އަރަބި ސަމިޓުގެ ބަޔާނުގައި، އަރަބީންނަށް ހުރި ގޮންޖެހުންތަކާ ކުރިމަތިލެވޭފަދަ ނިންމުމެއް ނުހިމެނޭ

އަރަބި ސަމިޓްގައި ސައޫދީ ރަސްގެފާނު

ޒަހަރާން (އެޕްރީލް 16) : ސައުދީ އަރަބިޔާގެ ޒަހަރާންގައި ބޭއްވި އަރަބި ގައުމުތަކުގެ އިސްވެރިންގެ 29 ވަނަ ސަމިޓް ނިމިއްޖެއެވެ.

އަރަބި ބާވީސް ގައުމުގެ ތެރެއިން ސޯޅަ ގައުމެއްގެ އިސްވެރިން ބައިވެރިވި މި ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ނިންމި ނިންމުން ބާތިލުކަމަށާއި، އެ ނިންމުން ބަލައިނުގަންނާނެ ކަމަށެެވެ.

އަދި އިރުމަތީ ގުދުސަކީ އިސްރާއީލުން ގަދަބާރުން ހިފާފައިވާ ބިމެއްކަމަށާ، އެއީ މުސްތަގްބަލުގައި އުފައްދާ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށްކަމަށް ގަބޫލުކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ މައްސަލައާބެހޭގޮތުން މިސަމިޓުން ނިންމާފައިވަނީ އަރަބި އެހެން ސަމިޓްތަކުންވެސް ނިންމާފައިވާ ނިންމުމެވެ. އެއީ ހުޅަނގު އައްސޭރިއާއި ގާޒާގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމުގެ ފުރުސަތު އިސްރާއީލުން ދީ، އެކަން ކުރުމުން ނޫނީ އިސްރާއީލާއެކު ސުލްޙަ ނުވުމަށެވެ.

މިގޮތަށް އަރަބިން ލިޔުމުންނާއި ގަރާރުތަކުން ނިންމި ނަމަވެސް ސައޫދީ އަރަބިޔާއާއި ޔޫއޭއީ އަދި ގަތަރު ފަދަ އަރަބި ބައެއް ގައުމަކުން ގެންދަނީ ފަރުދާގެ އަނެއް ފަރާތުގައި މިއާ މުޅިން ޚިލާފަށް އިސްރާއީލާ ގުޅުންތަށް ގާއިމުކޮށް، އިސްރާއީލާ ވާހަކަ ދައްކައި ނުސީދާ ގޮތެއްގައި އިސްރާއީލަށް ވާގިވެރި ވަމުންނެވެ. މިގޮތުން އިރުމަތީ ގުދުސްގެ ބަދަލުގައި ހުޅަނގު އައްސޭރީގެ ކުޑަ ރަށެއްކަމަށްވާ އަބޫދީސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ސައޫދީ މަސްއޫލުވެރިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ފިއްތުންތަށް ކުރިމަތި ކުރެއްވިކަން ފަލަސްތީނުގެ މަސްއޫލުވެރިއަކު ދާދި ފަހުން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

އަދި ގުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އެމެރިކާ އިއްތިރާފްވި މައްސަލައާ ދެކޮޅަށް ސައޫދީ އަރަބިޔާއާއި ޔޫއޭއީ ފަދަ އަރަބި ގައުމުތަކުން ވާހަކަދައްކައި، އަދި އެކަން އެގައުމުތަކުން ކުށްވެރިކޮށްފައެއް ވެސް ނުވެއެވެ. އެކަން ކުށްވެރި ކުރީ އަރަބި އެހެން ގައުމުތަކުންނެވެ. މީގެ ބަދަލުގައި ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އިސްރާއީލުގެ ރައްޔިތުންނަށްވެސް ފަލަސްތީނުގެ ބިމުގައި ހައްގުތަކެއް އޮންނާނެ ކަމަށް ވިދާޅުވެ ބަޔާންތައްވެސް ދެއްވާފައެވެ. ފަލަސްތީނުން މިކަން ސިފަކޮށްފައިވަނީ ދެވަނަ ބެލްފޯ ޑެކްލަރޭޝަންގެ ގޮތުގައެވެ. ފަލަސްތީނުގެ ބިމުގައި އިސްރާއީލު މީހުންނަށް ހައްގުތަކެއް އޮންނާނެ ކަމަށް އަރަބި އެއްވެސް ވެރިއަކު މީގެކުރިން މިހާ ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެފައެއް ނުވެއެވެ.

މިސަމިޓްގައި އުރުދުންގެ ރަސްގެފާނު އަބްދުﷲ (ދެވަނަ) ވަނީ އަރަބި ސަމިޓްގެ ރިޔާސަތު ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ ހަވާލުކުރައްވާފައެވެ. މިސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި އީރާނުން މެދުއިރުމަތީގެ ގައުމުތަކަށް ހިންގާ ބާރާއި ނުފޫޒާ ކުރިމަތިލުމަށް އަރަބިން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައިވެއެވެ. އަދި އީރާނަކީ އަރަބިންގެ އެންމެ ބޮޑު ދުޝްމަނުކަން ދޭހަވާ އިބާރާތްތައް ސައޫދީއާއި ޔޫއޭއީން ސަމިޓްގެ ބަޔާނުގައި ހިމަނަން މަސައްކަތް ކުރުމުން އެހެން ގައުމުތަށް އެކަމާ ދެކޮޅު ހަދާފައިވެއެވެ.

މި ބަޔާނުގައި ސީރިއާ، ލީބިޔާ އަދި ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތައް ސުލްޙަވެރިކަމާއެކު ހައްލުކުރުމަށް ބާރުއަޅާފައި ވީ ނަމަވެސް އަރަބި ގައުމުތަކާ ކުރިމަތިވެފައިވާ ދާޚިލީ ހަނގުރާމަތަކާއި އެނޫނަސް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް ލިބޭ، ނޫނީ އެގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ ވަރުގަދަ ނިންމުމެއް އަރަބި ސަމިޓުން ނިންމާފައެއް ނުވެއެވެ.

އަރަބި ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ވަނީ ފަލަސްތީނަށް 200 މިލިޔަން ޑޮލަރުގެ އެހީއެއް ދިންކަން އިއުލާންކުރައްވާފައެވެ. ސަލްމާން ރަސްގެފާނު ވިދާޅުވީ ސައޫދީ އަރަބިޔާ ފަލަސްތީނު ރައްޔިތުންގެ މަތިން ހަނދާން ނައްތާނުލާނެ ކަމަށާއި ގުދުސަކީ ފަލަސްތީނުގެ ރަށެއްކަމަށާއި އެކަން އެނޫންގޮތަކަށް ސައޫދީން ބަލައިނުގަންނާނެ ކަމަށެވެ.

ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރާނެކަމަށްވެސް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ. މިސަމިޓްގައި ސައޫދީން ފަލަސްތީނަށް ދިނުމަށް ނިންމި 200 މިލިޔަން ޑޮލަރުގެ ތެރޭގައި ހިމެނެނީ ގުދުސްގައިވާ އިސްލާމީ ވަގްފުތަކާއި އާސާރީ ތަންތަން ޙިމާޔަތް ކުރުމަށް ދިން ސަތޭކަ ފަންސާސް މިލިޔަން ޑޮލަރާއި ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދޭ އދގެ ޖަމިއްޔާ "ޔުނަރުވާ"އަށް ދިން 50 މިލިޔަން ޑޮލަރު ކަމަށް ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވިއެވެ.

މިސަމިޓުގައި ސައޫދީ ހިމެނޭގޮތަށް އަރަބި ހަތަރު ގައުމަކުން ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލައާއި އެމެރިކާއާއި ހުޅަނގުގެ ބާރުތައް މިދިޔަ ހުކުރުދުވަހު ސޫރިޔާއަށް ދިން އުދުވާނީ ހަމަލާތަކުގެ މައްސަލަ އާބެހޭގޮތުން އެއްވެސް ވަރަކަށް މަޝްވަރާކޮށްފައެއް ނުވެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް