ މީހެއް ދެމީހެއް، ޖާޒީލާ ކުޅުންތެރިޔާގެ އަމިއްލަ ނަފްސެއް ވެސް ނޫނެވެ. މުޅި ދިވެހި ގައުމެވެ. އެތަކެއް ރައްޔިތުންގެ އިހުސާސް އެ ޖާޒީއާ ގުޅިފައިވެ އެވެ.

އެތަކެއް ރައްޔިތުންތަކެއް ޝާމިލްވާ ގައުމީ ޓީމުގެ ކޯޗުގެ މަގާމަކީ ހޫނު ގޮނޑިއެކެވެ. ހާއްސަކޮށް ރާއްޖެ އައި ގިނަ ކޯޗުންތަކަކަށް އެކަން އިހުސާސް ކުރެވިއްޖެ އެވެ. މީކީ ރާއްޖެއަކު އެކަނިވެސް އެކަން ވާގޮތެއް ނޫނެވެ. ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން ތަންތާނގައި ވެސް ކޯޗުކަމަކީ ޕްރެޝަރުތަކެއް ކުރިމަތިވާ ކަމެކެވެ. ހާއްސަކޮށް ކާމިޔާބީއަށް އެދި ބަޔަކު މަސައްކަތްތަކެއް ކުރާ ނަމަ އެ ޕްރެޝަރު ބޮޑުވެ އެވެ.

މޮޅު ކޯޗަކަށް ނޫނީ ކާމިޔާބު ކޯޗަކަށްވުމަށް ޕްރެޝަރު ހޭންޑަލް ކުރަން ޖެހެ އެވެ. ހާއްސަކޮށް ކަމެއް ބަދަލުކޮށް، ބަޔަކަށް އެއްޗެއް ގަބޫލުކުރުވަން ބޭނުންވާ ނަމަ، ނިންމާ ނިންމުމަށް އަންނަ ޕްރެޝަރާ ކުރިމަތިލުމަކީ ކޯޗުންގެ ކިބައިގައި ހުރުން ލާޒިމު ކަމެކެވެ.

ކޮންމެއަކަސް އެތައް ކޯޗުންނެއް ރާއްޖޭގެ ގައުމީ ޓީމުގެ ހޫނު ގޮނޑި ފުރައިފި އެވެ. ފަހަކަށް އައިސް ރާއްޖޭގެ ގައުމީ ކޯޗުގެ ގޮނޑިއަކީ "ރާސް ރޫސް" ލައިފައި މޮޅެތި ކޯޗުން ފައިބައިގެންދާ ގޮނޑިއަކަށް ވެއްޖެ އެވެ. ދިވެހި ފުޓުބޯޅަ އަޑިއަޅާލި ދުވަސްވަރު ކޯޗެއް ހަރު ނުލުމަކީ ދިމާވި ގޮންޖެހުމެކެވެ.

ވެލިޒާ ޕޮޕޯވާ، ރިކީ ހާބަޓް އަދި ޑެރެން ސްޓެވާޓަށް ވެސް ރާއްޖޭގައި ހަރުލާ ގޮތްވެފައި ނުވާ އިރު، މިފަހަރު ރާއްޖެ އައީ ޕްރެޝަރުގެ ތަޖުރިބާ ބޮޑު ކޯޗެކެވެ. ޕީޓާ ސެގަޓެވެ.

ޕީޓާ ސެގަޓް ކޯޗުކަމާ ހަވާލުވުމާއެކު ބޮޑެތި ޕްރެޝަރުތަކެއް

ގައުމީ ކޯޗު ޕީޓާ ސެގަޓް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްރޮއޭޝިއާއަށް އުފަން ޕީޓާ ސެގަޓް ރާއްޖެ އައީ އާ މަސައްކަތަކަށް ނޫނެވެ. އޭނާ ކުރަމުން އަންނަ މަސައްކަތް ރާއްޖޭގައި ކުރުމަށެވެ. މީގެ ކުރިން ވެސް އޭނާ ގެންގުޅޭ ފިލޯސަފީ ރާއްޖޭގައި ނެގެހެއްޓުމަށެވެ.

