"ދަޅަކް"ގެ ޝޫޓިން ނިންމާލައިފި

ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ކައްޓަރު އަދި ސްރީދޭވީ އާއި ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ލީޑު ރޯލުތަކުން ފެނިގެންދާ ފިލްމު 'ދަޅަކް'ގެ ޝޫޓިން ނިންމާލައިފި އެވެ.

ފިލްމުގެ ޝޫޓިން ނިމުނުކަން ހާމަކޮށްފައި ވަނީ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ޓުވީޓު ކުރި ފޮޓޯ އަކާ އެކު އެވެ. ފޮޓޯ އިން ފެނިގެން ދަނީ ޖާންވީ އާއި އިޝާންގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު ޝަޝާންކް ޚައިތަން އެވެ.

ކަރަން ބުނެފައި ވަނީ ޝަޝާންކް އަކީ އެންމެ ރަނގަޅު މުދައްރިސް ކަމަށާއި ޖާންވީ އާއި އިޝާން އަކީ ފިލްމުގެ ވިންދު ކަމަށެވެ.

'ދަޅަކް' އަކީ 2016 އަހަރު ރިލީޒް ކުރި ކާމިޔާބު މަރާޓީ ފިލްމު 'ސައިރާތު'ގެ ރީމޭކް އެކެވެ. 'ސައިރާތު' އަށް ވަނީ މުޅި އިންޑިއާގައި ވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ. އެއީ މަސްވެރިއެއްގެ ފިރިހެން ދަރިފުޅާއި ސިޔާސީ ލީޑަރެއްގެ އަންހެން ދަރިފުޅާ ދެމެދު އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

'ސައިރާތު' ބިނާކޮށްފައި ވަނީ މަހަރާޝްތްރަގައި ހިނގި ލޯބީގެ ހާދިސާއަކަށް ނަމަވެސް 'ދަޅަކް'ގައި ފެނިގެންދާ ލޯބިގެ ވާހަކަ ނިސްބަތް ވަނީ ރާޖަސްތާނަށެވެ.

މިއީ ޖާންވީގެ ފުރަތަމަ ފިލްމު ނަމަވެސް، އިޝާން ވަނީ މާޖިދް މަޖީދީގެ 'ބިޔޯންޑް ދަ ކްލައުޑްސް' އިން ފެނިގެން ގޮސްފަ އެވެ.

ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކުރާ އެ ފިލްމު ރިލީޒް ކުރާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.

comment ކޮމެންޓް