ނިއުއާ ދެކޮޅަށް ނުކުންނަ މެޗު އަބަދުވެސް ހާއްސަވާނެ: ސުޒޭން

ގްރީންގެ ކޯޗު، އަލީ ސުޒޭން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ މެޗުތަކަކީ އަބަދުވެސް ހާއްސަވާނެ މެޗުތައް ކަމަށް ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު، އަލީ ސުޒޭން ބުނެފިއެވެ.

ސުޒޭންއަކީ ދިވެހި ފުޓުބޯޅައިގައި އެންމެ ކާމިޔާބު އަދި އެންމެ ތަޖުރިބާ ބޮޑު އެއް ކޯޗެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ ކެރިއަރުގައި ފިޔަޖަހައިފައި ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގައެވެ. ނިއުއާއި ވިކްޓަރީއަކީ އަބަދުވެސް ދިވެހި ފުޓުބޯޅައިގައި ވާދަވެރިންނެވެ.

މި ސީޒަންގައި ގްރީންގެ ކޯޗުކަމުގައި ނުކުތް ސުޒޭން އެ ކްލަބާއެކު ފުރަތަމަ ފަހަރަށް ނިއުއާ ދެކޮޅަށް ނުކުންނާނީ މިއަދު މާލޭ ލީގުގައި ކުޅޭ މެޗުގައެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ސުޒޭންވަނީ އޭނާއާ ނިއުއާ ދެމެދު އޮންނަ "ޕްރޮފެޝަނަލް" ވާދަވެރި ކަމާ ގުޅިގެން ވާހަކަ ދައްކައިފައެވެ.

"ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗު އަޅުގަނޑަށް ހާއްސަ ވާނެ. އެއީ އަޅުގަނޑު ކުޅުނު އިރު ކުޅުނީ ވިކްޓަރީއަށް ކަމަށްވެފައި ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ވާދަވެރި ދެ ކްލަބަކީ އަދިވެސް އެ ދެ ކްލަބު ކަމަށްވާތީ. އެއިކީ ޒާތީ އެއްޗެއް ނޫން. އެއީ ޗެލެންޖެއް އަބަދުވެސް އޮންނަ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ނިއުގެ ކޯޗުކަން ކޮށްލަން ދެ ފަހަރެއްގެ މަތިން އޭނާއަށް ލިބުނު ކަމަށާއި، އެ މަގާމަށް އޭނާ ދާން ބޭނުން ނުވީ ނިއުއާ ޗެލެންޖު ކުރުމަކީ އަބަދުވެސް އޭނާއަށް މާ ހިތްހަމަ ޖެހުން ބޮޑު ކަމަކަށް ވާތީ ކަމަށެވެ.

"އަޅުގަނޑަށް ދެ ފަހަރަށް ޗާންސް ލިބުނު ނިއުއަށް ކޯޗު ކޮށްލަން. އޭރުގައި ޗާންސް ނުލިބުނީ. އަސްލު ނިއުއާ ޗެލެންޖު ކޮށްލަން މާ ރަނގަޅު ކަންނޭނގެ. މިހާރުވެސް އޭރުވެސް އެންމެ ވާދަވެރިކޮށް މޮޅަށް އޮންނަ ކްލަބު. މިހާރު ތަފާތު ބޮޑުކޮށް މޮޅުކޮށް އޮންނަ ކްލަބު. އެހެންވީމަ އެ ޗެލެންޖަކީ ކޮންމެހެންވެސް ނަގަން ޖެހޭ ޗެލެންޖެއް. ގޮނޑީގައި ހަމަޖެހިލައިގެން އިނުމަށްވުރެ ޖެލެންޖު ނެގުމަކީ މާ ބޮޑަށް ހިތްހަމަ ޖެހޭ ކަމެއް،" ސުޒޭން ފާހަގަކުރިއެވެ.

މިއަދުގެ މެޗަށް ނުކުންނަ އިރު ގްރީން އޮތީ ލީގުގައި ކުޅުނު ފަސް މެޗުން ފަސް ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ. މިވަގުތު އުނދަގޫ ހާލަތެއްގައި ގްރީން އޮތް އިރު، ސުޒޭން ބުނީ މެޗަކީ ގްރީންއަށް ވަރަށް މުހިއްމު މެޗެއް ކަމަށެވެ.

"ގްރީންއަށް މެޗު ވަރަށް މުހިއްމު. ގްރީން އޮތް ހާލަތަށް ބަލާ އިރު. ނިއު ބަލިކުރާ ވާހަކަ ދެއްކުމަކީ ދިވެހި ޓީމަކަށް ދައްކަން އުނދަގޫ ވާހަކައަކަށް ވެދާނެ. އެކަމަކު ނިއުރޭޑިއަންޓާއެކު މެޗު ދާ ގޮތުން، ސިޗުއޭޝަންއަށް ބަލައި އެކަން ކުރެވިދާނެ ކަމަށް ބަލާނީ،" ސުޒޭން ބުންޏެވެ.

މިއަދުގެ މެޗަށް ނިއު ނުކުންނާނީ މިދިޔަ ހަފްތާ ތެރޭގައި ކުޅުނު އޭއެފްސީ ކަޕް މެޗުގެ ބަލި، ހަނދާން ނައްތާލުމަށެވެ. ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުއިން މޮޅަށް ކުޅެ، ބަލިވީ ފަހުވަގުތު އެޓީމުން ޖެހި ގޯލުންނެވެ.

އިއްޔެގެ ޕްރެސްގައި ސުޒޭން ވަނީ ނިއުއިން ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި "ޑޮމިނެންސް"އަށް މަރުހަބާ ކިޔައިފައެވެ. އަދި އެ މެޗުގެ ސަބަބުން ދިވެހި ފުޓުބޯޅައަށް ނިއު ގެނެސްދިން އުންމީދުތަކަށް ޝުކުރު އަދާކޮށްފައެވެ.

ނިއުގެ އެސިސްޓެންޓް ކޯޗު އަޝްރަފު ލުތުފީ (ސަމްޕަތު) ބުނީ މިއަދުގެ މެޗަށް ޓީމު އޮތީ ކޮންފިޑެންސްގައި ކަމަށާއި، ބެންގަލޫރުގައި ލިބުނު ބަލި ހަނދާން ނައްތާލާ މިހާރު ވިސްނުން ހުރީ މާލޭގައި 2-0ގެ ނަތީޖާއަކުން އެޓީމު ބަލުކުރުމަށް ކަމަށެވެ.

"ގްރީން ސްޓްރީޓްސް ބަލަނީ އެންމެ ވަރުގަދަ ހަތަރު ވަރަކަށް ޓީމުގެ ތެރޭގައި. އެންމެފަހުން ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅު ކުޅުމެއް ކުޅެ، ވަރަށް ރަނގަޅަށް ކޮންފިޑެންސާއެކު ޓީމު އޮތީ. ބަލިވިޔަސް އެ ބަލި ނެތް އެއްވެސް ކުޅުންތެރިއަކު ހަނދާނުގައި،" ސަމްޕަތު ބުންޏެވެ.

ނިއުއާއި ގްރީން ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.

comment ކޮމެންޓް