ހިދުމަތް ހޯދާ ފަރާތްތަކުގެ ބޭފުޅުންނަށް ވެމްކޯގެ މުވައްޒަފުން ފާހަގަ ކުރުމުގެ ގޮތުން އާ ޔުނީފޯމެއް ތައާރަފުކޮށް އަންނަ ހަފުތާގައި ބޭނުންކުރަން ފަށާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.
މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ވެމްކޯގެ އެކި ޚިދުމަތްތަކުގައި ބޭނުންކުރަން ފަށާ ތަފާތު ޔުނިފޯމުތައް ވަނީ ދައްކާލާފައެވެ.
ވެށިފާރަވެރިން ނުވަތަ ގޭގެއިންނާ އަދި ވިޔަފާރިކުރާ ތަންތަނުން ކުނި އުކާ ވެމްކޯގެ މުވައްޒަފުން ދެން ތިބޭނީ ގަދަ ފެހިކުލައިގެ ޔުނީފޯމުގައެވެ. އަދި ވިއްސާރާ ދުވަސްތަކުގައި އެ މުވައްޒަފުން ބޭނުންކުރާނީ ކަޅު ކުލައިގެ ކޯޓެކެވެ.
މިހާރު ވމްކޯގެ ވެށިފާރަވެރިން ބޭނުންކުރަނީ ވެމްކޯގެ ލޯގޯ ޖަހާފައި ހުންނަ، ކަޅު ކުލައާއި ފެހި ކުލަ ހުންނަ ޓީޝާޓެކެވެ.
ވެށިފާރަވެރިންގެ އިސްކޮށް މަސައްކަތްކުރާ ޑިއުޓީ އޮފިސަރުންނާއި އަދި ޑްރައިވަރުންގެ ޔުނީފޯމަށް ވެސް ވެމްކޯއިން ވަނީ ބަދަލު ގެނެސްފައެވެ.
އެ މުވައްޒިފުން ދެން ބޭނުންކުރާނީ މަޑުފެހި ކުލައިގެ ޓީޝާޓެކެވެ. އަދި ޑިއުޓީ އޮފިސަރުންގެ ޔުނީފޯމާއެކު ޑޭޓާ ނެގުމުގައި ބޭނުންކުރާ ޓެބްލެޓުތައް ބޭނުންކުރުމުގެ ގޮތުން ދަބަހެއްވެސް ބޭނުންކުރާނެކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ދެން ބޭނުންކުރާނީ އޮރެންޖު ކުލައިގެ ވެސްޓެއް ކަަމަށްވެސް ވެމްކޯއިން ބުންޏެވެ.