Sun Online
ޑރ. އާއިޝަތު ރަފިއްޔާ (ކ) އަދި އައިމިނަތު ލައިލާ (ވ) ---
ޑރ. އާއިޝަތު ރަފިއްޔާ (ކ) އަދި އައިމިނަތު ލައިލާ (ވ) ---

އިނގިރޭސި ރާނީގެ ޔޫތު ލީޑަރުންގެ މެންޓޯ ޕެނަލްގައި މިއަހަރު ވެސް ޑރ. ރަފިއްޔާ

އައިޝަތު ފަރީޙާ
ލިޔުނީއައިޝަތު ފަރީޙާ

މުޖުތަމައުއަށް ހިދުމަތް ކޮށްދިނުމާއި ލިބިފައިވާ ހުނަރެއް ބޭނުންކޮށްގެން އާއްމުންގެ ދިރިއުޅުމަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ގެނައުމަށް އިސްނަގައިގެން މަސައްކަތްކުރާ ޒުވާނުންނަށް އިނގިރޭސި ރާނީ ދެއްވާ އެވޯޑް ލިބޭ ޒުވާނުންގެ މެންޓޯ ޕެނަލްގައި ހިމެނުނު ބޭފުޅުންގެ ތެރޭގައި މިއަހަރު ވެސް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ޒުވާނުން ބާރުވެރިކުރުވުމަށް އުފައްދާފައިވާ "ރަފީ" ޖަމިއްޔާގެ ފައުންޑިން ޕްރެޒިޑެންޓް ޑރ. އާއިޝަތުު ރަފިއްޔާ ހިމެނިއްޖެއެވެ.

މިއީ މި ޕެނަލްގައި ޑރ. ރަފިއްޔާ ހިމެނިވަޑައިގެންނެވި ތިންވަނަ އަހަރެވެ. ޕާސަނަލް މެންޓޯއެއްގެ އިތުރުން އެޑްވައިޒަރީ މެންޓާއެއްގެ ގޮތުގައި ވެސް ޑރ. ރަފިއްޔާ ހަރަކާތްތެރިވެ ލައްވާނެއެވެ.

ޑރ. ރަފިއްޔާގެ އިތުރުން އައިމިނަތު ލައިލާވެސް އެޑްވައިޒަރީ ޕެނަލްގައި ހިމެނިވަޑައިގަންނަވައެވެ. ލައިލާއަކީ ރަފީ ޖަމިއްޔާގެ ރިސާޗު އެންޑް ޕަބްލިކޭޝަން ކޮމެޓީގެ ޗީފް އެޑިޓަރެވެ.

ލައިލާ ވަނީ މީގެ ކުރިން އެސްޓީއޯގެ މާޗަންޑައިޒިންގް، ކްރެޑިޓް އެންޑް ލީގަލް އެފެއާޒް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ފަދަ ދާއިރާތަކުގެ މެނޭޖްމެންޓް މަގާމުތަކާއި، އެމްޑަބްލިއުއެސްސީގައިވެސް އިސް މަގާމުތައް އަދާކުރައްވާފައެވެ. ލައިލާ މިވަގުތު ގެންދަވަނީ މެލޭޝިއާގައި ޕީއެޗްޑީއަށް ކިޔަވާވިދާޅުވަމުންނެވެ.

ކުއީންސް ޔަންގް ލީޑާސް (ކިއުވައިއެލް)ގެ އެވޯޑް ލިބުނު ކުދިންނަށް ޔުނިވާސިޓީ އޮފް ކެމްބްރިޖް އިން ހިންގާ އެކްސްކުލޫސިވް ކޯހެއް ކަމަށްވާ، "ލީޑިން ޗޭންޖް"ގެ މެންޓޯއިންގެ ގޮތުގައި ހޮވާނީ ދުނިޔޭގެ އެކި ގައުމުތަކުން އެކި ދާއިރާތަކުގެ މާހިރުންނެވެ.

މިދިޔަ އަހަރު ރަފިއްޔާގެ މެންޓީއަކީ ގާނާއަށް އުފަން 21 އަހަރުގެ ވިނީފްރެޑް ސެލްބީ ނަމަކަށް ކިޔާ އަންހެން ޒުވާނެކެވެ. މިއަހަރު ރަފިއްޔާގެ މެންޓީ އަކީ ބާބަޑޯސްގެ ރޮނަލްޑް ކިންގްއެވެ.

މެންޓޯއިންގެ މަސައްކަތް ރަސްމީކޮށް ފަށާނީ އަންނަ ހަފްތާގައެވެ.

މިއީ ކޮމަންވެލްޓް ގައުމުތަކުން އަންނަން އޮތް ޖީލުތަކުގެ ޒުވާން ލީޑަރުން މެންޓޯކޮށް ގައިޑް ކޮށްދިނުމަށް ޓަކައި ކިއުވައިއެލްގެ ޕްރޮގްރާމް ހިންގާ ކެބްރިޖް ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް ކޮންޓިނިއުއިން އެޑިއުކޭޝަން އިން ހޮވާ މެންޓޯ އިންނެވެ.

އަންހެނުންނާއި ޒުވާނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޑރ. ރަފިއްޔާއަށް ވަނީ މީގެ ކުރިން ވެސް ބައިނަލްއަގްވާމީ ގިނަ އެވޯޑްތަކެއް ހޯއްދަވާފއެވެ.

އެގޮތުން ރޯޔަލް އިންސްޓިޓިއުޓު އޮފް ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓު އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދެކުނު އޭޝިއާގެ ފުރަތަމަ ހޮނޮރަރީ ޕްރެސިޑެންޓްކަން ލިބިވަޑައިގަތް ރަފިއްޔާ އަކީ، ގޯލްޑަން ގްލޯބް ޓައިގާ އައުޓްސްޓޭންޑިންގް ވިމެން ލީޑަޝިޕް އެވޯޑް ހޯދި ފުރަތަމަ ދިވެއްސެވެ.

infinity loading...
×
DB released 01.