ކޮންމެއަކަސް އޭނާ އައިސް ނިންމި ނިންމުންތަކަކާ އެކު އެތަކެއް ބައެއްގެ ނުރުހުން އަމާޒުވެފައިވާ އިރު، އެންމެ ބޮޑަށް މީހުން ފާޑުކިޔާ ކަމަކަށްވީ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޓީމުން ބޭރުކޮށްލުމެވެ.

"މެންޓާލިޓީ"ގެ މައްސަލައިގެ އިތުރުން ޕްރެސްއަށް ނުދިޔުމާ، މިކަހަލަ ކަންކަމުގެ ސަބަބުން ސެގަޓްގެ ފުރަތަމަ ވާދަވެރިކަމުގެ މެޗުގެ ސްކޮޑުން ދަގަނޑޭ ބޭރުކޮށްލުމާ އެކު އެތައް ސަޕޯޓަރުންނެއް ސެގަޓާ މެދު ނުރުހުނެވެ. ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ކޯޗު އަކުރަމް އަބްދުލްޣަނީ (އަކޫ)އަށް ދިނުމާއި، ކުރިން ވައިސް ކެޕްޓަން ކުރި އަސްހަދު އަލީ (އަޑޭ) އަމިއްލައަށް ރިޓަޔާކުރުން ހަމަ ޔަގީނުން ވެސް ކޯޗަށް ފަސޭހަ ނުވި އެވެ.

އަޑޭ އަތުން ބޭންޑް އަތުލެވުނު މައްސަލާގައި ކޯޗު މާފަށް ވެސް އެދިފައިވެ އެވެ. މިއީ ސެގަޓާއެކު ގައުމީ ޓީމަށް އައި ބޮޑު ލޮޅުމެވެ.

ބޫޓާންއާ ދެކޮޅަށް ނުކުތް މެޗުގެ ކުރިން ބޭއްވި ޕްރެސް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ ލޮޅުމާ އެކު ރައްޖޭގެ ނޫސްތަކާއި މީސް މީޑިއާއިން ސެގަޓް ފިއްތާލި އެވެ. ދަގަނޑޭއާ ދޭތެރޭ ސެގަޓް ކަން ކުރި ގޮތުން ފުޓުބޯޅަ އާއިލާގެ ބައެއް ކޯޗުން، އޭނާގެ ކިބައިން މާފަށް އެދެން ބުނެފައިވާ އިރު، ގިނަ ކޯޗުން ބުނެފައި ވަނީ ދަގަނޑޭ ޓީމުން ބޭރުކުރުމަކީ ފުޓުބޯޅާގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ގައުމީ ކޯޗަށް "ހިތްސާފު" ނުވާނެ ކަމަށް ވެސް ފުޓުބޯޅައިގެ ބައެއް ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފަ އެވެ.

ސެގަޓްގެ އިރުޝާދުގެ ދަށުން ކުޅުނު ވާދަވެރި ފުރަތަމަ މެޗުގައި ފެނިގެންދިޔައީ މިއިން ޒަމާނެއްގައި ވެސް ގައުމީ ޓީމު މެޗެއްގައި ގަލޮޅު ދަނޑު ފަޅުނުވާހާ ވަރަށް ފަޅުކަން ފެނުނު މެޗެއްގެ ގޮތުގަ އެވެ. އޭނާއަށް ނަފްރަތުކުރުމާއި ގައުމީ ޓީމަށް ނަފްރަތުކުރުމެވެ. އިތުބާރު ގެއްލި، އުންމީދެއް ނެތުމުންނެވެ. ދަގަނޑޭގެ ގިނަ ސަޕޯޓަރުން މެޗު ބޮއިކޮޓް ކުރި އިރު، ކޯޗުގެ ނިންމުމަކަށް އޭރު ވެސް މިހާރު ވެސް ބަދަލެއް ނާދެ އެވެ.

