ދީނީ މައްސަލަތައް ހައްލުކުރުވަންވީ ތައުލީމީ ޒުވާނުން ލައްވައި: ޑިފެންސް މިނިސްޓަރު

އިސްލާމީ ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިން ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އާދަމް ޝަރީފް ވާހަކަދައްކަވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖެއަށް ދިމާވެފައިވާ ދީނީ އެކިއެކި މައްސަލަތައް ހައްލުކުރުވަންވީ ސިފައިންނާއި ފުލުހުންގެ ބަދަލުގައި ތައުލީމީ ޒުވާނުން ލައްވައިކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް، ދީނީ ގޮތުން ހައްދުފަހަނައަޅައިދިއުމާއި އަދި ވަކި ދީނެއް ގަބޫލުނުކުރާތަން ފެންނަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ތަފާތު އެތައް ކަމެއް ފެއްޓިދާނެ ކަމުގެ ބިރު ރާއްޖޭގައި އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ މަސައްކަތްތަކަށް ހިކުމަތްތެރިކަމާއެކީގައި ހިތްވަރާއެކީގައި މިގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުމަށް އެންމެ ރަނގަޅުވާނީ ސިފައިން ނުވަތަ ފުލުހުންނެއް ނޫން. އެކަމަށް އެންމެ އެކަށީގެންވަނީ ތައުލީމު ލިބިފައިވާ ހިތްވަރުގަދަ ޒުވާނުން ހިކުމަތްތެރިކަމާއެކު ޒުވާނުންނާއެކު މަސައްކަތްކުރެވޭނެ ޖޯޝުހުރި ހެޔޮ ލަފާ ރަނގަޅު ޒުވާން ޖީލެއް. މިރޭ މިދަސްވެނިވުމުން މިފެނިގެން މިދިޔައީ އެފަދަ އުފާވެރި މަންޒަރުތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީ ވުޖޫދަށް އައިސްފައިވަނީ ގައުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ވަގުތަށް ކަމަށާއި އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ފިކުރުތަކާއި ބައިބައިވުންތަކާ ހިލާފުތަކެއް ހުރިނަމަވެސް ގައުމީ ޔުނިވާސިޓީ ކުޑަދުވަސްކޮޅެއް ތެރޭ ވަރަށް ބޮޑަށް ކުރިއަރައި ގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް