ވީކެންޑް ބޮކްސް އޮފީސް: ރޮކްގެ "ރެމްޕޭޖް" އަށް އެއްވަނަ ލިބުނީ ކިރިޔާ

ދަ ރޮކްގެ ނަމުން މަޝްހޫރު ހޮލީވުޑްގެ އެކްޓަރު ޑްވޭން ޖޯންސަން ފެނިގެންދާ ފިލްމު، "ރެމްޕޭޖް"ގެ ޕޯސްޓަރެއްގައި ރޮކް އަދި އޭނާ ގެންގުޅޭ އެލްބީނޯ ގޮރެއްލާ --

ލޮސް އެންޖެލެސް، (ވެރައިޓީ.ކޮމް) --- ނަތީޖާ ނުކުންނާނެ ގޮތް ލަފާކުރަން ދަތި ހަފްތާ ބަންދަކަށްފަހު، އެމެރިކާގެ ބޮކްސް އޮފީހުގެ އެއްވަނަ، ދަ ރޮކްގެ ނަމުން މަޝްހޫރު ހޮލީވުޑްގެ އެކްޓަރު ޑްވޭން ޖޯންސަން ފެނިގެންދާ ފިލްމު، "ރެމްޕޭޖް" އިން ހޯދައިފި އެވެ.

ވޯނާ ބްރޯސް އަދި ނިއު ލައިން ސިނަމާގެ އެ ފިލްމަށް ބޮކްސް އޮފީހުގެ އެއްވަނަ ލިބުނީ، ހަފްތާ ބަންދުގެ ކުރީކޮޅު، ބޮކްސް އޮފީހުގެ އެއްވަނަ ހޯދާނެ ކަމަށް ލަފާ ކުރެވުނު ބިރުވެރި ފިލްމު، "އަ ކުއައެޓް ޕުލޭސް" އާ ކުޑަ ފަރަގެއްގެ ތަފާތުންނެވެ.

އެގޮތުން ދުނިޔޭގެ 4101 ތިއޭޓަރެއްގައި އަޅުވައިގެން "ރެމްޕޭޖް" އަށް ޖުމްލަ 34.5 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު، "ދަ ކުއައެޓް ޕުލޭސް" އަށް ލިބުނީ، ޖުމްލަ 32.6 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ 3589 ތިއޭޓަރެއްގައި އަޅުވައިގެންނެވެ.

އެމެރިކާގެ ބޮކްސް އޮފީހުގައި "ދަ ރެމްޕޭޖް" އަށް ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ބޭރު ދުނިޔޭގައި އެ ފިލްމަށް ލިބުނު އާމްދަނީ ރަގަނޅެވެ.

އެގޮތުން ޗައިނާ އިން އެކަނިވެސް 55 މިލިއަން އެމެރިކާ ޑޮލަރު ލިބުނުއިރު، ބޭރު އެހެން ގައުމުތަކުން ޖުމްލަ 114.1 މިލިއަން އެމެރިކާ ޑޮަލަރު އެ ފިލްމަށް ވަނީ ލިބިފައެވެ.

އެގޮތުން، އެ ފިލްމަށް ހަފްތާ ބަންދު ތެރޭގައި ޖުމްލަ ވަނީ 148.6 މިލިއަން ލިބިފައެވެ.

އެޑްވެންޗާ އެކްޝަން ފިލްމު "ރެމްޕޭޖް" ގައި ފެނިގެންދާނީ، ޕްރައިމަޓޮލޮޖިސްޓެއްގެ ރޯލުން ފިލްމުގައި ފެނިގެންދާ ރޮކް، އޭނާގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ގެންގުޅެމުންދިޔަ އެލްބީނޯ ގޮރެއްލާއަކަށް ހެދި ޖެނެޓިކް އެކްސްޕެރިމެންޓެއްގެ ސަބަބުން އޭތި އާދަޔާ ހިލާފަށް ބޮޑުވެ އެންމެންނަށް ނުރައްކާ ކުރަމުންދާ ތަނެވެ.

ރޮކްގެ އިތުރުން އެ ފިލްމުގެ މައި ރޯލު ތަކުން ދެން ފެނިގެންދާނީ ނައޯމީ ހެރިސް އަދި މާލީ ޝެލްޓަން އެވެ.

ބޮކްސް އޮފީހުގެ ދެވަނަ މަގާމަށް ވެއްޓުނު، "އަ ކުއައެޓް ޕުލޭސް" އަށް ހަފްތާ ބަންދުގައި އެމެރިކާ އަދި ބޭރު ގައުމުތަކުން ޖުމްލަ ލިބުނީ 99.6 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ އެ ފިލްމު ރިލީޒްކުރި ހަފްތާއާ އަޅާބަލާއިރު 35 ޕަސެންޓްގެ ވެއްޓުމެކެވެ.

ބޮކްސް އޮފީހުގެ ތިންވަނަ ލިބުނީ، ރެމްޕޭޖް އާއެކު މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ސުޕަނެޗުރަލް ހޮރޯ ފިލްމު، "ޓުރުތް އޯ ޑެއާ" އަށެވެ. އެމެރިކާގައި އެކަނި ރިލީޒްކުރި، ޔުނިވާސަލް އަދި ބުލަމްހައުސްގެ އެ ފިލްމަށް ހަފްތާ ބަންދުގައި ލިބުނީ 19.2 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ އެމެރިކާގެ 3029 ތިއޭޓަރެއްގައި އަޅުވައިގެންނެވެ.

comment ކޮމެންޓް