"ސަތޭކަ ޕަސެންޓް ދޭ ކުޅުންތެރިން ބޭނުން ވަނީ. އެހެން ނޫނީ ޒުވާން ކުޅުންތެރިންނަށް ޖާގަ ދޭން އަހަންނަށް ޖެހޭނެ،" ކޯޗު ތަކުރާރުކޮށް ބުނަމުން ދިޔައީ މިހެންނެވެ. އެ ސްޓޭންޑް ކޯޗު ނެގުމާ އެކު ކޯޗަށް ފާޑުކިޔާ މީހުންގެ ތެރެއިން އޭނާއަށް ތާއީދުކުރާ ބަޔަކު ވެސް ފެނުނެވެ. ހާއްސަކޮށް ގައުމީ ޓީމުގެ ޑިސިޕްލިން ނެގެހެއްޓުމަށް އޭނާ އެޅި ފިޔަވަޅުތަކާއި ހިފަހައްޓަން ބުނި ގޮތްތަކަށް ތައުރީފް ކުރާ މީހުން ވެސް އިތުރުވަމުން ދެ އެވެ.

ސުވާލަކީ ރާއްޖޭގެ ފުޓުބޯޅައިގެ ޕްރޮފެޝަނަލިޒަމަށާއި އަހުލާގަށް ކޯޗު ނިންމި ނިންމުންތަކަށް ކުރިމަތިކުރި ވަރުގަދަ ޕްރެޝަރު އޭނާއަށް ހެންޑަލް ކުރެވޭނެތޯ؟ މި އެވެ. ރާއްޖޭގެ ސަޕޯޓަރުންނާއި މީޑިއާތަކުން އޭނާއަށް ދިން ޕްރެޝަރު، އޭނާގެ ތަޖުރިބާއިން ހެންޑަލް ކުރެވޭނެތޯ؟ މި އެވެ.

ޕްރެޝަރު- ސެގަޓަށް އާ ކެމެއް ނޫން

ޕީޓާ ސެގަޓް އަފްގާންގައި ހޭދަކުރި ދުވަސްވަރުގެ ތެރެއިން --- ފޮޓޯ/ ގެޓީ

"އަހަރެން ކުރިން ހުރިތަން ހަނދާން ނައްތާނުލާ. އަހަރެން މިއައީ އަފްގާނިސްތާނުން. އަފްގާނިސްތާނުގައި އަހަންނަށް ދިމާވީ ގަބޫލުނުކުރެވޭނެ ކަމެއް. މެޗު ވިއްކުން. ކުޅުންތެރިން މެޗު ވިއްކި ކަމަށް ބުނުމުން ވެސް ފެޑަރޭޝަނުން ބުނީ އެ ކުޅުންތެރިޔާ އަނބުރާ ޓީމަށް ގެންނަން. ފަސް ހަ ކުޅުންތެރިން އެހެން ބުނި. އެހެންވީމަ އެ ކުޅުންތެރިޔާ ޓީމަށް ގެންނަން އަހަރެން ބޭނުން ނުވީ" ޕްރެޝަރާ ގުޅިގެން ފުރަތަމަ ވެސް ކޯޗު ކިޔައިދޭން ފެށީ އެންމެފަހުން އޭނާ ކޯޗުކަން ކޮށްދިން އަފްގާނިސްތާނުގައި ދިމާވި ބައެއް ކަންތައްތަކެއްގެ ވާހަކަ އެވެ.

"މީޑިއާއާ ހުރިހާ ކުޅުންތެރިން ކުރިމަތީގައި ވެސް އެ ކުޅުންތެރިޔާ ބުނި މެޗު ވިއްކާލި ވާހަކަ. ތިން މެޗު، ކޮންމެ މެޗެއް 2000 ޑޮލަރަށް ވިއްކާލީއޭ އޭރު ލާރި ބޭނުންވާތީ. އެތައް ކުޅުންތެރިންނަކަށް އެ ހުށަހެޅުން އައި. އެކަމަކު ގިނަ ކުޅުންތެރިން ނުނަގާ ދޫކޮށްލީ. މިއީ މީޓިންއެއްގެ ތެރެއިން ދެއްކި ވާހަކަ. އަހަންނަށް ހީވަނީ މިއީ އަހަރެންގެ ކެރެކްޓާ ދައްކުވައިދޭ ކަމެއްހެން. އަފްގާން ފެޑަރޭޝަނުން އެ ކުޅުންތެރިޔާ ނެގުމަށް އަހަންނަށް ޕްރެޝަރު ކުރި. އަހަންނަށް އެނގުނު ހުރިހާ އެއްޗެއް. އެނގުނީމަ ފީފާއަށް ވެސް އެނގިން. އެކަމަކު އަފްގާން ފެޑަރޭޝަނުން އަހަރެންގެ ޕާސްޕޯޓް ހިފަހައްޓާފަ ބުނި ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަކަށް ދާން ޖެހޭ،" ކޯޗު ކިޔައިދިނެވެ.

ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަފްގާންގެ ތާރީހުގައި ވެސް ފުޓުބޯޅައަށް ގެނައި އެންމެ ބޮޑު އިންގިލާބު ގެނައި ސެގަޓަށް އަފްގާންގެ އެތަކެއް ރައްޔިތުންނެއްގެ ލޯތްބާއި އިހުތިރާމް ލިބުނު އިރު، އަފްގާން ދޫކޮށް އޭނާ އައީ ފުޓުބޯޅަ އިދާރާގެ ވިސްނުން ބަލައި ނުގަތުމަށެވެ.

"މިދައްކަނީ އަފްގާންގެ ތާރީހުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަށް ފަހު ފެޑަރޭޝަނުން އަހަންނަށް ކުރި ޕްރެޝަރުގެ ވާހަކަ. ހުރިހާ އެންމެންގެ ލޯބި އަހަންނަށް ލިބިފައި އޭރު އޮތީ. އެތައް ފަހަރަކު ޓީމު ގޮވައިގެން ބޮމުގެ ހަމަލާތަކާ ކުރިމަތިލާން ޖެހުނު. ޓީމު ހިމާޔަތް ކުރުމުގެ ހުރިހާ ޒިންމާއެއް ނަގަނީ އަހަރެން. އަހަންނަށް ޔަގީން ކުޅުންތެރިން އަހަންނަށް އިހުތިރާމް ކުރާކަން. މުޅި ގައުމު ވެސް އަހަރެން ދެކެ ލޯބިވޭ، އިހުތިރާމް ކުރޭ. އެއީ ޔަގީން ކަމެއް. އަފްގާނިސްތާނުގައި ގަދަރުކުރެވޭ ޔޫރަޕްގެ މީހެއް މަދުވާނެ. އަހަންނަކީ ކްރިސްޓިއަނެއް. މުސްލިމެއް ވެސް ނޫން. އެކަމަކު އެމީހުން އަހަންނަށް އިހުތިރާމް ކުރި،" ސެގަޓް ބުންޏެވެ.

"އަހަރެން ބުނިން ޖެނެރަލް ސެކްރެޓަރީ ކައިރީ އަހަންނަށް ޓީމު ހިމާޔަތް ކުރެވެން ޖެހޭނެއޭ. ޖެނެރަލް ސެކްރެޓަރީ ބޭނުން ގޮތެއް ހަދާށޭ، މެޗު ވިއްކާލި ކުޅުންތެރިއަކު ޓީމަށް ނުނަގާނަމޭ. ނަގަންޏާ އަހަރެން މަގާމުގައި ހުންނަން ބޭނުން ނުވެއޭ. އެހިސާބުން އަހަރެން މަގާމުން ވަކިކޮށް، ޕާސްޕޯޓް ދީ، ލާރި ވެސް ނުދީ ކާބުލްއަށް ދޫކޮށްލީ. ސެކިއުރިޓީ، ބޯޑީ ގާޑުންގެ ހިދުމަތް ވެސް ކަނޑާލާފައި. އެއީ އަފްގާނިސްތާނުގައި ކިހާ ނުރައްކާ ކަމެއްކަން އެނގޭނީ މަދު ބަޔަކަށް، އެކަމަކު އަހަރެން ހިމާޔަތް ކޮށްދިން ބައެއް އެނގޭތަ؟ އާއްމު ރައްޔިތުން. އެމީހުން ބުނީ އަތް ލައިގެން ނުވާނޭ. މިއީ އަހަރެމެންގެ ކޯޗޭ. ސަބަބަކީ އަހަންނަށް ލިބުނު އިހުތިރާމް،" ސެގަޓް އޭނާ އަފްގާންގައި ކުރި ތަޖުރިބާ ހިއްސާކުރި އެވެ.

