އެޑުއާޑޯގެ ހެޓްރިކާއެކު ޔޫވީ ބަލިކޮށް، ވަގުތީގޮތުން އީގަލްސް އެއްވަނައަށް

މާލޭ ލީގުގައި އީގަލްސްއާއި ޔޫވީ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު އީގަލްސްއިން ކާމިޔާބުކުރީ 4-2ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ލުއިޒް އެޑުއާޑޯގެ ހެޓްރިކާއެކު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ވަގުތީގޮތުން އީގަލްސް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މާލޭ ލީގު މެޗުގައި ޔޫވީގެ މައްޗަށް އީގަލްސްއިން ކުރި ހޯދީ 4-2 ލަނޑުގެ ނަތީޖާއަކުންނެވެ.

ތާވަލުގެ އެއްވަނައިގައި އޮތް އީގަލްސްއަށް ހަ މެޗުން 11 ޕޮއިންޓް ލިބިފައިވާ އިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަދި ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. އޭގެ ތެރެއިން ނިއުއިން ލީގުގައި މިހާތަނަށް ކުޅެފައިވަނީ ހަތަރު މެޗެވެ. މިރޭގެ މެޗުން ބަލިވި ޔޫވީ އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ.

މާލޭ ލީގުގައި އީގަލްސްއާއި ޔޫވީ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު އީގަލްސްއިން ކާމިޔާބުކުރީ 4-2ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިރޭގެ މެޗުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ އީގަލްސްއިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅުގައި އެޑުއާޑޯއަށް ލިބުނު ދެ ފުރުސަތަކާއި މުހައްމަދު ނާއިމްއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ.

އީގަލްސްއިން މެޗުގެ ލީޑު ހޯދީ 31 ވަނަ މިނެޓުގައެވެ. ޔޫވީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު، ހަސަން ރާއިފް އަހްމަދު (ހަންނަ) ދިން ބޯޅައަކުން އީގަލްސްއަށް ލީޑު ހޯދައިދިނީ ނާއިމްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ފޮނުވާލި ހަމަލާއަކުންނެވެ.

އީގަލްސްއިން އެ ލަނޑު ޖެހިތާ ދެ މިނެޓްތެރޭ އެޓީމަށް ލީޑު ފުޅާކޮށްލުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ރިޒޭ ދިން ބޯޅައެއް ހިފައިގެން ގޮސް، ކީޕަރު ތޮލާލް ހަސަން ބޯ މަތިން ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަނުމުގެ ކުރިން ޔޫވީގެ ޑިފެންޑަރު އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.

މާލޭ ލީގުގައި އީގަލްސްއާއި ޔޫވީ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު އީގަލްސްއިން ކާމިޔާބުކުރީ 4-2ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ފަހު ފަސް މިނެޓުތެރޭ ޔޫވީން ކުޅުން ރަނގަޅުކޮށް، ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ރަފީނިއާ ނަގައިދިން ކޯނަރަކުން ޔޫވީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ފައިރޫޒެވެ.

އެ ލަނޑު ޖެހުމުގެ ކުރިން ޔޫވީގެ ބިދޭސީ ފޯވަޑް ސެމިއުލް ކޯޑެލް ޑެވޯންއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އީގަލްސްގެ ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް) ކައިރިން ނައްޓާލުމަށް ފަހު، އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ދެ ޓީމުން ނުރައްކާކޮށްފައިވެއެވެ. އެގޮތުން ޔޫވީގެ ރަފީނިއާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވި އިރު، އީގަލްސްގެ އެޑުއާޑޯ ފޮނުވާލި ދެ ހަމަލާއެއްގެ ހުރަހަކަށްވީ ޔޫވީގެ ކީޕަރު ތޮލާލެވެ.

ޔޫވީން ވަނީ މެޗުގެ 52 ވަނަ މިނެޓުގައި ލަނޑެއްޖަހައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިފައެވެ. ޔޫވީގެ ޑިފެންޑަރު އާތުރް މުލާޒަނޯވް ނަގައިދިން ހިލޭ ޖެހުމަކުން އެޓީމަށް ލީޑު ހޯދައިދިނީ ސެމިއުލްއެވެ. އޭނާ ވަނީ ބޮލުން ޖަހައި ކީޕަރު ސުޖަންގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ޔޫވީން ލީޑު ހޯދުމާއެކު އީގަލްސްގެ ކުޅުން އިތުރަށް ވަރުގަދަކޮށް، މިނެޓެއްގެ ތެރޭގައި އީގަލްސްއިން ނަތީޖާ ހަމަހަމަކުރިއެވެ. އީގަލްސްއިން ފޮނުވާލި ހަމަލާއެއް ތޮލާލް މަތަކުރި ނަމަވެސް، ރީބައުންސް ބޯޅައިން އީގަލްސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބިދޭސީ ފޯވަޑް އެޑުއާޑޯއެވެ.

އީގަލްސްއިން ދެވަނަ ހާފުގެ ފަހުކޮޅުގައި ދެ ލަނޑު ކާމިޔާބުކުރުމުގެ ކުރިންވެސް އެޓީމުން ވަރުގަދަ ކުޅުމެއް ދައްކައި، ޔޫވީގެ ގޯލަށް ނުރައްކާކުރިއެވެ. އީގަލްސްއަށް ލިބުނު ފުރުސަތުތަކުގެ ތެރޭގައި އެޑުއާޑޯ ފޮނުވާލި ދެ ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާވެސް ޔޫވީގެ ކީޕަރު ތޮލާލް ވަނީ މަތަކޮށްފައެވެ.

މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، އީގަލްސްގެ އެޑުއާޑޯ ވަނީ ދެ ލަނޑުޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ 86 ވަނަ މިނެޓުގައި ހަންނަގެ ހިލޭ ޖެހުމަކުން އީގަލްސްއަށް އެޑުއާޑޯ ލީޑު ހޯދައިދިން އިރު، މެޗުގެ 88 ވަނަ މިނެޓުގައި އޭނާ ހެޓްރިކް ފުރިހަމަކުރީ ޔޫވީގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

މާލޭ ލީގުގައި މާދަމާވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ނިއުއާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރާ އިރު، މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ. މާދަމާ ހަވީރު ކުޅޭ މެޗުން ނިއު މޮޅުވެ ނުވަތަ އެއްވަރުވިޔަސް އެޓީމަށް އަލުން ތާވަލުގެ އެއްވަނަ ލިބޭނެއެވެ.

comment ކޮމެންޓް