ބަލި އެނދުގައި 10 އަހަރު، ބޭނުމީ ދީލަތި އެހީއެއް!

ހައްވާ ޝަނުމް ހަލީލް--- ފޮޓޯ/ އާއިލާ

ދަރިފުޅު ދުނިޔެއަށް އުފަންވާ ވަގުތަކީ އެ ދަރިފުޅުގެ މައިންބަފައިންނަށް އެންމެ އުފާވެރި ވަގުތުކޮޅޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ދަރިފުޅު ހެދި ބޮޑުވަމުންދާއިރު އެންމެ ކައިރީގައި ކުއްޖާއަށް އަޅާލާ އެހީތެރިވެދޭން ވެސް ތިބޭނީ އެ ކުއްޖާގެ މައިންބަފައިންނެވެ. މައިންބަފައިންނާ އެކީ ކުޅެލާ، ދުވެލާ، މަޖާކޮށްލާ ވަގުތަކަށް އެ މީހުން އަބަދުވެސް ކެނޑިނޭޅި އިންތިޒާރު ކުރާނެކަން ގައިމެވެ.

ބައެއް ކުދިންނަކީ އުފެދުމުގައި ވެސް ބޮޑެތި ނުކުޅެދުންތެރިކަން ލިބިފައިވާ ކުދިންނެވެ. ނަމަވެސް އުންމީދު ކަނޑާނުލާ ދިމާވާ ހުރިހާ ގޮންޖެހުންތައް ހުރަސްކޮށްގެން ނަމަވެސް ދަރިފުޅު ސަލާމަތް ކުރުމަށް ވީ ވަރަކުން މައިންބަފައިން މަސައްކަތް ކުރެއެވެ.

ލ. ގަމަށް އުފަން އުމުރުން 10 އަހަރުގެ ހައްވާ ޝަނުމް ހަލީލް އަކީ އުފެދުމުގައި ވެސް އެތައް ކަމަކުން މަހުރޫމްވެފައިވާ ކުއްޖެކެވެ.

ޝަނުމްގެ ބަލި ހާލަތާ ގުޅޭ ގޮތުން އޭނާގެ މަންމަ ޒައިނަބް އަހްމަދު "ސަން ކުލުނު" އަށް ބުނީ އުފަންވީއްސުރެ މިއަދާ ހަމައަށް އެ ކުއްޖާއަށް ގިނަ ފަރުވާތަކެއް ކުރަމުން އަންނަ ކަމަށެވެ.

އުފެދުމުގައި ވެސް ޝަނުމް އަކީ "ވާހަކަ ނުދެއްކޭ، ނުހިނގޭ، އިށީނދެގެން ނީދެވޭ،" ކުއްޖެއް ކަމަށް ޝަނުމްގެ މަންމަ ވަނީ ބުނެފައެވެ.

"އުފެދުމުގައި ވެސް ޝަނުމްގެ ފުރަގަސް ފަރާތެއް ނެތް. އަބަދު ހުންނަނީ ބޮޑުކަމު ދެވި. ލޭ ލީކުވަނީ ހަށިގަނޑު ތެރެއަށް،" ޒައިނަބް ބުންޏެވެ.

ޒައިނަބް ބުނީ ޝަނުމްއަށް ވާގޮތެއް ނޭނގޭ ކަމަށާއި ދުވަސްދުވަސްކޮޅުން ލޭމަދުވެގެން ގަޔަށް ލޭ އަޅާ ކަމަށެވެ. އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ގޮސް ދެއްކުމުން ބުނީ ދަރިފުޅުގެ ގޮހޮރު އެއްކޮށް ހަލާކުވެފައިވާ ކަމަށާއި އަވަހަށް ފަރުވާ ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ފަހަރު ޝަނުމްގެ ގޮހޮރުގެ އޮޕަރޭޝަނެއް ކުރެވުނު ކަމަށާއި އެ އޮޕަރޭޝަނަށް ފަހު އޭނާގެ ހާލަތު ކުރިއަށްވުރެ ރަނގަޅު ކަމަށް ޒައިނަބް ބުންޏެވެ.

