ރައީސް ނަޝީދަށް ކުރިމަތިލެވޭ ނަމަ އެއީ ގާނޫނު އަސާސީ ކަފުންކޮށް ވަޅުލުން: ޑރ. ހަލީލް

ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް ޑރ އަބްދުﷲ ހަލީލް--ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުޞަތު ދިނުމަކީ ގާނޫނު އަސާސީ ކަފުންކޮށް ވަޅުލުން ފަދަ ނުރައްކާތެރި ކަމެއް ކަމަށް ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

އދ.ގެ ގުނަވަނަކުން ކުރީގެ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލައި ނިންމި ނިންމަށް އިޝާރާތް ކުރައްވައި ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ ކުރީގެ ރައީސް ނަޝީދަކީ މުޖްރިމެއް ކަމަށާއި އެނާއަށް އިންތިހާބުން ފުރުޞަތު ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.

"ހަމަހަމަ ކަން ނެތި އެހެން ދިވެހި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ފަދަ ކަމެއް[އެއީ]. ނަޝީދަށް ރައްޔިތުން ނޫނެކޭ ބުނެފި،" ހަލީލް އޭނާގެ ޓުވީޓްގައި ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވި އިރު މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ނޯންނާނެކަން ތަކުރާރުކޮށް ވިދާޅުވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ނަޝީދަށް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް އެމަނިކުފާނު ބޭސްފަރުވާ އަކަށް ފޮނުވުމުން އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން މިހާރު އުޅުއްވަނީ ރާއްޖޭން ބޭރުގަ އެވެ.

ގާނޫނު އަސާސީގެ 109 މާއްދާގެ (ޅ)ގައި ބުނެފައި ވަނީ ޖިނާއި ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކަށް ރައީސް ކަމުގެ މަގާމަށް ކުރިމަތިލެވޭނީ އެހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރުވުމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ނަޝީދަށް ވާދަ ކުރެވެން ޖެހޭނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނިންމައި އެކަން އިއްޔެ ވަނީ ސަރުކާރަށް އަންގައިފަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން އެގޮތަށް ނިންމީ 2013 ވަނަ އަހަރު އަދި 2016 ވަނަ އަހަރު ނަޝީދު އެ ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު އެވެ. ނަޝީދު އޭރު މައްސަލަ ހުށަހެޅުއްވީ އިންސާފުން ބޭރުން ޝަރީއަތްކޮށް ހުކުމް ކޮށްފައިވާ ކަމަށާއި ހައްގުތައް ގެއްލި އިންތިހާބުގައި ވާދަ ކުރެވޭނެ މަގު ބަންދުވެފައިވާ ކަމަށް ބުނެ އެވެ.

ރައީސް ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނިންމީ ގިނަ ސަބަބުތަކެއް ދައްކައިފަ އެވެ.

އެ މައްސަލަ ނިންމައި މިއަދު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ ދަށުން ލިބިދޭން ޖެހޭ މިނިވަން އިންސާފުވެރި ޝަރީއަތެއް ލިބިދިނުމުން ރައީސް ނަޝީދު މަހުރޫކޮށްފައިވާކަން ހާމަވާ ކަމަށެވެ.

comment ކޮމެންޓް