"ތަޖަކިސްތާނު މެޗަށް ގޮސް ބަލިވީ. ކުޅުންތެރިން ވެސް މެޗު ވިއްކާލި ކުޅުންތެރިޔާއާ ދެކޮޅުވެ، އޭނާ ލައްވާ އަނެއްކާ ވެސް އެހެން ބުނުވާ ހިސާބަށް ދިޔަ. އަހަރެން ޖެހިގެން އައި ދުވަހު ޖަރުމަނަށް ދިޔައީ. ޖަރުމަނުގައި މާ ގިނަ ދުވަހެއް ވެސް ނުވަނީސް އަފްގާން ފެޑަރޭޝަނުން ސިޓީ ފޮނުވައިފި އެނބުރި ޓީމަށް އަންނާށޭ ކިޔައިފައި. އަހަރެން ބުނީ ދެން ފުރުސަތެއް ނެތޭ. އެހެންވީމަ އަހަންނަށް މި ޕްރެޝަރު ހޭންޑަލް ނުވާނެއޭތަ ތިބުނަނީ؟" ސެގަޓް އިތުރަށް ބުންޏެވެ.

ގައުމީ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން ކޯޗު ސެގަޓް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަފްގާންގެ މި ހިނގާދިޔަ ކަންކަމުގެ ކުރިން ވެސް ސެގަޓްގެ ވާހަކައަކީ މުޅި ޔޫރަޕްގެ މީޑިއާތަކުގައި ވެސް ފަލަ ސުރުހީއަށް އެރި ވާހަކަތަކެކެވެ. ޖޯޖިއާގެ 21 އަހަރުން ދަށުގެ ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދިން ސެގަޓް، އެ ގައުމުގައި ކުރީ ހަމައެކަނި ފުޓުބޯޅަ ކޯޗެއްގެ ތަޖުރިބާއެއް ނޫނެވެ.

"ޖޯޖިއާގައި ދިމާވި ކަމެއް. ޖޯޖިއާގެ 21 އަހަރުން ދަށުގެ ޓީމުގައި އަހަރެން ހުރެ ރަޝިޔާގެ ޓީމު ބަލިކުރީ. ރަޝިޔާ-ޖޯޖިއާގެ ހާލަތު އެނގޭނެ އެންމެނަށް ވެސް. އެއީ އަބަދުހެން ހަނގުރާމައަކާ ގާތްވާ ވަރަށް ޖެހިފައި އޮންނަ ދެ ގައުމު. އަހަރެމެން ކޮލިފިކޭޝަންގައި ރަޝިޔާ ބަލިކުރީ. އެއީ ފުރަތަމަ ފަހަރަށް ކްރޮއޭޝިޔާގެ ކޯޗަކު ރަޝިޔާ ބަލިކުރި ފަހަރު. ވީ ގޮތަކީ އޭގެ ދުވަސްކޮޅެއް ފަހުން ފެޑަރޭޝަނުން ބޭނުންވީ އަހަރެން ގައުމީ ޓީމާ ހަވާލުވާން. އޭރު މަޝްރަހު އޮތީ ވަރަށް ބޮޑަށް ހޫނުވެފައި. ރަޝިޔާއާ ޖޯޖިއޯ ހަނގުރާމަ އިއުލާން ކުރި. އެކަމަކު ހަވާލުވިން. ހަވާލުވި އިރަށް ކޮންމެވެސް ސިޔާސީ މީހަކު ބޭނުންވެއްޖެ އަހަރެން ޓެކްނިކަލް ޑިރެކްޓަރަކަށް ލާފައި ހެކްޓާ ކޫޕާ ކޯޗަކަށް ލާން. އަހަރެންގެ ދަށުން އޭނަ މަސައްކަތް ކުރަނީ. އޭރު އެފްއޭ ރައީސަކަށް ހުރީ ނޯޑާ އަޚަލްސީ. ބައްސާމަށް އެނގޭނެ އޭނަ،" ޖޯޖިއާގައި ސެގަޓްގެ ހަޔާތުން ދުވަސްތަކެއްގެ ވާހަކަ އޭނާ ކިޔައިދޭން ފެށި އެވެ.

