Sun Online
ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތްތައް ރާއްޖެއިން ދާ އުވައިޝް މުހައްމަދު (ކ) އަދި އަހުމަދު ޒަހާން ނަޒީރު (ވ) ---
ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތްތައް ރާއްޖެއިން ދާ އުވައިޝް މުހައްމަދު (ކ) އަދި އަހުމަދު ޒަހާން ނަޒީރު (ވ) ---

ރާއްޖެއިން މޮސްކޯއަށް ދާނެ ދެ ކުދިންނަކީ އުވައިޝްއާއި ޒަހާން

މުޙައްމަދު ޝަމްޢޫން
ލިޔުނީމުޙައްމަދު ޝަމްޢޫން

ފީފާގެ އޮފިޝަލް ސްޕޮންސަރެއް ކަމަށްވާ ގެޒްޕްރޮމްގެ ފަރާތުން ވޭތުވެދިޔަ ފަސް އަހަރު ވެސް ކުރިއަށް ގެންގޮސްފައިވާ "ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތްތައް މި އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ރަޝިޔާގެ މޮސްކޯގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މި އަހަރުގެ ހަރަކާތްތަކުގައި ބައިވެރިވާނެ ދިވެހި ދެ ކުދިންނަކީ އުވައިޝް މުހައްމަދު އަދި އަހުމަދު ޒަހާން ނަޒީރު އެވެ.

"ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތްތަކުގައި ރާއްޖެއަށް ފުރުސަތު ލިބުނީ ދެ ކުއްޖަކު ބައިވެރި ކުރުމަށެވެ. އެއް ކުއްޖަކީ 12 އަހަރުގެ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އަނެއް ފުރުސަތު ލިބިގެންދަނީ 12 އަހަރުގެ ޖާނަލިސްޓަކަށެވެ.

ރާއްޖެ އިން ފޮނުވާ ދެ ކުޅުންތެރިން ހޮވާފައި ވަނީ އެކަޑެމީތަކަށް ފުރުސަތު ހުޅުވާލައި އޭގެ ތެރެއިން ދެ ކުއްޖަކު ހޮވައިގެންނެވެ. ރާއްޖެ އަށް ލިބިފައިވާ ޑިފެންޑަރުގެ ޖާގަ އަށް ދާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އެކަޑެމީގެ އުވައިޝް އެވެ. އަދި ޖާނަލިސްޓްގެ ޖާގައަށް ދާނީ އާލީ ޓަޗް އެކަޑެމީގެ އަހުމަދު ޒަހާނެވެ.

"އަޅުގަނޑުމެން ހުޅުވާލީ ރާއްޖޭގެ އެކަޑެމީތަކަށް ޑިފެންޑަރުން ފޮނުވައިދުމަށް. އެއީ ރާއްޖެއަށް ލިބިފައި މިވަނީ ޑިފެންޑަރެއްގެ ސްލޮޓެއް. އެ ޑިފެންޑަރުންގެ ތެރެއިން ދެ ކުއްޖަކު ހޮވީ ފުޓުބޯޅައިގެ ތެރޭގައި މަސައްކަތް ކުރާ ދެ ކޯޗުންގެ އެހީގައި،" ކުދިންގެ ސެލެކްޝަންއާ ގުޅިގެން އެފްއޭއެމްގެ އެސިސްޓެންޓް ޓެކްނިކަލް ޑައިރެކްޓަރު އިހުސާން އަބްދުލްޣަނީ (ސާންތި) ސަން ސަޕޯޓްސް އަށް ވިދާޅުވި އެވެ.

ސާންތި ވިދާޅުވީ ކުޅުންތެރިއަކާއި ޖާނަލިސްޓެއް ފޮނުވަން އޮތް ނަމަވެސް އެމީހުން އަންގާފައި ވަނީ ޖާނަލިސްޓް ސްލޮޓަށް ވެސް ކުޅުންތެރިއަކު ފޮނުވައިދިނުމަށް ކަމަށެވެ.

"ބާރަ އަހަރުގެ ދެ ކުޅުންތެރިން މި ފޮނުވަނީ. ޖާނަލިސްޓްއަކަށް ވެސް ކުޅުންތެރިއަކު ފޮނުވަނީ. އެކޮޅަށް ދާ ޖާނަލިސްޓް ވެސް ޓީމާ އެކު ކުޅޭނެ ހަމަ. ޖާނަލިސްޓް ބޭނުން ކުރަނީ އަސްލު މީޑިއާއާ ރައްޓެހި ޕްރޮފެޝަނަލް ކުޅުންތެރިން އުފެއްދުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި،" ސާންތި ވިދާޅުވި އެވެ.

