އެންމެ ގިނައިން ކޮފީ އުފައްދަނީ ބްރެޒިލްގައި، އެންމެ ގިނައިން ކޮފީ ބޮނީ ފިންލޭންޑް މީހުން

ދުވަސް ފެށުމަށް ކޮފީ އަކީ ބައެއް މީހުންނަށް މިހާރު "ޒަރޫރީ" އެއްޗެކެވެ. ދުވަހުގެ މަސައްކަތުގައި އުޅެމުން ދޭތެރެއަކުން ކޮފީ ބްރޭކެއް ނަގައިލަ އެވެ. ރައްޓެހިންނާ ބައްދަލުކޮށް ވާހަކަ ދައްކާލެވެނީ ކޮފީ އަކުންނެވެ.

ކޮފީގެ ވާހަކަ ދައްކާއިރު އދ.ގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ޖަމްއިޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މީގެ ކުރިއާ އަޅާބަލާއިރު ކޮފީ ބޯ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ކޮފީ އަކީ ގަހެއްހައި އަޅާ "އޮށެކެވެ". ކޮފީ ހައްދާ ގައުމުތަކުގެ އަދަދު 50 އަށް އަރަ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ކޮފީ އުފައްދާ ގައުމަކީ ބްރެޒިލް އެވެ. މި ލިސްޓުގެ ދެވަނާގައި ވިއެޓްނާމު ހިމެނޭ އިރު ދެން އެންމެ ގިނައިން ކޮފީ އުފައްދާ ގައުމަކީ ކޮލަމްބިއާ އެވެ.

ފާއިތުވި އަހަރު ބްރެޒިލްގައި 60 ކިލޯގެ 51 މިލިއަން ބަސްދާ ކޮފީ އުފައްދާފައިވެ އެވެ.

ފެއާޓްރޭޑް ފައުންޑޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 125 މިލިއަނަށް ވުރެ ގިނަ މީހުންނަކީ އެމީހުންގެ ލައިފްސްޓައިލްގައި ކޮފީ ބުއިން ހިމަނާ މީހުންނެވެ.

ކޮފީ ބޯ މީހުންނަށް ބަލާއިރު ދުނިޔޭގައި އެންމެ ގިނައިން ކޮފީ ބޯ މީހުން އުޅެނީ ފިންލޭންޑްގަ އެވެ. ދެވަނާގައި އުޅެނީ ސްވެޑްން އެވެ. ތިންވަނާގައި އައިސްލޭންޑެވެ. އިނގިރޭސިވިލާތާއި އެމެރިކާ ހިމެނެނީ މިލިސްޓުގެ ނުވަވަނަ އަދި 10 ވަނައިގަ އެވެ.

ނަމަވެސް ކޮފީ އަށް އެންމެ ގިނައިން ހަރަދު ކުރަނީ އިނގިރޭސިވިލާތުގެ މީހުންނެވެ. އެގައުމުން މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ދެ ބިލިއަން ޑޮލަރަށް ވުރެ ގިނަ އިން ކޮފީއަށް ހަރަދުކޮށްފައިވެ އެވެ.

ލިސްޓުގެ ދެވަނަ ލިބެނީ މޯލްޓާއަށެވެ. ކޮފީ އަށް އެންމެ ގިނައިން ހަރަދު ކުރާ ގައުމުތަކުގެ ލިސްޓުގެ ތިންވަނަ ލިބެނީ އިޓަލީ އަށެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ޔޫރަޕުގެ ގައުމުތަކުގައި 22700 އަށް ވުރެ ގިނަ ކޮފީ ބްރޭންޑުތައް އެބަހުއްޓެވެ. އެމެރިކާގައި މި އަދަދު އުޅެނީ 27900 ގަ އެވެ. ޔޫރަޕުގެ ގައުމުތަކަށް ބަލާއިރު އެންމެ މަގުބޫލު ކޮފީ ބްރޭންޑަކީ ކޯސްޓާ ކޮފީ އެވެ. އެމެރިކާގައި އެންމެ މަގުބޫލީ ސްޓާބަކްސް އެވެ.

ކޮފީގެ ވައްތަރުތަކަށް ބަލާއިރު އެންމެ ގިނަ މީހުންނަށް ކަމުދަނީ ލާޓޭ ކަމަށާއި ދެން އެންމެ ގިނަ މީހުން ބޮނީ ކަޕަޗީނޯ ކަމަށް ވެސް ތަފާސްހިސާބުތައް ދައްކަ އެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު ކުރިއަށް އޮތްތަނުގައި ވެސް ކޮފީ އަށް އޮތް ސަޕޯޓު ދަށަށް ނުދާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް