ކޮމަންޑޫ ބިން ހިއްކާ ނިންމާލައިފި

ކޮމަންޑޫ ބިން ހިއްކާ ނިމިފައި --- ފޮޓޯ: ފޭސްބުކް

އެމްޓީސީސީއިން ށ. ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތްކޮށް ނިންމާލައިފިއެވެ.

އެރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އާރިފް އަހުމަދު "ސަން"އަށް ވިދާޅުވީ އެރަށުގެ ބިމަށް 10 ހެކްޓަރުގެ ބިން އިތުރު ކުރެވިފައިވާކަމަށް ލަފާކުރެވޭ ކަމަށެވެ.

ގާތްގަނޑަކަށް 1،880 މީހުންގެ އާބާދީއެއް އޮންނަ ށ. ކޮމަންޑޫއަށް އިތުރުކުރެވުނު ބައި އަދި ބޭނުންކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި ނުވި ނަމަވެސް އެރަށުގެ އިންޖީނުގެއާއި ވޭސްޓް މެނޭޖްމެންޓް ޔުނިޓު އަލަށް އިތުރުކުރެވުނު ބަޔަށް ބަދަލުކުރާނެކަމަށް އާރިފް ވިދާޅުވިއެވެ.

ކޮމަންޑޫ ބިން ހިއްކާފައި --- ފޮޓޯ: ފޭސްބުކް

އާރިފް ވިދާޅުވީ ހައުސިން ޔުނިޓު އެޅުމަށްވެސް ސަރުކާރަށް ހުށަހަޅާނެ ކަމަށާއި ގެސްޓްހައުސް ވިޔަފާރި ފެށުމަށް ރަށުގެ ބައެއް ރައްޔިތުން ޝައުގުވެރިކަން ފާޅުކުރާތީ އެ މަސައްކަތް ވެސް އެ ބައިގައި ފެށުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ރައްޔިތުން ބޭނުންވޭ މިތަން ވަރަށް ސާފުކޮށް ރީއްޗަށް ގެންގުޅެން. ވަރަށް އުންމީދުކޮށްގެން ތިބި ކަމެއް މި ހާސިލްވީ،" އާރިފް ވިދާޅުވީ މީގެ ކުރިން ކޮމަންޑޫގެ ބިން ނުހިއްކާ އިރު ބައެއް ގޭގޭގެ ފާރާ މޫދާ ދެމެދު އޮންނަނީ ފޫޓެއްހައި ވަރު ދުރުމިން ކަމަށެވެ. ބިން ހިއްކައި ނިމުމުން އުދަ އެރުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ ރައްޔިތުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމަންޑޫ ބިން ހިއްކާ ނިމިފައި --- ފޮޓޯ: ފޭސްބުކް

އެރަށުގެ ބިންހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީގެ މަހާޖައްރާފުންނެވެ. މަސައްކަތް ނިންމާލާފައިވަނީ ހަފްތާއެއްގެ ތެރޭގައެވެ.

comment ކޮމެންޓް