ގާޒާގެ ބިމު އަޑީގައި ހަދާފައިވާ 'އެންމެ ދިގު' ބިންގަރާސް އިސްރާއީލުން ހަލާކުކޮށްލައިފި

އިސްރާއީލުން ހަލާކުކޮށްލި ގާޒާގެ ބިންގަރާސް -- ފޮޓޯ: އިސްރާއީލް އަސްކަރިއްޔާ

ތެލްއަވީވް (އޭޕްރިލް 16): ގާޒާގެ ބިމު އަޑީގައި ހަދާފައިވާ ބިންގަރާހެއް އިސްރާއީލް އަސްކަރިއްޔާއިން ހަލާކުކޮށްލައިފި ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.

އިސްރާއީލްގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އެއީ މިހާތަނަށް ގާޒާއިން ފެނުނު އެފަދަ އެންމެ ދިގު އަދި އެންމެ ފުން ބިންގަރާހެވެ.

އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓެނެންޓް ކާނަލް ޖޮނަތަން ކޮންރިކަސް ވިދާޅުވި ގޮތުގައި ގާޒާގެ ވެރިކަން ކުރާ ހަމާސް އިން ހަދާފައިވާ އެބިންގަރާސް ފެށެނީ ގާޒާގެ ޖަބާލިޔާއިންނެވެ. އަދި އެބިންގަރާސް އިސްރާއީލްގެ ބޯޑަރު ފަހަނަ އަޅާ ދިޔަ ނަމަވެސް، އޭގެއިން އިސްރާއީލަށް ނިކުމެވޭ ގޮތެއް ހަދާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެބިންގަރާސް ވަނީ އިސްރާއިލަށް ހަމަލާދެވޭނެ ގޮތަށް ގާޒާގެ އެހެން ބިންގަރާސްތަކާ ގުޅުވާފައި ކަމަށް ވެސް ކޮންރިކަސް ވިދާޅުވި އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ކޮށްފައިވާ އެތުހުމަތުތަކާ ބެހޭ ގޮތުން ހަމާސްއިން ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. (ބީބީސީ)

comment ކޮމެންޓް