ތޮއްޖެހިފައިވާ ކޮޒް ބާޒާރުގެ ހާލަތު ވިއްސާރަ މޫސުމާއެކު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ހީވެފައި

ބަނގުލަދޭޝްގެ ކޮޒް ބާޒާރުގައި ދިރިއުޅެމުންދާ ރޮހިންގާ ކުޑަކުއްޖަކު ރޮނީ: އެގައުމަށް މިމަހުގެ ތެރޭގައި ކުރިމަތިވެދާނެ ވިއްސާރަ މޫސުމާއެކު ތޮއްޖެހިފައިވާ ކޮޒް ބާޒާރުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައި --- ސަން ފޮޓޯ

ޖެނީވާ (ރޮއިޓާސް) – ބަނގުލަދޭޝަށް ވިއްސާރަ މޫސުން ބޯމަތިވެފައިވާއިރު، އެގައުމުގެ ކޮޒް ބާޒާރުގައި ތޮއްޖެހިގެން ދިރިއުޅެމުންދާ ރޮހިންގާގެ މުސްލިމުންގެ ހާލަތު އިތުރަށް ގޯސް ވެފައިވާ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކުރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ) އިން ބުނެފި އެވެ.

މިޔަންމާ އަސްކަރިއްޔާގެ އަނިޔާތަކާ ގުޅިގެން އެގައުމު ދޫކޮށް މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އަވަށްޓެރި ބަނގުލަދޭޝްއަށް ހިޖުރަކޮށްގެން އުޅޭ ގާތްގަނޑަކަށް ހަތް ލައްކަ ރޮހިންގާ މުސްލިމުން ދިރިއުޅެމުންދަނީ، ކޮޒް ބާޒާރުގައި ހަދާފައިވާ ދެރަ ނިކަމެތި ވަގުތީ ހިޔާތަކުގައެވެ.

އައިއެފްއާރުސީގެ އެމަޖެންސީ އޮޕަރޭޝަންސްގެ ހެޑް ސްޓީވް މެކްއެންޑުރިއު ވިދާޅުވީ، މިމަހުގެ ތެރޭގައި ބަނގުލަދޭޝަށް ކުރިމަތިވެދާނެ ވިއްސާރަ މޫސުމާ ދިމާކޮށް ކޮޒް ބާޒާރުގައި ކޮލެރާ ފަދަ ފެނުގެ ނިޒާމުން ޖެހިދާނެ ބަލިތައް ފެތުރިޔަ ނުދިނުމަށް އެ ޖަމިއްޔާގެ ކުލިނިކުތަކުގެ ފެންވަރު ރަގަނޅު ކުރަމުންދާ ކަމަށެވެ.

"މިތަން (ކޮޒް ބާޒާރު) ވަރަށް ހޫނު. ކާނާއާއި ބޯނެ ފެން ހޯދުން އެއީ ދަތިކަމެއް. އަދި އެ ކަންތައްތައް އިތުރަށް ގޯސްވެފައިވާއިރު ބޯމަތިވެފައިވާ ވިއްސާރަ މޫސުމާއި އެއަށްފަހު އަންނަ އޮތް ސައިކްލޯން ސީޒަންގެ ސަބަބުން އެކަން އިތުރަށް ވާނީ ގޯސް،" ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި މެކްއެންޑްރިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވިއްސާރަ މޫސުމުން ސަލާމަތްވުމަށް ރޮހިންގާގެ ރައްޔިތުން ދިރިއުޅެމުންދާ އޮނާއި ޕުލާސްޓިކު ޝީޓުތަކުން ހަދާފައިވާ ނިކަމެތި ހަޓުތައް އިތުރަށް ވަރުގަދަކޮށް، އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ މީހުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މޭމަހުގެ ފުރަތަމަ ދުވަހުގެ ކުރީން ރޮހިންގާގެ 25،000 އާއިލާއެއް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވޭނެ ކަމަށް މެކްއެންޑުރިއު ވިދާޅުވި އެވެ.

ކޮޒް ބާޒާރުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އައިއެފްއާރުސީން ބުނެފައިވާއިރު، އދ. ގެ ރެފިއުޖީންނާ ގުޅޭ އިދާރާ، ޔޫއެންއެޗްސީއާރު އިން މިދިޔަ ހަފްތާގައި ބުނެފައިވަނީ، ބަނގުލަދޭޝްއަށް ހިޖުރަ ކޮށްފައިވާ ރޮހިންގާގެ ރައްޔިތުން އެނބުރި މިޔަންމާއަށްދާނެ މާހައުލެއް އެގައުމުގައި ނެތް ކަމަށެވެ.

މެކްއެންޑްރިއު ވިދާޅުވީ، ކިތަންމެ ނިކަމެތި ހާލެއްގައި އުޅެންޖެހި، އާއިލާތައް ގެއްލިގެން ދިޔަ ނަމަވެސް، ރޮހިންގާގެ މީހުން އެމީހުން އުފަންވި ރަށުގެ ހާލަތު ބަލަން ބޭނުން ނުވާ ކަމަށެވެ. އަދި ގިނަ ބަޔަކު އެނބުރި ގައުމަށްދާން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް