މާމިގިލީ ޕޯޓަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި، އަންނަ މަހު އޮޕަރޭޝަންތައް ފަށާނެ

މާމިގިލި ޕޯޓުގެ މަސައްކަތްތައް އެމްޕީއެލް އިން ބަލަނީ --- ފޮޓޯ: އެމްޕީއެލް

އދ. މާމިގިލީ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ފެށޭނެ ކަމަށާއި އެ ޕޯޓަށް ބޭނުންވާ މީހުން ހޯދުމަށް އެމްޕީއެލް އިން އިއުލާންކޮށްފި އެވެ.

އެމްޕީއެލް އިން ބުނީ މިހާރު ކުރިއަށްދަނީ އެތަނުގައި ވަސީލަތްތައް ގާއިމް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

"އަންނަ މަހުގެ ދެވަނަ ދުވަހު ރަސްމީކޮށް ހިދުމަތްދެވޭން ފަށާނެ ކަމަށް މި ބެލެވެނީ. މިހާރު ކުރިއަށް ދަނީ ގްރައުންޑް ސާފުކުރުން ކަހަލަ ފައިނަލް މަސައްކަތްތައް،" އެމްޕީއެލްގެ އޮފިޝަލަކު ބުންޏެވެ.

މާމިގިލީ ބަނދަރުގެ އޮޕަރޭޝަންތައް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ފަށާއިރު އެތަނުގައި މަސައްކަތްކުރާނެ މީހުން ހޯދަން އެމްޕީއެލް އިން ވަނީ އިއްޔެ އިއުލާނުކޮށްފަ އެވެ.

އެގޮތުން އެސިސްޓެންޓް މެނޭޖަރަކާއި ހަ އެސިސްޓެންޓް އޮފިސަރުންނާއި ފޯކްލިފްޓް، ކެރޭން އޮޕަރޭޓަރުންގެ މަގާމަށް ދެ މީހުން ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ. މީގެ އިތުރުން ވިންޗްމަން އަކާއި ހަ ސެކިއުރިޓީ ގާޑުން އަދި ހަ ލޭބަރުން ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑި މިމަހުގެ 19 އަށް ހަމަވާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެމްޕީއެލް އިން ބުނީ މާމިގިލީ ޕޯޓު ހިންގާނީ އިންޓަނޭޝަނަލް ޕޯޓެއްގެ ގޮތުގައި ކަމަށެވެ. ކާގޯ އޮޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށާއި މަސައްކަތް ކުރިއަށްދާ ވަރަކުން ފުރިހަމަ އިންޓަނޭޝަނަލް ޕޯޓެއްގައި ހުންނާނެ ކަންތައް ފުރިހަމަ ކުރެވެމުންދާނެ ކަމަށް ވެސް އެމްޕީއެލް އިން ބުނެެ އެވެ.

comment ކޮމެންޓް