ތަފާތު ބޮޑުކޮށް ގްރީން ބަލިކޮށް، ނިއު އެއްވަނައަށް

މާލޭ ލީގުގައި ގްރީންއާއި ނިއު ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިއުއިން ކާމިޔާބުކުރީ 6-1ގެ ނަތީޖާއަކުން --- ސަން ފޮޓޯ

އެސްޓީއޯ މާލޭ ލީގުގައި ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މެޗުން މޮޅުވެ ނިއުއަށް ލީގު ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އީގަލްސް އޮތީ ކުޅުނު ހަ މެޗުން 11 ޕޮއިންޓާ އެކުގައެވެ. މެޗުން ބަލިވި ގްރީން އޮތީ ތާވަލުގެ ހަތްވަނައިގައެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ 6-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި ނިއުއިން ވަނީ ލީޑު ނަގައިފައެވެ. އެޓީމަށް ލީޑު ނަގައިދިނީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ގްރީންގެ އޭރިއާ ތެރެއަށް ވަދެ ނިއުގެ ސްޕެއިން ފޯވަޑް ގުއިލެމް މާޓީ ފޮނުވާލި ބޯޅަ، ގްރީންގެ ކީޕަރު ސާގޭ ސްމޮރޮޑިން ދިފާއުކުރި ނަމަވެސް ރިބައުންސް ބޯޅަ ދަގަނޑޭ ގޯލަށް ފޮނުވާލީ ފަސޭހަ ކަމާއެކުގައެވެ.

ފުރަތަމަ ގޯލް ޖެހިތާ ފަސް މިނެޓް ފަހުން ނިއުއިން ލީޑު ފުޅާކުރިއެވެ. ދަގަނޑޭ ތަނަވަސް ކޮށްދިން ފުރުސަތު ފަސޭހަ ކަމާއެކު ނިންމާލައިގެން ނިއުއަށް އެ ގޯލް ކާމިޔާބުކޮށްދިނީ ގުއިލެމްއެވެ.

މިއަދުގެ މެޗުގެ ގިނަ ވަގުތު ޑޮމިނޭޓް ކޮށްގެން ކުޅުނީ ނިއު ނަމަވެސް ގްރީންއިން ވަނީ މެޗަށް އަނބުރާ ވަނުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ނިއުގެ ޑިފެންސުން ހެދި ގޯހެއްގެ ބޭނުން ހިފައި ގްރީންގެ ބިދޭސީ ފޯވަޑް ރޮލާންޑް ރަސަލް ވަނީ އެޓީމަށް ފުރަތަމަ ހާފްގައި ގޯލެއްވެސް ޖަހައިދީފައެވެ.

ގްރީންގެ ގޯލަށް ފަހުވެސް މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފެއްދީ ނިއުއިންނެވެ. ހާފް ނިމުމުގެ ކުރިންް މެޗުގެ 33 ވަނަ މިނެޓުގައި ގުއިލެމްގެ ދެވަނަ ގޯލާއެކު ނިއުއިން ލީޑު ފުޅާކޮށްފައިވާ އިރު، އޭގެ ކުރިން ދަގަނޑޭ އަދި އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވުނެވެ.

ދެވަނަ ހާފަށްވެސް ވަރުގަދަކޮށް ނުކުތީ ނިއުއިންނެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ދަގަނޑޭ ޖެހި ގޯލާއެކު އެޓީމުން ނަތީޖާގެ ފަރަގު ބޮޑުކުރިއެވެ.

ދެވަނަ ހާފްގައި ގިނަ ޕާސްތަކެއް ޖަހައި، ނިއުގެ ފަރާތުން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނުތަން ފެނިފައިވާ އިރު، ނިއުގެ ފަސްވަނަ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ސެންޓޭއެވެ. ސެންޓޭ ގޯލް ޖެހީ ނިއުގެ މިޑްފީލްޑަރު އުމައިރު ތަނަވަސްކޮށްދިން ބޯޅައަކުންނެވެ.

މެޗުގެ ފަހު 20 ވަރަކަށް މިނެޓުގައިވެސް ނިއުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިފައެވެ. އެގޮތުން ހަމްޒާ މުހައްމަދު (ހަމްޕު) އާއި އުމެއިރުގެ ހަމަލާތައް ފާހަގަކޮށްލެވުނު އިރު، ގްރީންގެ އޭރިއާ ތެރެއަށް ވަދެ ކީޕަރު ނައްޓާލުމަށްފަހު ދަގަނޑޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

މެޗު ނިމެންދަނިކޮށް ގްރީންގެ ފޯވަޑް ރަސަލްގެ ފަރާތުން ބާރު ހަމަލާއެއް ފެނުނު ނަމަވެސް ނިއުގެެ ކީޕަރު އިމްރާން މުހައްމަދު (އިންމަ) ވަނީ ހުޝިޔާރު ކަމާއެކު އެ ހަމަލާ ދިފާއުކޮށްފައެވެ.

މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ނިއުގެ ހަވަނަ ގޯލް ޖަހައިދިނީ ހަމްޕުއެވެ. ހަމްޕުއަށް ފުރުސަތު ތަނަވަސް ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ދަގަނޑޭއެވެ.

މާލޭ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ވާދަކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ. މިރޭގެ މެޗު ފެށޭނީ 9:00ގައެވެ.

comment ކޮމެންޓް