"އޮޕަރޭޝަން ކުރުމުގެ ކުރިން އަބަދު ހޮޑުލެވޭނީ. އެއްވެސް ހިފެހެއްޓުމެއް ނެތި. އެކަމަކު އޮޕަރޭޝަންގެ ފަހުން ވަރަށް ރަނގަޅު. ހޮޑުލުން ވެސް މުޅިން މަނާވެފައި،" ޝަނުމްގެ މަންމަ ސަން ކުލުނަށް ބުންޏެވެ.

ޒައިނަބް ބުނީ ޝަނުމްއަށް ހިނގޭނެ ކަމުގެ އުންމީދު ޑަކްޓަރުން ދީފައިވާ ކަމަށެވެ. އަދި އަމިއްލައަށް އުޅެވޭވަރު ވެގެންދާނެ ކަމަށް ވެސް ޑަކްޓަރުން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޑަކްޓަރުން ހުރީ ޝަނުމްއަށް އެއް އަހަރުގެ ބޭސް ދީފައިވާ ކަމަށާއި މި އަހަރުގެ ޖުލައި މަހަށް ބޭސް ހުސްވާނެ ކަމަށް އޭނާ ބުންޏެވެ. އަދި ބޭސް ހުސްވުމުގެ ކުރިން ޑަކްޓަރަށް ދައްކަން ދާން ޖެހޭ ކަމަށް ވެސް ޒައިނަބް ބުންޏެވެ.

"ފިރިމީހާ އަކީ މަސްވެރިއެއް. މަހަށް ގޮސްގެން ލިބޭ ލާރިކޮޅު ބޭނުން ކޮށްގެން ރައްކާކުރަނީ. އެކަމަކު މިހާރު ވަރަށް ދަތިވެއްޖެ. ފަހަށް ރައްކާ ކުރާކަށް ނުހުރެ ރުފިޔާއެއް،" ޒައިނަބް ބުންޏެވެ.

އޭނާ ބުނީ ރޯދަމަސް ނިންމުމަށްފަހު މާލެ އަންނަން ނިންމާފައިވާ ކަމަށާއި މާލެ އައިސް އައިޖީއެމްއެޗަށް ދެއްކުމަށްފަހު ބޭސް ސިޓީ އާ އެއްކޮށް އާސަންދަ ހޯދުމަށް ހުށައަޅާނެ ކަމަށެވެ.

"އައިޖީއެމްއެޗްގެ ބޭސް ސިޓީއާ އެކީ އާސަންދައަށް ހުށަހަޅާނަން،" ޒައިނަބު ބުންޏެވެ.

ފަރުވާ ހޯދުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އިންޑިއާގެ ކޮޗިންގައި ހުރެގެން ދަރިފުޅަށް ފަރުވާ ކުރަން ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.

"ނަމަވެސް އަޅުގަނޑުމެން އަތަކު ނެތް އެވަރުގެ ތަނަވަސްކަމެއް. ތިބޭފުޅުންގެ އެހީ ބޭނުންވަނީ. ޝަނުމް ރަނގަޅުކުރަން ބޭނުން," ޒައިނަބު އަސަރާ އެކު ބުންޏެވެ.

އިންޑިއާގައި ހޭދަވާނެ ދުވަސްތަކަކީ ގިނަ ހަރަދުތަކެއް ހިނގާނެ ދުވަސްވަރެކެވެ. ޝަނުމްއަށް އިތުރު ފަރުވާ ކުރެވޭނެ މަގު ތަނަވަސްވެގެންދާނީ ޒައިނަބުގެ އަތްމަތި ތަނަވަސްވެގެންނެވެ.

ޒައިނަބު އެދެނީ ތިބޭފުޅުން ޝަނުމްއަށް ކުޑަ ނަމަވެސް މާލީ އެހީތެރިކަމެއް ދިނުމަށެވެ.

ހައްވާ ޝަނުމް ހަލީލް އަށް އެހީތެރިވުމަށް

ފޯނު ނަންބަރު: ‎9116956 (ފާތިމަތު ޝިފާޒާ/ ޝަނުމްގެ ދައްތަ)

ބީއެމްއެލް އެކައުންޓް ނަންބަރު: ‎7707364049101 (ޝަނުމްގެ މަންމަ ޒައިނަބު އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް