ޒްލަޓަން ވޯލްޑް ކަޕްގައި ފެންނާނެ؟

ގެލެކްސީއަށް ކުޅުނު ފުރަތަމަ މެޗުގައި ގޯލް ޖެހުމަށްފަހު ޒްލަޓަން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ސްވިޑަން ގައުމީ ޓީމުން ރިޓަޔާ ކޮށްފައިވާ ފޯވަޑް، ޒްލަޓަން އިބްރަހިމޮވިޗް އަނެއްކާވެސް ގައުމީ ޓީމަށް ކުޅޭނެ ކަމުގެ އިޝާރާތެއް އޭނާ ދީފިއެވެ.

ޒްލަޓަން ގައުމީ ޓީމުން ރިޓަޔާ ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޔޫރޯއަށް ފަހުގައެވެ. އެހެން ނަމަވެސް އިޓަލީއާ ދެކޮޅަށް ސްވިޑަން ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފް ކާމިޔާބުކޮށް، އެ ގައުމު ވޯލްޑް ކަޕަށް ކޮލިފައިވި ހިސާބުން ޒްލަޓަން އެނބުރި ޓީމަށް އަންނާނެ ކަމަށް ބެލެވުނެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޒްލަޓަން އެމެރިކާ ލީގުގެ އެލްއޭ ގެލެކްސީއަށް ބަދަލުވީ މިދިޔަ މަހުގައެވެ. ގެލެކްސީއާއެކު ޒްލަޓަން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ޒްލަޓަން ވަނީ މީގެ ކުރިންވެސް އޭނާ ވޯލްޑް ކަޕަށް ދާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން އޭނާ ބުނެފައި ވަނީ ރަޝިޔާ ވޯލްޑް ކަޕަށް އޭނާ ދާން ބޭނުން ނަމަ ދާނެ ކަމަށެވެ.

މިފަހަރު ޒްލަޓަން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "ރަޝިޔާ ވޯލްޑް ކަޕަށް އޭނާ ދިއުމުގެ ފުރުސަތު ވަރަށް ބޮޑު" ކަމަށެވެ.

ޒްލަޓަން ސްވިޑަން ގައުމީ ޓީމަށް ކުޅެފައިވަނީ 2001 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށެވެ. އެ މުއްދަތުގައި 116 މެޗުން ޖެހި 62 ގޯލާއެކު ޒްލަޓަންއަކީ ސްވިޑަން ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ސްވިޑަން ހިމެނެނީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ އިތުރުން މެކްސިކޯ އަދި ދެކުނު ކޮރެޔާއާ އެއް ގްރޫޕެއްގައެވެ.

comment ކޮމެންޓް