"ބާރަތު"ގައި ސަލްމާންއާއެކު ޕްރިޔަންކާ

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ކުރިއަށް އޮތް ފިލްމު "ބާރަތު"ގެ އަންހެން ލީޑަކަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހަމަޖައްސައިފިއެވެ.

ފިލްމުގެ އަންހެން ލީޑާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ދެކެވުނު ނަމަވެސް، ފިލްމު އުފައްދާ ފަރާތުން މީގެ ކުރިން އެއިން އެއްވެސް ވާހަކައެއް ޔަގީން ކޮށްދީފައެއް ނުވެއެވެ.

އެހެން ނަމަވެސް، މިހާރު އަލީ އައްބާސް އަދި ޕްރިޔަންކާވެސް ވަނީ ފިލްމުގައި ސަލްމާން ޚާންއާއެކު ފެނިގެން ދާނީ ޕަރިޔަންކާ ކަން ޔަގީން ކޮށްދީފައެވެ.

ޕްރިޔަންކާ ވަނީ ގިނަ ދުވަސްތަކެއް ފަހުން ސަލްމާން އާއެކު މަސައްކަތް ކޮށްލަން ލިބުމުން އެކަމާ އުފަލުން ހުރި ކަމަށް ބުނެފައެވެ. ދެމީހުން އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައި ވަނީ 2007 ވަނަ އަހަރު ރިލީޒް ކުރި "ސަލާމޭ އިޝްޤް" އިންނެވެ.

މިއީ 2016 ވަނަ އަހަރުގެ ފަހުން ޕްރިޔަންކާ މަސައްކަތް ކުރާ ފުރަތަމަ ބޮލީވުޑް ފިލްމެވެ.

"ބާރަތު" އަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ދެކުނު ކޮރެއާ ފިލްމު "އޯޑް ޓު މައި ފާދާ" ގެ އެޑެޕްޓޭޝަނެކެވެ.

ފިލްމުގެ ޝޫޓިން ލަންޑަންގައި ފަށާފައިވާ އިރު، އަބޫ ދާބީ، ސްޕެއިން، ޕަންޖާބް އަދި ނިއު ދިއްލީގައި ފިލްމުގެ އިތުރު މަންޒަރުތައް ނަގަން ވަނީ ހަމަޖެހިފައެވެ.

ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފިތުރު ޢީދާއި ދިމާކޮށެވެ.

comment ކޮމެންޓް