ޖީއެމްއާރަށް އިތުރު 15 މިލިއަން ޑޮލަރު ނަގައިދޭން ނުޖެހޭކަމަށް ނިންމައިފި

ޖީއެމްއާރު ކުންފުނީގެ އިސް ވެރިންތަކަކާއެކު ކުރީގެ ރައީސް ނަޝީދު ---

ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުނިން ހިންގި އިރު ކޮށްފައިވާ ހަރަދުތަކާއި ގެއްލުމުގެ ބަދަލުގައި 15 މިލިއަން ޑޮލަރު ހޯދަން އެ ކުފުނިން ހުށަހެޅި މައްސަލާގައި އެ އަދަދަށް ޑޮލަރު ނަގައިދޭން ނުޖެހޭ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމައިފިއެވެ.

މީގެ ކުރިން ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ދިވެހި ސަރުކާރުން ޖީއެމްއާރަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 271 މިލިޔަން ޑޮލަރު ދެއްކަންޖެހޭކަމަށް ނިންމާފައެވެ. އެ ފައިސާ ދިވެހި ސަރުކާރުން ވަނީ 2016 ވަނަ އަހަރު އެއްފަހަރާ ދައްކައި ޚަލާސްކޮށްފައެވެ.

އޭގެ އިތުރުން ޖީއެމްއާރުން އެއާޕޯޓަށް ކުރި ހަރަދުތަކަށް 11.5 މިލިއަން ޑޮލަރާއި އިންޓަރެސްޓާ އެކު ޖުމްލަ 15 މިލިއަން ޑޮލަރު ނަގައިދޭން ޖީއެމްއާރުން ވަނީ އެދިފައެވެ.

އެމައްސަލާގައި މިދިޔަ ހަފްތާގައި އާބިޓްރޭޝަނުން ނިންމީ އެ އަދަދަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް "ސަން"އަށް އެނގިފައިވާ ގޮތުގައި، އެމްއޭސީއެލްއިން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 23،000 ޑޮލަރު ދައްކަން އާބިޓްރޭޝަނުން އަންގާފައިވެއެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ) ހިންގުމަށް އިންޑިއާގެ ޖީއެމްއާރާއެކު ހެދި އެއްބަސްވުން އުވާލުމުގެ ސަބަބުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހުނު 271 މިލިޔަން ޑޮލަރު، ދެއްކީ އެމްއެމްއޭއިން ގަނެފައިވާ ބޮންޑަކުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޖީއެމްއާރާއި ދިވެހި ސަރުކާރާ އެކުވި ކޮންސެޝަން އެއްބަސްވުން ރާއްޖެ އިން ބާތިލުކުރީ 2012 ނޮވެމްބަރު 27 ގައެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެ އެއްބަސްވުން އުވާލީ، އެ އެއްބަސްވުމުގައި ހިމެނޭ މާލީ، ގާނޫނީ އަދި ސަލާމަތީ ރައްކާތެރިކަމާ ގުޅޭ ގޮތުން ހެދި އޮޑިޓަކަށް ފަހުއެވެ.

comment ކޮމެންޓް