"ހަނގުރާމަ ފެށި ދުވަހު ޓިކެޓެއް ދީފައި ނޯޑާ ބުނީ އަހަރެން ކައިރީ ގައުމުން ބޭރަށް ދާށޭ އަވަހަށް. އަހަރެން ބުނިން މަގާމުން ވަކިކުރީހޭ. އޭނާ ބުނި ނޫނެކޭ. މަގާމަކުން ވަތްކެއް ނުކުރަމޭ. އެކަމަކު ޖޯޖިއާގައި މިހާރު ސަލާމަތްކަމެއް ނުދެވޭނެއޭ. އަހަރެން ބުނިން. ނޯޑާއޭ އެހެން މީހަކަށް ޓިކެޓް ދޭށޭ. ޖޯޖިއާ ރައްޔިތުން މިތާ ދިރިއުޅެންޏާ އަހަރެން އުޅޭނީ މިތާނގައޭ. އެހެން ނޫނީ ކިހިނެތް ޓީމުގެ ހުރިހާ އެންމެން އެއްކޮށޭ މިތިބީ ކިޔައިފައި އެ ކުޅުންތެރިން ކުރިމައްޗަށް އަރަނީ. އަހަރެން ބޭނުން ނުވީ ކުޅުންތެރިން ދޫކޮށްލަން. އަހަރެން މަޑުކުރީ. އުނދަގޫ ހާލަތެއް ދިމާވީ. އަހަރެންގެ އާއިލާއާއި ލޯބިވެރިޔާ ވެސް ވަރަށް ކަންބޮޑުވެގެން އުޅުނީ. ޖަރުމަނުގައި އެމީހުން ތިބީ. ޔޯކިމް ލޯވް (ޖަރުމަނު ގައުމީ ޓީމު ކޯޗު) ވެސް ގުޅި އަހަންނަށް، ގުޅާފައި ހައިރާންވެފައި ހުރީ މަޑުކުރީމަ،" ސެގަޓް ބުންޏެވެ.

ދުނިޔޭގެ އަދި ޔޫރަޕްގެ ސަމާލުކަމަށް ސެގަޓް އައީ ހަނގުރާމައިގެ ތެރެއަކުން ނޫނެވެ. ހަނގުރާމަ ނިމުމުން، ޖޯޖިއާގެ މިނިވަންކަމާ ގުޅިގެން ބޭއްވި ހާއްސަ އެއްވުމުގަ އެވެ.

"ހަނގުރާމައަށް ފަހު އޮތް ބޮޑު އެއްވުމެއް. އެމީހުން ބުނެފި ތިއީ އަހަރެމެންގެ ކޯޗޭ. ވާހަކަ ދައްކަން ޖެހޭނެއޭ. ދެ ލައްކައަށް ވުރެ ގިނަ މީހުން ކުރިމަތީ އަހަރެން ވާހަކަ ދެއްކީ އެދުވަހު. އެކުވެރިކަމާ ޖޯޖިއާގެ ކަންކަމާ ގުޅޭ ގޮތުން. އަހަރެން އެ ދުވަހުގެ ސްޕީޗުގައި ރަޝިޔާގެ މީހުންނާ ދިމާއަށް ބުނެވުނު 'ޓޭންކަރާ ބޮމާ ފޮނުވިޔަސް ޖޯޖިޔާ ރައްޔިތުންގެ އެކުވެރިކަމެއް ކެނޑިގެން ނުދާނެއޭ'. އެއީ ވަރަށް ތަފާތު ތަޖުރިބާއެއް. ޖޯޖިއާ އެފްއޭގެ އޭރުގެ ރައީސަކީ މިހާރު ފީފާގެ މަތީ މަގާމެއްގައި ހުރި މީހެއް. އޭނާ ހަނދާނެއް ނުނެތޭނެ އަހަރެން ކޮށްދިން އެއްވެސް ކަމެއް،" ސެގަޓް އޭނާ ޖޯޖިއާގައި ކުރި ތަޖުރިބާ ހިއްސާކުރި އެވެ.

ސެގަޓް ޖޯޖިއާ ގައުމީ ޓީމާއެކު ދެއްކި ކުރިއެރުމާއެކު ޖަރުމަންގެ 21 އަހަރުން ދަށުގެ ޓީމާ ހަވާލުވާން އެގައުމުގެ ފުޓުބޯޅަ އިދާރާއިން ޝޯޓްލިސްޓް ކުރި ކޯޗުންގެ ލިސްޓްގައި އޭނާ ހިމެނިފައިވާ އިރު، އެކަން ނުވީ އޭނާއަކީ ކްރޮއޭޝިއާއަށް އުފަން، ކްރޮއޭޝިއާގެ ރައްޔިތަކަށް ވާތީ ކަމަށް ސެގަޓް ބުންޏެވެ.

އަފްގާން އަދި ޖޯޖިއާގައި ވެސް އޭނާ ކުރި ތަޖުރިބާގެ އަލީގައި ސެގަޓް ބުނީ "އަހަރެން ބިރެއް ނުގަންނާނެ. އަހަރެން ޖެހިލުމެއް ނުވާނެ. ނިންމަން ޖެހޭ ނިންމުން ނިންމާނަން. މީޑިއާ އަކަށް ވަކި މީހަކަށް ބިރުން ގޯހެއް ރަނގަޅު ނުކޮށް ނުހުންނާނަން،" މިހެންނެވެ.

"އަހަރެންގެ ހިތް ސާފުވާނެ. އަހަރެން ބުނަން އަހަންނަށް ވެސް ގޯސްތައް ހެދޭނެ. މިސާލަކަށް އަޑޭގެ ކަންތަކުގައި. އަހަރެންނަކީ ވެސް ފުރިހަމަ މީހެއް ނޫން. އެކަމަކު އަހަންނަކީ ބިރުން ގޮތް ނިންމަން ނުކެރި ހުންނާނެ މީހެއް ނޫން. އަހަންނަކީ ކުޅުންތެރިން ކްލަބުތަކުގެ މައްޗަށް ބަސްބުނެ. ގައުމީ ޓީމުތަކަށް ނުފޫޒު ފޯރުވާ. ފެޑަރޭޝަނަށް ވުރެ މަތީ ކުޅުންތެރިން ތިބޭތަން ބަލަން ހުންނާނެ މީހެއް ނޫން. އެއީ އަހަންނަށް އެނގޭ އެއީ ގޯސް ކަންކަން ކަން. ގޯސް ކަމެއް ވެއްޖެއްޔާ ކޮންމެ މީހެއް ކުރިޔަސް އެކަމެއް އަހަރެން ހުއްޓުވާނަން،" ސެގަޓް އޭނާގެ ފަހު ބަހެއްގެ ގޮތުގައި ބުންޏެވެ.

ކޯޗު ފާހަގަކުރީ މިހާރުގެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، ޓެކްނިކަލް ބޭފުޅުން އޭނާ ގެންނަން ނިންމި ސަބަބަކީ ވެސް ރާއްޖޭގެ ފުޓުބޯޅައަށް ބަދަލެއް ގެނައުން ކަމަށް ވެދާނެ ކަމަށާއި އެކަމަށް އޭނާ ފަސް ނުޖެހޭނެ ކަމަށެވެ. ސެގަޓްގެ ފަރާތުން މިހާތަނަށް ފެނުނު ކަންތައްތަކަށް ރަނގަޅަށް ބެލި މީހަކަށް ވެސް އޭނާއަކީ ފަސް ބެލުމެއްނެތި ވަރުގަދަ ނިންމުންތައް ނިންމުމުގައި ފަސްނުޖެހޭނެ މީހެއްކަން އެނގޭނެ އެވެ. ކޮންމެ ޕްރެޝަރަކާ ކުރިމަތިލާން ޖެހުނަސް އެކަމަކުން އަރައިގަންނަން އެނގޭ ކޯޗެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް