ވިކްޓަރީ މެޗަކީ ސޮބާއަށް ފައިނަލެއް!

ސޮބާ ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެސްޓީއޯ މާލޭ ލީގުގެ ތާވަލުގެ ފުލުގައި ކްލަބު ވެލެންސިއާ އޮތީ ކުޅުނު ހަތަރު މެޗުން އެންމެ ޕޮއިންޓަކާ އެކުގަ އެވެ.

ވެލެންސިއާގެ ދަށް ނަތީޖާތަކަކާ އެކު މާލޭ ލީގުގެ ގަދަ ހަޔަކަށް އެޓީމު ކުރާ އުންމީދު ފަނޑުވެފައިވާ އިރު، ވެލެންސިއާއަށް މެޗުތަކަކުން މޮޅުވާން މަޖުބޫރުވެފައިވާ ކަމަށް ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ވެސް ވަނީ ބުނެފަ އެވެ.

މާލޭ ލީގުގައި މިރޭ ވެލެންސިއާ އިން ނުކުންނާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިރޭގެ މެޗަށް ނުކުންނަ އިރު، ވިކްޓަރީ އޮތީ ފަސް މެޗުން ހޯދި ހަ ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގަ އެވެ.

މެޗާ ގުޅިގެން ވާހަކަ ދައްކަމުން ސޮބާ ބުނީ މިރޭގެ މެޗަކީ އޭނާގެ ޓީމަށް ފައިނަލެއް ކަމަށާއި މެޗަށް ނުކުންނާނީ ވެސް އެހެން ކަމަށް ދެކިގެން ކަމަށެވެ.

"ސީޒަންގައި މިހާރު ލިބެމުންދާ ނަތީޖާތަކަށް ބަލައިފައި ބުނެވިދާނެ ވިކްޓަރީ މެޗަކީ އަޅުގަނޑުމެންނަށް ފައިނަލް މެޗޭވެސް. އެއީ މެޗުން ޕޮއިންޓެއް ނުލިބިއްޖެ ނަމަ ވަރަށް އުނދަގޫވާނެ ކުރިއަށް ދާން. އެހެންވީމަ ކުޅުންތެރިންނާ މެނޭޖުމަންޓުން ވެސް މި ދެކެނީ މިއީ ފައިނަލް މެޗެއްގެ ގޮތުގައި،" ސޮބާ ބުންޏެވެ.

ވެލެންސިއާ އިން މާލޭ ލީގުގައި އެންމެފަހުން ކުޅެފައި ވަނީ މިދިޔަ މަހު 19 ވަނަ ދުވަހުގަ އެވެ. އިންޓަނޭޝަނަލް ބްރޭކަށް ފަހު ވެލެންސިއާ އިން ނިއުއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރުމާ އެކު ވެލެންސިއާއަށް ބޮޑު ބްރޭކެއް ލިބިފައިވެ އެވެ.

"ވެލެންސިއާއަށް ލިބުނު ބްރޭކްގެ ރަނގަޅުކަން އެނގޭނީ ވިކްޓަރީ މެޗަށް ފަހު. މިހާރު ނުބުނެވޭނެ ފިޓްނަސް މައްސަލައެއް އުޅޭނެއެކޭ. އެކަމަށް ވަރަށް މަސައްކަތް ކުރެވިއްޖެ. ކުޅުންތެރިންގެ ވިސްނުމުގެ މައްސަލައެއް މިހާރު އުޅޭނީ. އެ ކުޅުންތެރިން އަމިއްލަ ސެލްފަށް މިކަން ވާނެކަން ގަބޫލުކުރެވިއްޖެއްޔާ އެކަން ކުރެވޭނެ،" ވެލެންސިއާއަށް ލިބުނު ބްރޭކާ ގުޅިގެން ސޮބާ ބުންޏެވެ.

ސޮބާ އިތުރަށް ބުނީ ވިކްޓަރީން އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުން ކަމަށާއި އެންމެ ފަހުން އެޓީމު ކުޅުނު މެޗުގެ ނަތީޖާތަކަށް ބަލާލުން އެކަން އެނގޭ ކަމަށެވެ. ވިކްޓަރީއާ ދޭތެރޭ ސަމާލުވާނެ ކަމަށާއި މެޗަށް ނުކުންނާނީ މޮޅަކަށް ކަމަށް ވެސް ސޮބާ ބުންޏެވެ.

މިރޭގެ މެޗާ ގުޅިގެން ވިކްޓަރީގެ ހަންގޭރީ ކޯޗު، ލާޒްލޯ ކިސް ބުނީ ވިކްޓަރީން އެންމެ ފަހުން ޓީސީއާ ދެކޮޅަށް ހޯދި މޮޅާ އެކު އެޓީމަށް އުންމީދު ބޮޑު ކަމަށެވެ.

މީގެ އިތުރުން ވެސް ކިސް ވަނީ އޭނާ ވެލެންސިއާއާ އެކު ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އާކޮށްފަ އެވެ. ކިސް ބުނެފައި ވަނީ ގަލޮޅު ދަނޑު އޭރު އޮންނަނީ ފުރި ބާރުވެފައި ކަމަށާއި މިހާރު ދަނޑަށް ސަޕޯޓަރުން ނުވަނުމަކީ ނުހަނު ދެރަވާ ކަމެއް ކަމަށެވެ.

ވިކްޓަރީ އާއި ވެލެންސިއާ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00ގައި ގަލޮޅު ދަނޑުގަ އެވެ.

comment ކޮމެންޓް