ބެންގަލޫރާ ޗެންނާއީއާ ދެމެދު ރެއިލްވޭއެއް ހެދުމަށް ޗައިނާގެ އެހީ ހޯދަނީ

ޗައިނާގެ ހައިސްޕީޑް ރޭލެއް--

އިންޑިއާގެ ބެންގަލޫރާއި ޗެންނާއީއާ ދެމެދު ރެއިލްވޭއެއް ހެދުމަށް ޗައިނާގެ އެހީީއަށް އިންޑިއާއިން އެދިއްޖެކަމަށް އިންޑިއާގެ އޮފިޝަލަކު ބުނެފިއެވެ.

އިންޑިއާއިން ޗައިނާއަށް އެ ހުށަހެޅުން ހުށަހަޅައިފައިވަނީ ދެ ގައުމުގެ ދެމެދުގައި ބޭއްވި ސްޓެރެޓެޖިކް އިކޮނޮމިކް ޑައިލޮގް (އެސްއީޑީ)ގެ މަޝްވަރާތަކުގެ ތެރެއިންނެވެ.

އިންޑިއާއިން ބޭނުންވަނީ ބެންގަލޫރާ ޗެންނާއީއާ ދެމެދު ގަޑިއަކު 150 ކިލޯމީޓަރަށް ހައި ސްޕީޑް ރޭލުގައި ދަތުުރުކުރެވޭ މަގެއް ހަދާށެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ އެގަމުގެ ޖާންސީ އަދި އާގަރާ ގުޅޭ ރެއިލްވޭގެ ހިދުމަތް ތަރައްގީކުރުމަށް ޗައިނާގެ އެހީއަށް އެދިފައެވެ. އެ ތަން ތަރައްގީ ކުރުން މިފަހަރުވެސް އިންޑިއާއިން ޗައިނާގެ ކިބައިން އެދުނު ކަމަށް އޮފިޝަލު ބުންޏެވެ.

ޗައިނާއިން ބުނީ އެ ޕްރޮޕޯސަލްތައް ދިރާސާ ކުރުމަށްފަހު ޖަވާބެއް ދޭނެ ކަމަށެވެ.

ޗައިނާއިން ދަނީ ހައި ސްޕީޑް ރޭލްވޭތައް އިންޑިއާގައި އެޅުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އިންޑިއާއިން ވަނީ ޗެންނާއީއާ ނިއުދިއްލީގައި ހައި ސްޕީޑް ރެލްވޭ އެޅުމަށް ދިރާސާތައް ކުރަމުންނެވެ.

އިންޑިއާގެ މުމްބާއީ އަހުމަދުއާބާދާ ދެމެދު އަޅާ ރެއިލްވޭގެ މަސައްކަތް އިންޑިއާއިން ހަވާލުކޮށްފައިވަނީ ޖަޕާނަށެވެ.

ދުނިޔޭގެ އެންމެ ދިގު ރެއިލްވޭ އަޅާފައި އޮންނަނީ ޗައިނާގައެވެ. 22،000 ކިލޯމީޓަރުގެ ދިގު ރެއިލްވޭ ޗައިނާގެ ބޮޑެތި ސިޓީތަކާ ވަނީ ގުޅާލައިފައެވެ.

މަސްދަރު: އިކޮނޮމިކް ޓައިމްސް

comment ކޮމެންޓް