މާޒިޔާ ކައިރިން ބޭނުންވީ ތިން ޕޮއިންޓް، އެކަން ހާސިލުވި: ނިޒާމްބެ

ޓީސީގެ ކޯޗު ނިޒާމްބެ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެސްޓީއޯ މާލޭ ލީގުގެ ހަ ވަނަ ހަފްތާގެ ކުޅުން ނިމިފައިވާ އިރު، އެންމެ މުހިއްމު މޮޅެއް ހޯދި ޓީމަކީ ޓީސީ ސްޕޯޓްސް ކްލަބެވެ.

ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ވާދަކޮށް، 2-0ގެ ނަތީޖާއަކުން މެޗު ކާމިޔާކުރި ޓީސީ ވަނީ ލީގުގެ ހަތަރު ވަނައަށް ޖެހިލައިފަ އެވެ. ސީޒަންގެ ފެށުން ޓީސީއަށް ދަށްކޮށް ދިޔަ ނަމަވެސް މިހާރު ފެންނަމުންދަނީ ކުރީގެ ޓީސީއެވެ.

މާޒިޔާ މެޗަށް ފަހު ޓީސީގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗުން ބޭނުންވީ ތިން ޕޮއިންޓް ކަމަށާއި އެކަން ހާސިލްވި ކަމަށެވެ.

"މެޗުގެ އެންމެ މުހިއްމު ކަމަކަށްވީ ތިން ޕޮއިންޓް. ތިން ޕޮއިންޓް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެވަރެޖްކޮށް ބޭނުންވި ހުރިހާ ކަމެއް ހާސިލްވެގެން ނިމުނީ. ކްލީން ޝީޓަކާ އެކު ތިން ޕޮއިންޓް ލިބުނީމަ ހިތްހަމަ ޖެހޭ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ލީގުގައި ރިސްކުތަކެއް ނަގާނެ ވަގުތު ނުލިބޭނެ ކަމަށާއި އަމާޒު ހުރީ ސީދާ ނަތީޖާއަށް ކަމަށެވެ.

"މިހާރު މި ފޯކަސް ކުރަނީ ނަތީޖާއަށް. އެއީ ލީގަކީ މީ އެހާ ބޮޑަށް ރިސްކް ނަގައި ސަކަރާތް ޖެހޭނެ ލީގެއް ނޫން. އެއީ ޕްރިމިއާ ލީގަށް ކޮލިފައި ނުވެއްޖެ ނަމަ އޭގެ ސަބަބުން ދިމާވާ ކަންކަން ގިނަވާނެ. މުހިއްމު ކަމެއް މި ދެނީ ޕްރިމިއާ ލީގަށް،" ނިޒާމްބެ ބުންޏެވެ.

މާޒިޔާގެ ކޯޗު އިންމަ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓީސީ އަތުން ވި ބައްޔަކީ މި ސީޒަންގައި މާޒިޔާގެ ދެވަނަ ބައްޔެވެ. މީގެ ކުރިން ސީޒަންގައި އެޓީމު ބަލިވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުންނެވެ. ލީގު ތާވަލުގެ ތިންވަނައިގައި އޮތް މާޒިޔާއަށް ޓީސީ އަތުން ޕޮއިންޓެއް ނުލިބުން ވެގެންދިޔައީ މާޔޫސީ ކަމަކަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒު (އިންމަ) ބުނީ ކުޅުމާ މެދު އެއްވެސް ގޮތަކަށް ހިތްހަމަ ނުޖެހޭ ކަމަށާއި ޓީމުގެ މުހިއްމު ކުޅުންތެރިން ފަރާތުން ދަށް ކުޅުމެއް ފެނުމުން މާޔޫސްވާ ކަމަށެވެ.

މެޗުގައި ޓީސީއަށް ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އޭނާގެ ފުރަތަމަ ގޯލަކީ މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ)ގެ ފަރާތުން ފެނުނު ބޮޑު މިސްޓޭކެކެވެ.

މާޒިޔާގެ ކޯޗު އިންމަ ބުނީ ޑިފެންސިވް "ބްލަންޑާސް"ތައް ފެނުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި ޓީމުގެ ޑިފެންސް ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

މާލޭ ލީގުގެ ހަތްވަނަ ހަފްތާގައި ޓީސީ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. މާޒިޔާ ނުކުންނާނީ ލީގު ތާވަލުގެ ދެވަނާގައި އޮތް އީގަލްސްއާ ދެކޮޅަށެވެ.

comment ކޮމެންޓް