ސާންތި ވިދާޅުވީ ރާއްޖެ އިން ފޮނުވާ ދެ ކުޅުންތެރިން ހޮވުމުގައި އެކަޑެމީތަކުން ދެއްވި އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ. އަދި ހޮވުނު ދެ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ވެސް ސާންތި ވަނީ ހާއްސަ ގޮތެއްގައި ފާހަގަކުރައްވައިފަ އެވެ.

މިދިޔަ ފަސް އަހަރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގެ އެކިއެކި ގައުމުތައް ތަމްސީލުކުރާ ހާއްސަ ފުޓުބޯޅަ މުބާރާތެއްގެ އިތުރުން، މައުލޫމާތު ސެޝަންތަކާއި ފޯރަމްތައް ވެސް ކުރިއަށް ގެންދާނެ އެވެ.

މިދިޔަ އަހަރުގެ ކުރިއަށްދިޔަ "ފުޓްބޯލް ފޯ ފްރެންޑްޝިޕް" ފުޓުބޯޅަ މުބާރާތުގައި 64 ގައުމެއްގެ ކުޅުންތެރިން ބައިވެރިވެފައިވާ އިރު، މި އަހަރުގެ މުބާރާތުގައި 211 ގައުމަކުން ކުޅުންތެރިން ބައިވެރިވާނެ އެވެ. ވޯލްޑް ކަޕްގެ ފޯމެޓަށް ކުރިއަށްދާ މުބާރާތުގައި ވާދަކުރާ 32 ޓީމުގައި ކުޅޭނީ އެކިއެކި ގައުމުތަކުގެ ކުޅުންތެރިންނެވެ. އެކި ގައުމުތަކުން ޓީމުތަކުގެ މަގާމުތަކަށް ކުޅޭ ކުޅުންތެރިން މުބާރާތަށް ފޮނުވުމަށް ހަމެޖެހިފައިވާ އިރު، ގައުމުތަކުން ކުޅުންތެރިން ފޮނުވާނެ މަގާމު އަދި ޓީމު ހޮވާފައި ވަނީ ގުރުއަތު ނަގައިގެންނެވެ.

ރާއްޖެ އިން ވާދަކުރާ ކުޅުންތެރިޔާ ހިމެނެނީ "ވޭލް ޝާކު" ޓީމުގަ އެވެ. ރާއްޖެއަށް ފުރުސަތު ލިބިފައި ވަނީ އެ ޓީމަށް ޑިފެންޑަރެއް ފޮނުވުމުގެ ފުރުސަތެވެ. އޭނާއާ އެކު ޓީމުގައި ދެން ހިމެނެނީ ބުރުނާއީ ކީޕަރެއްގެ އިތުރުން ކޭޕް ވާޑް އައިލެންޑްސްގެ ޑިފެންޑަރެއް، ހޮންޑޫރަސް އަދި ބޮސްނިއާގެ މިޑްފީލްޑަރެއްގެ އިތުރުން ލުބުނާނުގެ ފޯވަޑެކެވެ.

"ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގައި ކުރިއަށްދާ ހަރަކާތްތައް ކަވަރު ކުރުމަށް 5،000 އަށް ވުރެ ގިނަ މީޑިއާގެ އައުޓްލެޓުން ހަރަކާތްތެރިވާ އިރު، "ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގައި ކުދިން ބައިވެރިކުރާ 211 ގައުމެއްގެ 12 އަހަރުން ދަށުގެ ޖާނަލިސްޓުންނަށް ހާއްސަ ޕްރެސް ސެންޓަރެއްގައި އެ ކުދިންނަށް ހާއްސަ ކަންތައްތަކެއް ކުރިއަށް ގެންދާނެ އެވެ.

"ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތްތަކަށް އދ. އިން ވެސް ވަރަށް ބޮޑަށް ތައުރީފްކޮށްފައިވާ އިރު، ރާއްޖެއަށް އެފަދަ ފުރުސަތެއް ލިބުމާ ގުޅިގެން ފުޓުބޯލް އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، "ފުޓްބޯލް ފޯ ފްރެންޑްޝިޕް" ފަދަ ހަރަކާތެއްގައި ދިވެހި ކުދިން ބައިވެރިވެގެން ދިޔުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެ ހަރަކާތަށް ދިވެހި ފުޓުބޯޅައަށް ލޯބިކުރާ އެންމެން ވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

infinity loading...
×
DB released 01.